ޝަހާދަތަކީ ހަމައެކަނި ދަރިން ނިންދަވާއިރު ކިޔުއްވާ އެއްޗަކަށް ހަދައިގެން ނުނިމޭނެ! ދަރިން ލައްވައި ޢަމަލުކުރުވަންވެސް ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޝަހާދަތަކީ ހަމައެކަނި ދަރިން ނިންދަވާއިރު ކިޔުއްވާ އެއްޗަކަށް ހަދައިގެން ނުނިމޭނެ! ދަރިން ލައްވައި ޢަމަލުކުރުވަންވެސް ޖެހޭނެ!

ދަރިން ނިންދަވާއިރު މަންމަ ނުވަތަ ބައްޕަ ދަރިންނަށް ޝަހާދަތް ކިޔައިދެއެވެ. އެހެންކަމުން ދަރިންނަށް އެންމެ އަވަހަށް ދަސްވާ އެއްޗަކަށްވެސް ވެފައި އޮންނަނީ ޝަހާދަތެވެ! ނަމަވެސް ސުވާލަކީ އެވަރުން ފުދޭހެއްހެއްޔެވެ؟ ނުފުދޭކަން ޔަޤީނެވެ. 

ދަރިން ނިންދަވާއިރު ޝަހާދަތް ކިޔައިދޭ ފަދައިން ޝަހާދަތުގެ މަތީގައި ސާބިތުވުމަށްވެސް ހިތްވަރުދޭންވާނެއެވެ! ޢުމުރާއި ގުޅޭގޮތަށް އެންމެ ތުއްތުއިރުންސުރެ ދީނީ ނަޞޭޙަތްދޭންވާނެއެވެ. ޢުމުރާއި ގުޅޫވަރަށް ދީނުގެ ކަންކަމަށް ހޭލުންތެރިކުރުވަން ވަރަށް ބޮޑަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. 

ޝަހާދަތުގެ މަތީގައި ސާބިތުވެއްޖެ މީހާ އެވަނީ ދެ ދުނިޔެ ކާމިޔާބުކޮށްފައެވެ. ޝަހާދަތް ކިޔައިލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ބުރައީ ޝަހާދަތުގެ މަތީގައި ސާބިތުވެ ދެމިހުރުމެވެ. އަހަރެމެންގެ ތެރެއިން ގިނަ ބައަކު ފޭލްވަމުން މިދަނީ ޝަހާދަތުގެ މަތީގައި ސާބިތުނުވެވޭތީއެވެ. 

ޝަހާދަތުގެ މަތީގައި ސާބިތުވެ ހުރެވޭމީހާ ފާފަކުރަން ބިރުވެތިވާނެއެވެ. ޖެހިލުންވާނެއެވެ. އަދި ވީހާގިނައިން ހެޔޮޢަމަލުތައްކުރަން ބޭނުންވާނެއެވެ. ވީހާބޮޑަށް ﷲ ތަޢަލާއާއި ކުއްތަންވާން ގަދައަޅައި މަސައްކަތްކުރާނެއެވެ. އެކަންކަން ނުކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ދުލުން ޝަހާދަތްކީނަމަވެސް ޝަހާދަތުގެ މަތީގައެއް ނޫނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން