ޓޯ ކުރާ އެއްވެސް އުޅަނދަކަށް ގެއްލުންވާ ގޮތަށް ޢަމަލުނުކުރާކަމުގެ ޔަޤީންކަން ފުލުހުން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޓޯ ކުރާ އެއްވެސް އުޅަނދަކަށް ގެއްލުންވާ ގޮތަށް ޢަމަލުނުކުރާކަމުގެ ޔަޤީންކަން ފުލުހުން ދީފި

ޤަވާއިދާ ޚިލާފުވެގެން ޓޯ ކުރާ އެއްވެސް އުޅަނދަކަށް ގެއްލުންވާ ގޮތަށް ޢަމަލުނުކުރާކަމުގެ ޔަޤީންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދީފިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، މަޢުލޫމާތު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ހެޑް މުޙައްމަދު ދާއޫދު ވިދާޅުވީ، ފުލުހުން ޓޯ ކޮށްގެން ގެންދާ އުޅަނދުތަކާމެދު ޢަމަލުކުރުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.

އެ އުސޫލުތަކުގެ ދަށުން، ފުރަތަމަ ޓޯ ޔާޑަށް ގެންގޮސް 7 ދުވަހުުވަހުގެ މުހުލަތެއް ދީ، ވެރިފަރާތުން ހާޒިރުވުމަށް އިޢުލާން ކުރެވޭ ކަމަށް ދާއޫދު ވިދާޅުވިއެވެ.

"މި 7 ދުވަސް ހަމަވުމަށްފަހު އިތުރު 60 ދުވަސް ޓޯ ޔާޑުގައި މަޑުކުރާނެ. އެ މުއްދަތުގެ ތެރޭގައި އެ ވެހިކަލްތަކުގެ ވެރިފަރާތްތަކުން ނާންނަ ކަމުގައިވަނީ ނަމަ، ދެން އަޅުގަނޑުމެން އެތަކެތީގެ ރެޖިސްޓްރީ ބާޠިލް ކުރުމަށް ޓްރާންސްޕޯޓަށް ފޮނުވާނީ. އޭގެ ފަހުން ދެން ހުއްޓެނީ ނައްތާލުމުގެ މަރުޙަލާއަށް. އެހިސާބުން ފެށިގެން ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދަން," ހުޅުމާލެ ޕޮލިސް ހެޑް ދާއޫދު ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އުޅަނދުތައް ނައްތާލުމުގެ މަރުޙަލާ އަބަދުވެސްުވެސް ކުރިއަށްގެންދަނީ އުސޫލާ އެއްގޮތަށް ކަމަށާއި، އަދި މިކަން ކުރުމުގައި އެއްވެސް ރައްޔިތެއްގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ޢަމަލު ނުކުރާނެ ކަމަށެވެ.

މި ބަޔާނުން އެނގެނީ، ފުލުހުން ޓޯކުރާ އުޅަނދުތަކާމެދު ޢަމަލުކުރުމުގައި ވަކި އުސޫލުތަކަކާއި މުއްދަތުތަކެއް ކަނޑައަޅާފައިވާކަމާއި، އެ އުސޫލުތަކުގެ ތެރެއިން ވެރިފަރާތްތަކަށް އެކަށީގެންވާ ފުރުޞަތުތަކެއް ދެވޭކަމެވެ. އަދި މި މުޅި ޕްރޮސެސްގައި ރައްޔިތުންގެ މުދަލަށް ގެއްލުން ނުދިނުމަށް ފުލުހުން ސަމާލުކަން ދޭކަން ވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން