ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކައިވެންޏަށްފަހު ހަމައެކަނި ބައިވެރިޔާއަށް ލޯބިދީ އަޅައިލުމުން ފުދޭނެ ކަމަށެވެ. ނަމަވެސް ތަޖުރިބާއިން އެނގެނީ އެއީ އެންމެ ރަނގަޅު ވިސްނުން ނޫންކަމަށެވެ.
ތިމާއަށް ލޯބިދީ އަޅައިލާނަމަ އަނބިމީހާ ޝަކުވާ ނުކޮށް ހުރެދާނެއެވެ. ނަމަވެސް ޔަޤީންކުރާށެވެ! ދެފަރާތުގެ ޢާއިލާއަށް ސަމާލުކަންދީ އެހީތެރިނުވާނަމަ އެކަން އޮންނާނީ ބްލެކްލިސްޓް ކޮށްފައެވެ. ވަޤުތު ޖެހުމުން އެކަން ހާމަވެސް ކުރާނެއެވެ. ވީމާ ފުރިހަމަ ގޮތުގައި ބައިވެރިޔާގެ ލޯބި ލިބުމަށް އެދޭނަމަ އެމީހެއްގެ ފެންވަރު ހުރިވަރަކުން ދެފަރާތުގެ ޢާއިލާއަށްވެސް އަޅާލައި ހެޔޮކޮށް ހިތާށެވެ.
ދެން މިބުނަނީ ހެޔޮލަފާ އަނބިންނަށް އެންމެ މުހިންމުވާ ކަންތަކެވެ. ފަޤީރު ޙާލުގައި އުޅެންޖެހުމަކީ ހެޔޮލަފާ އަނބިންނަށް އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ދިރިއުޅުމުގެ ފެންވަރު މަތިކުރަން، އިތުރު ތަނަވަސްކަން ހޯދަން ނުވިސްނާނަމަ އަދި އެކަމަށް މަސައްކަތް ނުކުރާނަމަ އެކަން ވަރަށް ބޮޑު މައްސަލައަކަށްވެއެވެ.
މިއީ ހަމައެކަނި އެކަމަށް ވިސްނާކަމަށް ބުނެގެން ޙައްލުކުރެވެން އޮތް މައްސަލައެއްވެސް ނޫނެވެ. މިބުނި ކަންކަމަށް މަސައްކަތްކުރާ ކަމުގެ ހެކި އަނބިމީހާއަށް ދައްކަންޖެހޭނެއެވެ. ނޫންނަމަ އެކަން ޝަކުވާއެއްގެ ގޮތުގައި ސިކުނޑީގައި އަބަދުވެސް އޮންނާނެއެވެ.
އެހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވަނީ ހުވަފެން ބަލާ މީހަކަށް ނުވުމަށާއި އަދި ހުވަފެން ދައްކާ މީހަކަށްވެސް ނުވުމަށެވެ. ދެކެން ބޭނުންވާ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން މަސައްކަތްކުރާ މީހަކަށް ވުމަށެވެ.