ހއ. ހޯރަފުށީގައި ކޮންޓެއިނަރ ޓާމިނަލަކާއި ފްރީ ޒޯނެއް ތަރައްޤީކުރާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އުތުރުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޖީޙް ވިދާޅުވީ، ހޯރަފުށީ ފަޅު ހިއްކައިގެން އެ ބިމުގައި އެމްޕީއެލްއިން ކޮންޓެއިނަރ ޓާމިނަލަކާއި ފްރީ ޒޯނެއް ތަރައްޤީކޮށް، ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރެވޭނެ ގޮތްތައް ހަމަޖައްސާނެކަމަށެވެ.
"މިތަނުގައި ހިނގަމުންދާނީ ބައިނަލްއަޤްވާމީ ވިޔަފާރި، ބަންކަރިންގެ ންގެ ޚިދުމަތް. މިތަނުގައި ވިޔަފާރި ކުރެވޭނެގޮތަށް ވިޔަފާރި ސަރަޙައްދެއް އުފައްދާފައި، އެތަނުން ވިޔަފާރިއަށް ބިން ދޫކުރާނެ. މިކަމުގެ ސަބަބުން އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބޭނެ," ވަޖީޙް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ބައްޓަން ކުރުމުގައި ވަށާޖެހޭ ގޮތަކަށް މެރިޓައިމްގެ ދާއިރާއިން ކުރެވެން ހުރި ކަންކަން ކުރަމުންއަންނަކަން ވަޖީޙް ފާހަގަކުރެއްވިއެވެ. އަދި އުތުރުގެ މެރިޓައިމް ޚިދުމަތާއެކު ހއ. އުލިގަމުގައި ޤާއިމްކޮށްފައިވާ އޮފީސް މެދުވެރިކޮށް އެމްޕީއެލްއިން އެ ސަރަހައްދުގައި މެރިޓައިމް 14 ޚިދުމަތެއް ދޭނެކަމަށް ވަޖީޙް ވިދާޅުވިއެވެ.
މީގެއިތުރުން، މިހާރުވެސް ގްރީކްގެ 17 ބޯޓު އޮންނަ ކުންފުންޏަކުން ފެނުގެ އޯޑަރު ދީފައިވާކަން ވަޖީޙް ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި އިޤްތިޞާދީ ކުރިއެރުމަކާއި ވަޒީފާގެ ފުރުޞަތުތަކެއް އުފެދިގެންދާނެކަމަށް ބެލެވެއެވެ.