ޖިނާއީ ތަހުގީގުތައް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް މައްސަލަތަކުގެ މައުލޫމާތު ގަވާއިދުން ފޯރުކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބާރުއަޅުއްވައިފިއެވެ.
ކޮމިޝަނަރ މިކަމަށް ބާރުއެޅުއްވީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ އިސް އޮފިސަރުންނާއެކު ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމަކީ ތަހުގީގު ދާއިރާގެ ގާބިލުކަން އިތުރުކޮށް، މަސައްކަތުގެ ހަލުވިމިން ރަނގަޅުކުރުމުގެ އިތުރުން ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ތަހުގީގުގެ މިންގަނޑުތަކަށާއި ހެކީގެ ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެހެން އަވަސް އަދި ފުރިހަމަ ތަހުގީގުތަކެއް ކުރުމުގެ މުހިންމުކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ލަސްވުންތައް ކުޑަކޮށް، ނުނިމި ހުރި މައްސަލަތައް މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ވަނީ އިރުޝާދު ދެއްވާފައެވެ.
މީގެއިތުރުން، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ތަހުގީގު ކުރިއަށްދާ މަރުހަލާތަކުގެ މައުލޫމާތު ގަވާއިދުން ހިއްސާކުރުމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި އަނިޔާ ލިބޭ ފަރާތްތަކާ މުއާމަލާތުކުރުމުގައި އޯގާތެރިކަމާއި، އިހުތިރާމާއި ޕްރޮފެޝަނަލިޒަމް އިސްކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ޒަމާނީ ކުށްތަކަށް އަންނަ ބަދަލުތަކާއެކު އޮޅުންބޮޅުން ބޮޑު މައްސަލަތައް ތަހުގީގުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި، އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށްވެސް މި ބައްދަލުވުމުގައި ވަނީ ބާރުއަޅުއްވާފައެވެ. ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑަކީ ޖިނާއީ ބޮޑެތި ކުށްތަކާއި ހާއްސަ މައްސަލަތައް ތަހުގީގުކުރުމުގެ މައިގަނޑު ޒިންމާ އުފުލާ ބަހާއެވެ.