މީޒާނުގަ ހެޔޮކަމުގެ ކޮޅަށް ބުރަކުރަން އެދޭނަމަ ބަލަންވީ ކާބަފައިން އަޅުކަންކުރި ގޮތް އަވަހަށް ދޫކޮށްލައި ރަސޫލް ޞޢވ ދަސްކޮށްދެއްވެވި ގޮތަށް ކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
މީޒާނުގަ ހެޔޮކަމުގެ ކޮޅަށް ބުރަކުރަން އެދޭނަމަ ބަލަންވީ ކާބަފައިން އަޅުކަންކުރި ގޮތް އަވަހަށް ދޫކޮށްލައި ރަސޫލް ޞޢވ ދަސްކޮށްދެއްވެވި ގޮތަށް ކުރާށެވެ!: މުފްތީ މެންކް

"ކާބަފައިން ވަކިގޮތަކަށް ކަންކަން ކުރީތީ އެކަން ހަމައެގޮތަށް ކުރުން ހުއްޓާލަން އެބަ ޖެހެއެވެ. ޚާއްޞަކޮށް ﷲ ތަޢާލާއަށް އަޅުކަންކުރުމުގައެވެ. އެހެނީ އަޅުކަންކުރަންވީ ކާބަފައިން ނުވަތަ ވަކި މީހަކު ކޮށްއުޅުނު ގޮތަކަށް ނޫނެވެ! ﷲ ތަޢާލާ އެންގެވި ގޮތަށެވެ! ރަސޫލް () ދަސްކޮށްދެއްވެވި ގޮތަށެވެ!  

އެހެން ނަމަވެސް އަދިވެސް ބައެއް މީހުން އަޅުކަންކުރުމުގައި ބަލަނީ ކާބަފައިން، ނުވަތަ ކުރީ ޒަމާނުގައި މީހުން ކަންކަންކޮށް އުޅުނު ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ވީމާ އެކަން އެހެން ކުރެވޭނަމަ އެއީ ކީއްވެގެން އަމަލުކުރެވޭ ގޮތެއް ކަމާއިމެދު ވިސްނާށެވެ!"  

މިއީ އިމާމް މުފްތީ ވިދާޅުވެފައިވާ ވަރަށް މުހިންމު ބަސްފުޅެކެވެ. އެހެނީ ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތަކީ އަޅުކަން ކުރަން ރަސޫލް () ދަސްކޮށްދެއްވެވި ގޮތް ނޫން ގޮތްގޮތަށް ޒަމާނުންސުރެ ބައެއް ކަންކަމުގައި އަދިވެސް ޢަމަލުކުރެވޭ ކަމެވެ!  

އިސްލާމް ދީނުގެ ތަޢްލީމް އެންމެ ފުރިހަމަގޮތުގައި ޢާންމުވެގެން އައީ ވަރަށް ފަހުން ކަމަށް ބުނެވިދާނެއެވެ. ދާދިފަހަކާއި ޖެހެންދެން ބައެއް ޤައުމުތަކުގައި، ބައެއް ސިޓީތަކުގައި ދީނުގެ ޢިލްމު އުނގަންނައިދެމުން އައިސްފައިވަނީ ކަންކަން އެންމެ ފުރިހަމައަށް ދިރާސާކުރެވިގެނެއް ނޫނެވެ. ކޮންމެވެސް ބޭފުޅަކު ވިދާލުވާ ގޮތް، ނުވަތަ ކޮންމެވެސް ބޭފުޅަކު ލިޔުއްވާފައިވާ ފޮތް އެއީ ކަމުގެ އަސްލުކަމަށް ބަލައިގެންނެވެ.  

މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ނަމާދުގައި ބައެއް މީހުން އަދިވެސް ކިޔައި އުޅޭ ބައެއް ތަކެތި ކިޔައި އުޅެނީ ރަސޫލް () އުނގަންނަވައި ދެއްވެވި ގޮތަކަށް ނޫނެވެ. އެންމެ ކުޑަމިނުން ވުޟޫކުރެވެނީ ވެސް ރަސޫލް () އުނގަންނަވައި ދެއްވެވި ގޮތަކަށް ނޫނެވެ.   

ކަންކަން މިގޮތަށް މެދުވެރިވެފައި އެވަނީ ބައަކު ޤަޞްދުގައި ކުރި ކަމަކުން ނޫން ކަމަށްވެސް ވެދާނެއެވެ. އެއިރު އެކަންކަން ފުރިހަމައަށް ނުއެނގޭތީ ކަންކަން އެގޮތަށް މެދުވެރިވެފައިވަނީއެވެ. ވީމާ މިކަމުގައި އެއްވެސް މީހަކު ކުށްވެރި ނުކުރާށެވެ! ކުރަން އޮތް ކަމަކީ ދީނުގެ ޢިލްމުވެރިން ކީރިތި ޤުރްއާނާއި ޞަޙީޙް ޙަދީޘްފުޅުތަކުގެ ޢަލީގައި ދެއްވަވާ އިރުޝާދު ޤަބޫލުކޮށް ކަންކަން އިޞްލާޙްކުރުމެވެ. އަމިއްލައަށްވެސް ކަންކަން ދިރާސާކޮށް، ސުވާލު އުފެދޭ ކަންކަމުގައި ދީނުގެ ޢިލްމުވެރިންގެ ލަފައާއި އިރުޝާދު ހޯދުމެވެ.  

ﷲ ތަޢާލާގެ ވާގިފުޅާއިއެކު ދީނުގެ ޢިލްމުވެރިން މިއަދު ވަރަށް ގިނައެވެ. ދާދި ފަހަކާއި ޖެހެންދެން ކީރިތި ޤުރްއާނުގެ މާނައާއި ޙަދީޘްފުޅުތައް އެނގެނީ ހަމައެކަނި ޢަރަބި ބަސް ކިޔަވައިގެން ތިބޭ މީހުންނަށެވެ. ނަމަވެސް މިއަދު ދުނިޔޭގެ ހުރިހާ ބަހަކަށްހެން ވަނީ ތަރުޖަމާ ކުރެވިފައެވެ. ފޮތްތައް ކޔާށެވެ! ޞަޙީޙް ބުޚާރީ، ޞަޙީޙް މުސްލިމް ފަދަ ފޮތްތަކުގައި ހުރި ޙަދީޘްފުޅުތައް ދަސްކުރާށެވެ! އެއިރުން ހަމަ ކޮންމެ މީހަކަށްވެސް ދީނުގެ ކަންކަމުގެ މައުލޫމާތު ލިބިގެންދާނެއެވެ. ނަމާދު ކުރާނެ ގޮތާއި ކިޔަންވީ ތަކެތިވެސް އެނގިގެންދާނެއެވެ! އެހެންކަންކަން ވެސް އެނގިގެންދާނެއެވެ! 

ކާބަފައިންނަށް މިކަންކަމުގެ ފުރުޞަތު ނެތި ދިއަ ނަމަވެސް މިއަދު މިފުރުޞަތު މިވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ. ވީމާ ދަސްކުރުމަކީ އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ނުއެނގޭ ކަމަށް ބުނެ ބަހަނާ ދެއްކުމުގެ ފުރުޞަތެއް މިއަދަކު ނެތެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން