އަޠުހަރުގެ މަރާއި ގުޅިގެން، އެކަން ހިނގާފައިވާ ގޮތް އޭނާގެ އާއިލާއާއި ނޫސްވެރިންނަށް ފުލުހުން ދައްކާލައިފިއެވެ. މިގޮތުން ދޫނިދޫ ޖަލުގައި އަޠުހަރު ހުރިއިރު ކަން ހިނގާފައިވާ ގޮތް ފެންނަ ފުޓޭޖްތަކާއި، އަންހެނަކު ރަހީނުކޮށްގެން އުޅުނު ވަގުތު އޭނާއާއި ފުލުހުން މުޢާމަލާތު ކުރަން މަސައްކަތް ކުރާ ވީޑިއޯއެއް ދައްކާފައިވެއެވެ.
ފުލުހުން ދެއްކި ތިރީހަކަށް މިނެޓުގެ ވީޑިއޯތަކުން ފުލުހުން އޭނާއަށް އަނިޔާކުރާ އެއްވެސް މަންޒަރެއް ފެނިފައިނުވާކަމަށް ބުނެއެވެ. އަދި އޭނާ ހައްޔަރުކުރެވިފައި ހުރި ތަނުގެތެރޭ ހިނގައިދިޔަ ހުރިހާ ކަމެއް އެވީޑިއޯތަކުން ސާފުކޮށް ފެންނަކަމަށްވެސް ބުނެއެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދާޚިލީ ވަޒީރު ވަނީ މިކަމާއިގުޅޭ ވަކި 3 ތަހުޤީޤެއް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކަންހިނގައިދިޔަ ގޮތް ފުލުހުންނާއި، ހިއުމަން ރައިޓްސް ކޮމިޝަން އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލާނެ ކަމަށް ވިދާޅުވިއެވެ.
މި ވީޑިއޯތައް އާއިލާއާއި ނޫސްވެރިންނަށް ދައްކާލާފައިމިވަނީ އަޠުހަރުގެ މަރާއި ގުޅިގެން މީސް މީޑިއާގައި ބައެއް ފަރާތްތަކުން ތަފާތު ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން ހިނގާފައިވާ ކަންކަމުގެ ހަޤީޤަތް ހާމަކުރުމަށް ފުލުހުން މިފަދަ ފިޔަވަޅެއް އަޅާފައިވާކަން ފާހަގަކުރެވެއެވެ.