ހަކުރުބަލީގެ މީހުން މާމުއި ބޭނުންކުރުމާއިމެދުވެސް މިވާ ގޮތަކީ ކަދުރުކެއުމުން ދިމާވާ ގޮތެވެ. ޑޮކްޓަރުން ދުވާލަކު 2 ނުވަތަ 3 އޮށް ކަދުރުކާން ބުނީމާ ބަނޑުފުރެންދެން ކައިފައި ކަދުރާއި ސުންނަތާއި ޑޮކްޓަރުން ގޯސްކުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މާމުއި ބޭނުންކުރުމުގައިވެސް މިވަނީ ހަމަ އެފަދަ ގޮތެކެވެ.
ހަކުރުބަލީގެ މީހުންނަށް މާމުއި ބޭނުންކުރެވިދާނެތޯ މިއީ މިހާރުވެސް ކުރިއަށްދާ ބަހުސެވެ. ހަކުރު ބައްޔަށް ބޭސްކަމުންވެސް ބުއިން ނުވަތަ ކާތަކެތި ފޮނިކުރަން "ހަކުރުގެ އެޖެންޓުން ނުވަތަ ލޯ ކެލަރީޒް" ގެ ބާވަތްތައް ބޭނުންކުރާ މީހުން މާމުއި ބޭނުންކުރުން އެންމެ ރަނގަޅު ކަމަށް ބުނެއެވެ.
އެއް ބައަކު ކުރާ ސުވާލަކީ މާމުޔަކީ ހަކުރުބަލީގެ މީހުންނަށް ފަރުވާއެއް ހެއްޔެވެ؟
މިސުވާލާއި ގުޅިގެން ބުނަން ޖެހެނީ މާމުޔަކީ ހަކުރުބަލީގެ ފަރުވާއެއްކަން އަދި މިހައިތަނަށް ހޯދިފައިނުވާ ކަމަށެވެ. ދެން ބުނެލަން ބޭނުންވަނީ އެއްވެސް ބައްޔެއްގައިވެސް އެންމެންގެ ޙާލަތު އެއްގޮތެއް ނުވާނެއެވެ. މިސާލަކަށް ބަލީގެ ލެވެލް 3 ގައި ހުންނައިރު އެކި މީހުން ބަލިވާނީ އެކިމިންވަރަށެވެ: ދޭންޖެހޭނީ ތަފާތުފަރުވާއެވެ.
ވީމާ އެންމެ ރަނގަޅު ގޮތަކީ ހަކުރުބަލިފަދަ ބޮޑެތި ކަންކަމުގައި އަބަދުވެސް ޓެސްޓްކުރުމާއި އިތުބާރުކުރެވޭ ޑޮކްޓަރުންގެ ލަފާ ހޯދައިގެން ކުރިއަށް ދިއުމެވެ.
- ޑރ.ނިޒާމުއްދީން
މަޢުލޫމާތަށްޓަކާ: ޚާލިސް މާމުއިގައި ހިމެނޭ މާއްދާތައް:
އެއްވެސް އެއްޗަކާ މަސްހުނިކޮށްފައި ނުވާ، ނުވަތަ ޚާލިޞް މާމުއިގައި ގާތްގަނޑަކަށް 200 ވަރަކަށް މާއްދާ އެކުލެވިފައިވެއެވެ. ހަކުރާއި ފެނުގެ އިތުރަށް ތަފާތު އެތައް ބާވަތްތަކުގެ އެމިނޯއެސިޑް އާއި ވިޓަމިންސް އާއި މިނެރެލްސް އާއި އެންޒައިމް ހިމެނެއެވެ. މާމުއިގައި މައިނގަޑު ގޮތެއްގައި އެންމެ ގިނައިން އެކުލެވިގެންވާ ކާބޯހައިޑްރޭޓްސް(carbohydrate)ގެ ތެރޭގައި ފުރުކްޓޯސް ( fructose) އަދި ގުލުކޯޒް (glucose) ހިމެނެއެވެ.
މިދެންނެވުނު ދެ ބާވަތްތަކުގެ އިތުރަށް ވެސް ގިނަ އަދަދެއްގެ ހަކުރުގެ ބާވަތްތައް މާމުއިގައި އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ސުކްރޯސް (sucrose) އަދި މަލްޓޯސް( maltose) ހިމެނެއެވެ. މިދެންނެވުނު ދެ ބާވަތުގެ ހަކުރު ހިމެނޭ ބަޔަށް އިނގިރޭސި ބަހުން ކިޔަނީ ޑައިސެކަރައިޑް( disaccharide) އެވެ. ދެވަނައަށް މާމުގައި ހިމެނޭ އެންމެ މުހިއްމު ބާވަތަކީ ފެނެވެ.
މާމުއިގައި ހިމެނޭ މިނެރަލްތަކުގެ ތެރޭގައި ހިމެނޭ އެންމެ މައިގަނޑު އެއްބާވަތަކީ ޕޮޓޭސިއަމް އެވެ. އޭގެ އިތުރަށް ކެލްސިއަމް އާއި މެގްނީސިއަމް އާއި ސޯޑިއަމް އާއި ސަލްފާ އަދި ފޮސްފަރަސް ފާހަގަ ކުރެވެއެވެ. މާމުގައި ހިމެނޭ ޓެރޭސް އެލިމެންޓްތަކުގެ ތެރޭގައި އަޔަން ކޮޕާ ޒިންކު މެންގަނީސް ހިމެނެއެވެ.
މިދެންނެވުނު ބައިތަކުގެ އިތުރަށް މާމުއިގައި ނައިޓްރޮޖިނަސް ކޮމްޕައުންޑް ހިމެނެއެވެ. އަދި މަދު އަދަދަކަށް ޕްރޮޓީން އެކުލެވިގެންވެއެވެ.