ޢާންމު ގޮތެއްގައި މައިން ދަރިން ދެކެ ވަރަށް ބޮޑަށް ލޯބިވާނެއެވެ. ދަރިންނަށް ސުވަރުގެ ދެއްވެވުން އެދި ދުޢާވެސް ކުރާނެއެވެ. ނަމަވެސް ތަފާތު މަންމައަކުވެސް ހުރެދާނެއެވެ. ދަރިންގެ ތެރޭގައި ލީބިނުވާ ދަރިއަކުވެސް ހުރެދާނެއެވެ.
އެހެންވެ ދަރިއަކާ ދިމާއަށް (މަންމަ) "މަގޭ ފައިތިލަ ދަށުން ސުވަރުގެ ވަދެގެން ނުވާނެ" ކަމަށްވެސް ބުނެފާނެއެވެ. މަންމައަކު މިފަދަ ބަހެއް ބުނެފިނަމަ މަޙުޝަރު ދުވަހުން ކަންތައް ވާނެގޮތާއިމެދު ސުވާލުކުރެއެވެ.
ޖަވާބަކީ މަންމަ އެފަދަ ބަހެއް ބުނި ނަމަވެސް މަންމައަށް ހެޔޮކޮށް ކަންތައް ކޮށްދިނީމައި، އަދި ހެޔޮ ޢަމަލުކުރުން ގިނަ ކުރީމައި އޭނާއަށް ސުވަރުގެއަށް ވަނުމަކަށް ހުރަހެއް ނެތެވެ. إِنْشَاءَ الله
ދަރިންނަށް އޮތީ މައިންނަށް ހެޔޮކޮށް ހިތުމެވެ. ތަޤްވާވެރިވެ ހެޔޮ ޢަމަލުތައް ކުރުންމަތީގައި ހުރެގެން މައިމީހާއަށް ހެޔޮ ޢަމަލުކުރީމާ އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ. ސުވަރުގެ ވަދެވުން ޙައްޤު ހަމައެކަކުވެސް ބާކީ ނުކުރައްވަވާނެތެވެ. އަދި ސުވަރުގެ ވައްދަވާނެ އަޅުން ކަނޑއަޅުއްވަވައި ސުވަރުގެ ވެއްދެވުމުގެ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ.
ތަޤްވާވެރިވެ ހެޔޮ ޢަމަލުތައްކުރަން އެންގެވީ ﷲ ތަޢާލާއެވެ. މައިންނަށް ހެޔޮކޮށް ހިތަން އެންގެވީވެސް ﷲ ތަޢާލާއެވެ. ކުރިން މިބުނި ފަދައިން އެކަންކަމަށް ޙައްޤު ޖަޒާ ދެއްވަވާނީވެސް ﷲ ތަޢާލާއެވެ. ވީމާ މަންމައަކު ރުޅި އައިސް އެފަދަ ބަހެއް ބުނުމަކީ ސުވަރުގެ ނުލިބިދާނެކަމަށް ބަލައި މާޔޫސްވާންޖެހެންވީ ސަބަބެއް ނޫނެވެ.
ހަމައެއާއިއެކު އެފަދަ ބަހެއް މައިމީހާ ބުނިނަމަވެސް އެކަމަށް ރުޅިއައިސް މައިމީހާއަށް ހެޔޮކޮށް ހިތުން ހުއްޓައިނުލާށެވެ! މައިމީހާ އާއިމެދު ފަރުވާކުޑަނުކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުގައި ދެމިހުންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން