ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއިއެކު ތައްޔާރީ ކާނާގެ ބާވަތްތައް ކެއުން އަންނަނީ ގިނަވަމުންނެވެ. ތާޒާ މަހުގެ ބާވަތްތައް ރޯފިލުވައިލާނެ ވަޤުތު ނުއޮންނާތީ އެއްބައި ރޯފިލުވާފައި ނުވަތަ އެކުގައި ރޯފިލުވާފައި ހުންނަ ބާވަތްތައް ބޭނުންކުރާ މީހުންވެސް އަންނަނީ ގިނަވަމުންނެވެ.
ތާޒާ ތަރުކާރީ ކެއުންވެސް މިވަނީ ބުރައަކަށްވެފައެވެ. ބުރައަކަށް ނުވާނީ ކޮންކަމެއް ހެއްޔެވެ؟ ތާޒާ މޭވާއަކުން ޖޫސް ގިރައިލުންވެސް އޮންނަނީ ބޮޑުކަމަކަށްވެފައެވެ. އެހެންވެ ބޭނުންކުރަނީ ތައްޔާރީ ބުއިންތަކެވެ. ގިރައި ބަންދުކޮށްފައި ހުންނަ ޖޫސްތަކެވެ.
މިބަދަލުތަކުގެ ސަބަބުން ކާބޯތަކެތި ތައްޔާރުކުރަން ކުރަންޖެހޭ މަސައްކަތް ކިތަންމެ ލުއިނަމަވެސް ފަސޭހަކަމާއިއެކު ވަޤުތުން ކައިލެވުނު ނަމަވެސް ފަހަތުން އަންނަ ނުރައްކާ ހާދަބޮޑެވެ. މިބަދަލަކީ ގިނަ ބައެއްގެ ފަހަތުން ހަކުރުބަލި ދުވެ އައިސް ބައްދަލުކުރާ ކަމަކަށް ވެއްޖެއެވެ. އަދި ކެންސަރުފަދަ ބޮޑެތި ބަލިތައްވެސް އެމީހެއްގެ ފަހަތުން އަންނަކަމުގެ އިންޒާރު ލިބެމުން އަންނަތާ އެތައް އަހަރެއް ފާއިތުވީއެވެ.
ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާއިރަށް ސަލާމަތްވާން އުނދަގޫ ބޮޑެތި ބަލިތައް ޖެހިފައިވާކަން އަންނަނީ އެނގެމުންނެވެ. ރިޕޯޓް ފެނުމުން ކަރުއެލުވައިލައެވެ. ނިކަން ބުނެބަލާށެވެ! މިވަނީ ކިހިނަކުން ހެއްޔެވެ؟
ކިތަންމެ ވަރަކަށް ބަލައިގެން އުޅުނަސް ބައްޔެއް ޖެހިދާނެއެވެ. އެކަމަސް މިކިޔަނީ އިރާދަފުޅެވެ. ނަމަވެސް އެމީހަކު ނުބަލައި ފަރުވާ ކުޑަކޮށްލާނަމަ އިރާދަކުރެއްވެވި ގޮތް ކަމަށްބުނެ ނިންމައެއް ނުލެވޭނެއެވެ. އެކަމުގައި އެމީހެއްގެ އިހުމާލު އޮތަތީއެވެ.
ވީމާ ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ކެއުންބުއިމުގައި މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދެންވާނީ އެމީހަކަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމާއިއެކުގައެވެ. ރައްކައުތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ހުރެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން