ފެންބޮއިގެން ބޮޑުތަނުން ބަރުދަން ލުއިކުރި މީހަކު ޢަމަލުކުރި ގޮތް- ނަތީޖާ ވަރަށް ކާމިޔާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފެންބޮއިގެން ބޮޑުތަނުން ބަރުދަން ލުއިކުރި މީހަކު ޢަމަލުކުރި ގޮތް- ނަތީޖާ ވަރަށް ކާމިޔާބު!

އަހުރެންގެ ބަރުދަން ބުރަވެ ސިފައަށްވެސް ބަދަލުތައް އަންނަން ފެށުމުން ގިނަބައައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެންމެ ގިނައިން ފާޑުކީ ގާތް އެކުވެރިންނަށެވެ. އެމީހުން ހިތްވަރުދެމުން އައީ ކެއުން މަދުކޮށް ކަސްރަތުކޮށް ލުއިވާން މަސައްކަތްކުރުމަށެވެ. 

އެއީ ކިތަންމެ ފައިދާހުރި ކަމެއް ނަމަވެސް އަހުރެންނަކީ ކަސްރަތުކުރަން ވަރަށް ކަންނެތް މީހެކެވެ. އެހެންވެ ވިސްނީ ކެއުން މަދުކުރެވޭނެ ގޮތަކަށެވެ. އެކަމަށް ވިސްނައި ކުރަންފެށިކަމަކީ ބަނޑުހައިވުމުން ފުރަތަމަ ކަމަކަށް ފެންތަށްޓެއް ބުއިމަށެވެ. އެއިރުން ކެވޭ މިންވަރު މަދުވެގެންދެއެވެ. އަދި ލުއި އެއްޗެއް ކާން ބޭނުންވިނަމަވެސް ފުރަތަމަ ކަމަކަށް ފެންތަށްޓެއް ބޯންފެށީމެވެ. އެކަމުގެ ސަބަބުންވެސް ކެވޭ މިންވަރު މަދުވެގެން ދިއައެވެ. އަދި ކޮންމެ އެއްޗެއް ކެއި ނަމަވެސް ކައިނިމިގެން ފެންތަށްޓެއް ބުއިން ޢާދަކުރީމެވެ. 

އިތުރަށް އަހުރެން ކުރި ބައެއްކަންތައް ބުނެލާނަމެވެ. އެއީ ތެލުލި ބާވަތްތައް ބޭނުންނުކުރުމާއި ސަރުބީ ގިނަ ބާވަތްތައް ކެއުން ހުއްޓާލުމެވެ. އަދި ކުރިން ސްނެކުގެ ގޮތުގައި ބޭނުންކުރަމުން އައި ތައްޔާރީ ކާނާގެ ބާވަތްތައް ނުކެއުމާއި އެއިގެ ބަދަލުގައި ތަރުކާރީ އާއި މޭވާ ކެއުމެވެ. 

ބުނަން ހެއްޔެވެ؟ ކޮންމެ މީހަކަށް އެކަން އެގޮތަށް ދިމާވާނެ ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ފުރަތަމަ 3 މަސްދުވަސްތެރޭގައި އަހުރެންގެ މަރުދަނުން 10 ކިލޯ ލުއިވިއެވެ. ޖެހިގެން އައި 3 މަސްދުވަހު 6 ކިލޯ ލުއިވިއެވެ. އެއަށްފަހުވެސް ކޮންމެ މަހަކުވެސް ކޮންމެވެސް މިނަވަރެއް އެބަ ލުއިވެއެވެ. އަހުރެންގެ އަމާޒަކީ 30 ކިލޯ ލުއިވުމެވެ. 

މިއީ ފެންބޮއެގެން ހަށިގަނޑު ލުއިވި މީހެއްގެ ތަޖުރިބާއެވެ. އޭނާ ބުނެފައިވާ ވާހަކަތަކަށް އިތުބާރުލިބޭފަދަ ވާހަކަތައް ޑައިޓިޝަނުންވެސް ދައްކައެވެ. ފެންބުއިމަކީ ހުރިހާ ގޮތަކުންވެސް ފައިދާހުރިކަމަކަށްވާއިރު މިއީ ތަޖުރިބާކުރަން އެއްވެސް ވަރަކަށް ފަސްޖެހެންވީ ކަމެއް ނޫނެވެ.

މިއަދު އޮންލައިން