ދަރިން ކިޔަވަން މަސައްކަތްނުކުރާނަމަ ކުރާނެ ދުޢާއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދަރިން ކިޔަވަން މަސައްކަތްނުކުރާނަމަ ކުރާނެ ދުޢާއެއް-

ދަރިން ކިޔަވަން މަސައްކަތްނުކުރާތީ ކުރާނެ ދުޢާއަކަށް ގިނަބައަކު އެދެއެވެ. އަދި ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި އެމީހުންގެ ދަރިން ކިޔަވަން މަސައްކަތް ނުކުރަނީ ކޮންމެވެސް މީހަކު ހަދާފައިވާ ސިޙުރެއްގެ ސަބަބުން ނުވަތަ އެސްފީނާގެ ސަބަބުންނެވެ.  

ލިބިފައިވަނީ އެންމެ ދަރިފުޅެއްނަމަ މިބާވަތުގެ ކަންކަމުގައި ކަންބޮޑުވުން އިތުރުވާނެއެވެ. ގިނަ ދަރިން ލިބިފައި ތިބިނަމަވެސް އެއިގެ ތެރެއިން އެންމެ ދަރިއަކު ކިޔަވަން މަސައްކަތްނުކުރި ނަމަވެސް ދެރަވާނެއެވެ. އެއީ އެކަންތައް ކޮންމެ ބެލެނިވެރިއަކަށް ނަމަވެސް މެދުވެރިވާނެ ގޮތެވެ.  

އެޙާލަތުގައި ޤުރްއާނާއި ސުންނަތުން ފެންނަންހުރި ދުޢާތައް ކުރައްވާށެވެ. އަދި ދަރިން ލައްވައިވެސް ދުޢާކުރުވާށެވެ. އަދި އެފަދަ ދުޢާތައް ކުރުމުގެ އިތުރުން އަމިއްލައަށްވެސް ދުޢާކުރެވިދާނެއެވެ. އެގޮތުން މިއީވެސް ކުރެވިދާނެ ދުޢާއެކެވެ. ދުޢާގެ ޢިބާރާތް އެވަނީ އެންމެ ދަރިއަކު ލިބިފައިވުމަށް ޚާއްޞަކޮށްގެންނެވެ. އެޢިބާރާތް ބަދަލުކުރަން ބޭނުންނަނަ އެމީހެއްގެ ޙާލަތާއި ގުޅޭ ގޮތުން ބަދަލުކޮށްލާށެވެ. ލިބިފައިވާ ހުރިހާ ދަރިން ހިމަނާށެވެ.

އެންމެ ފުރަތަމަ ﷲ އަށް ޙަމްދުކުރާށެވެ. ދެން ރަސޫލާ ގެ މައްޗަށް ތިން ފަހަރު ޞަލަވާތް ކިޔަވާށެވެ. ދެން މިފަދަ ދުޢާއެއްކުރާށެވެ. 

"ޔާ ﷲ! އިނބަ ﷲ މިއަޅާއަށް ދެއްވަވާފައިވަނީ އެންމެ ދަރިއަކު ކަމާއި އެދަރިފުޅަށްޓަކައި މިއަޅާކުރާ އުންމީދުތަކާއި އެދަރިފުޅުގެ ޙާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިނބަ ﷲ އެވެ.  

ޔާ ﷲ! ޝައިޠޯނުންތަކުގެ ކިބައިންނާއި ސިހުރާއި އެސްފީނާއިން މިއަޅާއަށާއި މިއަޅާގެ ދަރިފުޅަށް ރައްކައުތެރިކަން މިންވަރު ކުރައްވަވާނދޭވެ! އަދި މިއަޅާގެ ދަރިފުޅަކީ (ދަރިންނަކީ) އުނގެނުމަށް ޝައުޤުވެރިވާ އަދި އުނގެނެން މަސައްކަތްކުރާ އަދި އުނގެނެން ފަސޭހަ، ހިތްއަލި، ތޫނުފިލި ކުއްޖަކު (ކުދިން) ކަމުގައި ލައްވަވާނދޭވެ! އާމީން  

މީގެ އިތުރުން ކުރިން ބުނިފަދައިން ޢިލްމް އުނގެނުން ފަސޭހަވުން އެދި ޤުރްއާނާއި ސުންނަތުން ފެންނަންހުރި ދުޢާތައް ދަރިން ލައްވައި ކިޔުއްވާށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން