ކިތަންމެ ލޯބިވިޔަސް، ކިތަންމެ ގާތް އެކުވެރިއަކަސް މުޝްރިކެއްގެ ގޮތުގަ މަރުވެއްޖެ މީހަކަށް ހެޔޮ ދުޢާކުރުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ކިތަންމެ ލޯބިވިޔަސް، ކިތަންމެ ގާތް އެކުވެރިއަކަސް މުޝްރިކެއްގެ ގޮތުގަ މަރުވެއްޖެ މީހަކަށް ހެޔޮ ދުޢާކުރުމެއް ނެތް!

އެކުވެރިންގެ ތެރޭގައި ކާފިރުން ތިބެދާނެއެވެ. އަދި ދެމީހުންގެ މެދުގައި އޮންނަ ރަނގަޅު ގުޅުމެއްގެ ސަބަބުން ކާފިރަކު ދެކެ ލޯބިވެސްވެވިދާނެއެވެ. މާނައަކީ ތިމާ ހެޔޮއެދި ލޯބިވާ މީހުންގެ ތެރޭގައި ކާފިރަކު ހުރެދާނެއެވެ. އެފަދަ މީހުން މަރުވުމުން އެމީހުންނަށްޓަކާ ހެޔޮ ދުޢާކުރުމަކީ މުސްލިމުންނަށް އޮތްކަމެއް ނޫނެވެ.  

އެފަދަ މީހަކު ހުރިނަމަ އެމީހަކަށް ހެޔޮ ނަޞޭޙަތްދީ ﷲ ތަޢާލާ އެއްކައުވަންތަކުރަން ބާރުއަޅާށެވެ. އަދި އެމީހަކަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރާށެވެ. ނަމަވެސް ކުރިން މިބުނި ފަދައިން އެމީހާ މަރުވުމުން އެމީހާއަށްޓަކާ ހެޔޮދުޢާކުރުމެއް ނެތެވެ. އެކަން އެނގެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުންނެވެ.  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"ނަބިއްޔާއަކަށްވެސް، އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާ ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ އަހުލުވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ."

(އައްތައުބާ: 113)  

ތަފްސީރު ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިއާޔަތް ބާވައިލެއްވެވީ ރަސޫލް ގެ ބޮޑުބޭބޭފުޅު ޢަބްދުލްމުއްޠަލިބްގެފާނު އަވަހާރަވުމުން އޭނާގެ ފާފަފުއްސަވައިދެއްވެވުން އެދިވަޑައިގެން ރަސޫލް ދުޢާކުރައްވަމުން ގެންދަވަނިކޮށެވެ.  

އަދިވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. 

އެކަލޭގެފާނަށް (އެބަހީ: އިބްރާހީމްގެފާނަށް) އެކަލާނގެ ކުރައްވާފައިވާ ވަޢުދެއްގެ މަތިން މެނުވީ، އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނަށް އިސްތިޣްފާރު ކުރެއްވުން ނުވެއެވެ. ފަހެ، އޭނާއަކީ ﷲ ގެ ޢަދާވާތްތެރިޔެއްކަން އެކަލޭގެފާނަށް ބަޔާންވެ އެނގިވަޑައިގަތްހިނދު، އޭނާގެ ކިބައިން އެކަލޭގެފާނު ބަރީއަވެވަޑައިގަތެވެ. ހަމަކަށަވަރުން، އިބްރާހީމްގެފާނީ، ދުޢާކުރެއްވުން ގިނަ، ކޯފާ މަޑު ބޭކަލެކެވެ. 

ބަރުޒަޚުގެ ޢާލަމުގަވެސް އާޚިރަތުގަވެސް ހަމަޖެހުމާ އުފާވެރިކަން ލިބުން އޮތީ ﷲ އަށް ކިޔަމަންތެރިވި އަޅުންނަށެވެ! ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝަހާދަތް ކިޔައި ޝަހާދަތުގެ ދެކަލިމަމަތީގައި ސާބިތުވި މީހަކަށެވެ. ﷲ ތަޢާލާ ނަހީޚުރެއްވެވި ކަންކަމުން ދުރުހެލިވެހުރެ ހެޔޮޢަމަލުތައްކުރި މީހަކަށެވެ.  

ވިސްނައިލާށެވެ! އަބްދުލްމުއްޠަލިބްގެފާނު ވަނީ އިސްލާމް ދީން ފަތުރުއްވަވަން ރަސޫލް ކުރެއްވެވި މަސައްކަތްޕުޅުތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދެއްވަވައިފައެވެ. މުޝްރިކުން ކުރިމަތިކުރަމުން އައި ނުރައްކާތަކުން އެކަލޭގެފާނު ދިފާޢުކުރައްވަވައި ސަލާމަތްކުރައްވަވައިފައެވެ. މިހިރީ އިސްލާމް ދީނަށް ނަޞްރުދިނުމެވެ. އެހަނަސް އަވަހާރަވީ މުޝްރިކެއްގެ ގޮތުގައި ކަމަށްވުމުން އެފަދަ ބޭކަލަކާއިމެދު ﷲ ތަޢާލާ ބާވައިލެއްވެވި އާޔަތް ކުރިން މިބަޔާންކުރީއެވެ. އޭނާއަށްޓަކައި ހެޔޮ ދުޢާކުރެއއްވެވުން އެވަނީ ރަސޫލް އަށް މަނާކުރައްވަވައިފައެވެ.  

ކަންއޮތީ މިފަދައިން ކަމަށްވާއިރު މުޝްރިކަކު މުޝްރިކެއްގެ ގޮތުގައިި މަރުވެދިއުމުން އޭނާއަށްޓަކައި ދުނިޔޭގެ ހުރިހާ އެންމެން ހިތާމަކޮށް ރޮއި ކަރުނައަޅައި ހެޔޮ ދުޢާކުރިއްޔާ އެކަމުން ކުރާނީ ކޮށްފައިދާއެއް ހެއްޔެވެ؟ އެކަންކަން ނުކުރަން ﷲ ތަޢާލާ ވަހީކުރައްވަވާފައިވަނިކޮށް ނުކިޔަމަންތެރިވުމުން ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެ ޖަޒާ އެމީހަކަށް ލިބުން ނޫން އިތުރު އެއްވެސް ކަމެއް ވާނެ ހެއްޔެވެ؟  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން