ހަމައެގޮތަށް އަނެއްކަމަކީ ހިސާބު ބެލުން ފަސޭހަ، ހިސާބުބެލުމުގެ ޝައުޤުވެރި ކަމާ އެކަމަށް ފަސޭހަވެގެން ދާކަމެއް، އެކަހަލަ ވާހަކަދައްކާ އެކަމުގެ ޚިޔާލު ހުންނަ ހެޔޮ ރަގަޅު މީހުންނާއެކު އުޅުން. ބައްދަލުވީމާ ހެޔޮކަންކަމުގެ ވާހަކަ ދައްކާ ހަދާ ކަމަށްވަނީނަމަ އަނެއްމީހާޔަށް ވެސް އޭގެ އަސަރުތައް ކުރަމުންދާނެ.
އެހެންވީމާ، ނަފްސް ހިސާބު ކުރުމުގެވާހަކަދައްކާ އުޅޭމީހުންނާ އެކުގާ މަޖްލިސްކޮށް އިށީނދެ ވާހަކަ ދައްކާހެދުމަކީ އެއީ އެކަމަށް މަގުފަހިކުރުވާ ކަމެއް. ހަމަ އެގޮތަށް މިއުއްމަތުގެ ޞަލަފުއްޞާލިޙުން، ހެޔޮލަފާ ބޭފުޅުން، ޞަޙާބީ ބޭކަލުން ތާބިޢީ ބޭކަލުން މިއުއްމަތުގެ ހެޔޮލަފާ ބޭފުޅުން، އެބޭފުޅުން ނަފްސް ހިސާބުކުރި ގޮތާމެދުގާ، އެޙާދިޘާ ތަކާއި ވާހަކަތަކާއި، މިކަންކަން ކިޔާ އަޑުއަހާ ހެދުމަކީ ވަރަށް މުހިންމު ކަމެއް،
ޢުމަރުގެފާނަށް ވީގޮތަކީ އެއްދުވަހެއްގާ އެކަލޭގެފާނުގެ (އެބޭފުޅާގެ) ދަނޑަށް ރަޟިޔަﷲ ތަޢާލާގެ ދަނޑަކަށް ވެދެވަޑައިގެން މަސައްކަތެއްގައި އުޅުއްވާފަ ނިކުމެވަޑައިގެންނެވުނީ، ޢަޞުރު ނަމާދުގެ ޖަމާޢަތް ނިމުނު ތަނާ،
އެކަމާ ވަރަށްބޮޑަށް ދެރަވެ އެންމެފަހުން އެދަނޑު ﷲގެ މަގުގާ ޞަދަޤާތް ކުރެއްވީ ކަމަށް ބަޔާން ކުރެވިފަވޭ. އެހެންވީމަ އެއީ ނަފްސު ހިސާބު ކުރުމަކީ، އެއްމެ ޖަމާޢަތެއްގެ ނަމާދު މިގެއްލުނީ މިދަނޑާހެދި އެހެންވިމާ، ތިމަންނާ ދެން މީގެފަހުން މިކަމެއް ނޯންނާނޭ! ދަނޑު ﷲގެ މަގުގާ ޞަދަޤާތް ކޮށްފީމޭ.
އެހެން ބޭފުޅަކު ޖަމާޢަތުގެ ނަމާދެއް ވެއްޓިއްޖެއްޔާ، ބައެއްބޭފުޅުން 27 ފަހަރު ނަމާދު އެބަކުރައްވާ! ޖަމާޢަތެއްގެ ނަމާދުގެ ދަރުމަޔަކީ ޘަވާބަކީ 27 ދަރަޖަ އިތުރުވުން. އެއްވެސް ސަބަބަކާހެދި ނަމާދުގެ ޖަމާޢަތް ވެއްޓިއްޖެ ކަމަށްވަނީނަމަ ބައެއްބޭފުޅުން އަމިއްލަ ނަފްސަށް ލާޒިމުކޮށްގެން 27 ފަހަރު ނަމާދުކުރޭ އެބަ.
މާނައަކީ ފަރުޟު ނަމާދަށްފަހު ދެން ކުރެވޭނީ ސުންނަތް ނަމާދު، 27 ފަހަރު އެބަ ތަކުރާރު ކުރައްވާ! އެހެންވީމާ އޭގެ މާނަޔަކީ އެންމެ ކަމެއް ކައްސާލައިގެން ދިޔަސް އެކަން ރަގަޅު ކުރެވޭތޯ ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތަށް ނަފްސަށް އަދަބުވެސް އެބަދޭ!
އިބްނު ޢުމަރު ރަޟިޔަﷲ ތަޢާލާ ޢަންހުމާ، ޢުމަރުގެފާނުގެ ލޯބިވާ ދަރިކަލުން ޖަމާޢަތުގެ ނަމާދެއް ވެއްޓިއްޖެއްޔާ އެރޭ ހަތަރުދަމު ރޭއަޅުކަމަށް އިންނަވާކަމަށްވޭ. މާނައަކީ: ޖަމާޢަތެއް ގެއްލުނީ އެކަމުގެ އިޙްސާސް ކުރަނީ އެނަފްސު ހިސާބު ކުރަނީ ހާދަބޮޑު ހެވަކުންނޭ ތިމަންނަ މިމަޙްރޫމްވީ އެހެންވީމާ، މިރޭ ރޭއަޅުކަމުގެ ހެޔޮކަމުން ތިމަންނާ މަޙްރޫމެއް ނުވާނަމޭ.
ބޭފުޅުންނޭ! ކުރީގެ ބޭބޭފުޅުންގެ ޢަމަލުތައް ބަލާ އަޑުއަހާ ކިޔާ ހެދުމަކީ ނަފްސު ހިސާބު ކުރުމަށް މަގުފަހިވެގެންދާނެކަމެއް!
-ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން