ޢަލީ އިޙްޞާން ފިރާޤް
އެންމެ ފުރަތަމަ ނަބިއްޔާ:
އަރަހުށި މާތްﷲ އެންމެ ފުރަތަމަ ޚަލްޤުކުރެއްވި އިންސާނަކީ ސަލާމްލެއްވި އާދަމުގެފާނެއެވެ. އެކަލާނގެ އެކަލޭގެފާނު ހެއްދެވީ އެކަލާނގެ އަތްޕުޅުންނެވެ. އާދަމުގެފާނުގެ އަރިކަށީގެ ކަށިކޮޅަކުން އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނު ޚަލްޤުކުރެއްވިއެވެ. އާދަމުގެފާނަކީ އެންމެ ފުރަތަމަ ފޮނުއްވި ނަބިއްޔާއެވެ. އެކަން މިދަންނަވާ ރިވާޔަތުން ދޭހަވެއެވެ.
أَبُو أُمَامَة البَاهِلي ގެ އަރިހުން ރިވާވެގެންވެއެވެ. މީހަކު އައިސް ރަސޫލާ صلّى اللّـه عليه وسلّم އަށް ސުވާލު ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އާދަމުގެފާނަކީ ނަބީބޭކަލެއްތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [އާނއެކެވެ. އާދަމުގެފާނަކީ ވަޙީބާވައިލެއްވުނު ނަބީބޭކަލެކެވެ.] އެމީހާ ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އާދަމުގެފާނާއި ނޫޙުގެފާނާ ދެމެދު ފާއިތުވި މުއްދަތަކީ ކޮބައިތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ދިހަ ޤަރުނެވެ.] {ابن حبان (ت ٣٥٤)، صحيح ابن حبان ٦١٩٠ •صحيح على شرط مسلم}