ކެއުމަށްފަހު އިރުކޮޅަކު ހިނގައިލުމަކީ ވަރަށް ގިނަ ގޮތްގޮތުން ޞިއްޙަތަށް ފައިދާހުރި ކަމެކެވެ. މަސައްކަތް ހުންނަ ގޮތުން ދުވާލު ނުހިނގުނަސް ރޭގަނޑުގެ ކެއުމަށްފަހު އިރުކޮލަކު ހިނގާލަން މަސައްކަތްކުރާށެވެ.
އެކަމުން ޞިއްޙަތަށް ކުރާނެ ފައިދާގެ ތެރޭގައި ހަކުރުގެ ލެވެލް ދަށްވެ ހަމައަކަށް އެޅުން، ރަނގަޅަސް ނިދަން ފަސޭހަވުން، ހިތުގެ ހިނގުމަށް ދުޅަހެޔޮކަން ލިބުން، ބަރުދަން ލުއިވުމަށް އެހީތެރިކަން ލިބުން ފަދަ އެތައް ކަމެއް ހިމެނެއެވެ.
ކެއުމަށްފަހު ހިނގަން ނުކުންނަން އެންމެ ރަނގަޅީ ލަސްވެެގން ބައިގަޑިއިރުވުމުގެކުރިންނެވެ. ބޮޑަސް ފައިދާކުރާނީ ވީހާއަވަހަކަށް ހިނގަން ފެށުމުންނެވެ. ހިނގަންވީ މާގިނައިރަކު ނޫނެވެ. 15 ވަރަކަށް މިނިޓްވަންދެން ހިނގައިލިނަމަވެސް ފުދޭނެއެވެ.
ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ކެއުމަށްފަހު ހިނގައިލުމަކީ ހާސްވުމާއި ކަންބޮޑުވުމުގެ މައްސަލަތައް ޙައްލުކުރަންވެސް އެހީތެރިވެދޭ ކަމެކެވެ. ވީމާ ޖުމުލަ ގޮތެއްގައި ބުނާނަމަ ބުނަންޖެހޭނީ ކައިގެން އިރުކޮޅަކު ހިނގައިލުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަމުން ޞިއްހަތަށް ކުރާ ފައިދާ ބޮޑު ކަމެއް ކަމަށެވެ.