ވެރިއެއް، ތަނަވަސް މީހެއްގެ ގާތަށް ހުއްޓެވިއްޖެނަމަ ދުރަށްދާކަށް ބޭނުމެއް ނުވެއެވެ! ސަޖިދައަށް ދިއުމާއެކު އަވަސްއަރުވާލާފަ ފުންމައިގެން ތެދުވަން ހެޔޮވާނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 57ސ
ވެރިއެއް، ތަނަވަސް މީހެއްގެ ގާތަށް ހުއްޓެވިއްޖެނަމަ ދުރަށްދާކަށް ބޭނުމެއް ނުވެއެވެ! ސަޖިދައަށް ދިއުމާއެކު އަވަސްއަރުވާލާފަ ފުންމައިގެން ތެދުވަން ހެޔޮވާނީ ކިހިނެއްތަ؟

ނަމާދުކުރާއިރު މައުމޫން ޙަރަކާތްކުރަން އޮތީ އިމާމް މީހާގެ ފަހަތުންނެވެ. މާނައަކީ ޙަރަކާތްކުރަންވާނީ އިމާމް މީހާ ތަކްބީރުކިޔައި ނިމުމުންނެވެ. ﷲ އަކްބަރު ގެ ރގެ އަޑުއިވުމުންނެވެ. ނޫންނަމަ އިމާމް މީހާއަށްވުރެ ކުރިއަރައިދާކަމުގެ ކުށުގެ ބިރު އެބައޮތެވެ.  

އެކަމަކު ގިނަ ބައަކަށް މިއުޅެނީ އިމާމް މީހާ ތަކްބީރުކިޔަންދެން އެންމެ ކުޑަމިނުން ސަޖިދައިގައިވެސް މަޑުކޮށްނުލެވިގެންނެވެ. އަދި ކީއްހެއްޔެވެ؟ އެކަނިހުރެ ކުރާ ނަމާދުތަކުގައި އެމީހަކު ބޭނުންވަރަކަށް ސަޖިދަ ދިގުކުރުމުގެ ފުރުޞަތުވެސް އެބައޮތެވެ. ސަޖިދައިގައި އޮވެ ދުޢާކުރުމުގެ ފުރުޞަތުވެސް އެބަ އޮތެވެ. އެކަމަކުވެސް ގިނަ ބައަކަށް އޮންނަނީ 3 ފަހަރު ޛިކުރުކޮށްލަންވެސް ބޮޑުވެފައެވެ. ބަލަނީ އަވަހަށް ފުންމައިގެން ތެދުވެވޭތޯއެވެ.  

އެފަދަ މީހުންނަކީ ނަމާދުކުރާ ހިތުން ނަމާދުކުރާބައަކަށްވާނެ ގޮތެއް އަހުރެންނަކަށް ނުވިސްނެއެވެ.  

މީސްތަކުންނޭވެ! ނަމާދު ފުރިހަމަ ގޮތުގައި ކުރެވޭނީ ނަމާދުކުރާހިތްވެގެން ނަމާދުކުރީމައެވެ. ނަމާދުގައި ޚުޝޫއަތްތެރި ނުވެވޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ކަމަކަށް ކަމެއްކުރާ އުޞޫލުން ނަމާދުކުރުމެވެ.  

އަޑުއަހާށެވެ! ނަމާދުގެ ކޮންމެ ޙަރަކާތަކީވެސް އެހައިމެ ފަރުވާތެރިކަމާއިއެކު އަދި ޚުޝޫޢަތްތެރިކަމާއިއެކު ކުރަންޖެހޭ ޙަރަކާތެކެވެ. ސަޖިދަ ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެހެނީ ސަޖިދައިގަ އޮންނަ ވަޤުތަކީ މީހާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ.  

އެންމެ ފުރަތަމަ ދުނިޔަވީ ނަޒަރަކުން ބަލައިލަމާ ހެއްޔެވެ؟ ގިނަ ބައަކު އެއްވެ ތިބެ ސަފު ހަދައި ކިޔޫގައި ތިބެ އިންތިޒާރުކުރަނީ ޤައުމުގެ އެންމެ އިސް ވެރިޔާއަށެވެ. ވެރިމީހާ ސަފުކޮޅުން ފެންނަ ފެށީންސުރެ އެކަމަށް ތައްޔާރުވަމުއެވެ. ކައިރިވާވަރަކަށް ހިނިތުންވެ ދަތްތައް ދައްކަމުއެވެ. ލައިގެން ހުންނަ ހެދުންވެސް ރީކޮށްލަމުއެވެ. އެހައިވެސް ބޮޑަށް ވެރިމީހާ ޢާއި ބައްދަލުކުރާއިއިރު ސަމާލުކަން ދެމުއެވެ.  

ދެން އޮތީ ތިބާ އާއި ތިބާ އުފައްދަވައި ގެންގުޅުއްވަވައި ބޮޑުކުރައްވަވާ އަދި ހުރިހާ ނިޢްމަތްތަކެއް މިންވަރުފުޅު ކުރައްވަވާ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ. ހަމަ ކަށަވަރުން އެވަގުތަކީ ސަޖިދައިގައި އޮންނަ ވަގުތެވެ. ތިބާ ގޮސް ނަމާދުގެ ސަފުތަކާއި ގުޅެމުއެވެ. ނަމާދުކުރަމުން ގޮސް ސަޖިދަ ކުރަމުއެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ! ސަޖިދައިގައި އޮންނަ ވަގުތުކޮޅުވެސް ﷲ ތަޢާލާގެ މަތިން ހަނދާންވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިއޮވެވެނީ ﷲ ތައާލާއި އެންމެ ބޮޑަށް ކުއްތަން ވެވޭނެ މިންވަރަށް ކުއްތަންވެގެންކަން ހިތަށް ގެނެވޭ ހެއްޔެވެ؟ ސަޖިދައިގައި އޮވެ ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރުންކަން ހިތަށް ވަދޭ ހެއްޔެވެ؟ ސަޖިދައިގައި އޮވެ ދުލުން ކިޔާ އެއްޗެއްގެ މާނަ ހިތަށް ވަދޭ ހެއްޔެވެ؟  

މީސްތަކުންނޭވެ! ގިނަ ދަރުސްތަކެއްގައި މިފަދަ ކަންކަމުގެ ވާހަކަ ތަކުރާރުކުރާތީ ސުވާލު އުފައްދާނެ ބައަކުވެސް ތިބެދާނެއެވެ! ނަމަވެސް ނިކަން ބުނެބަލާށެވެ! މިކަންކަން އިޞްލާޙް ނުކުރެވި ނަމާދު ފުރިހަމަ ކުރެވޭނެ ހެއްޔެވެ؟  ނަމާދުން ތިމާއަށް ލިބެންޖެހޭ ޙަޤީޤީ ފައިދާ ހޯދިދާނެ ހެއްޔެވެ؟ ނުކުރެވޭނެކަން ކަށަވަރެވެ. ނަމާދު ކުރެއެވެ. ނަމަވެސް ނަމާދު ފުރިހަމަ ނުކުރެވޭތީ ލިބެންވާ ސަވާބު ނުލިބޭނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނަމާދު ފުރިހަމަ ނުކޮށް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނިކަން ބުނެބަލާށެވެ! އެފަދަ ގޮތެއް އޮތްކަން އެނގިފައެއް ނެތެވެ.  

އެކުވެރި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ނަމާދު ކުރާއިރު ސަޖިދައިގައި ހޭދަކުރާ ވަގުތު އިތުރުކުރާށެވެ. ތަޅުމުގައި ނިތްކުރި ޖެހުމާއިއެކު ފުންމައިގެން ތެދުވާ މީހަކަށް ނުވާށެވެ. ޖަމާއަތުގައި ނަމާދުކުރާއިރު އިމާމް މީހާ ޢާއިއެކު ތެދުވަންވާނެއެވެ. ނަމަވެސް އެކަނިކުރާ ނަމާދުތަކުގައި އެމީހަކު ބޭނުންހައި އިރެއްވަންދެން ސަޖިދައިގައި އޮވެވިދާނެއެވެ. ކުރިންވެސް ބުނިފަދައިން ސަޖިދައިގައި އޮންނަ ވަގުތަކީ ތިބާ ޢާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުށްތަން ވެވޭ ވަގުތެވެ.  

އަނެއްކާވެސް ދުނިޔަވީ މިސާލެއް ކިޔައިދޭނަމެވެ. ތިބާ އެންމެ ލޯބިވާ މީހާގެ ގާތަށް ދެވުމުން ބޭނުންވަނީ އަވަހަށް ނުކުމެގެން ދާން ހެއްޔެވެ؟ ނޫނީ ވީހައި ގިނަ ވަގުތެއް އެކުގައި ހޭދަކުރަން ހެއްޔެވެ؟ އެހެންކަމަށްވާއިރު ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތު ފުންމައިގެން ތެދުވުމަކީ ކޮން ގޮތަކުން ކުރަން ހެޔޮވާނެ ކަމެއް ހެއްޔެވެ؟ ވީހައި ގިނަ ވަގުތު ﷲ ތަޢާލާ އާއި ކުތަންވެގެން އޮތުން ވާން ޖެހޭނީ ލިބޭ އެންމެ ބޮޑު އުފާ ކަމަށް ނޫން ހެއްޔެވެ؟  

މީސްތަކުންނޭވެ! މިދެއްކި ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ! އަދި އަމަލުކުރާށެވެ. ﷲ ތަޢާލާއަށް ތިބާގެ ހިތުގައި އޮތް ލޯބި އަމަލުން ދައްކާށެވެ! އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ ނަމާދުންނެވެ. ޚާއްޞަކޮށް ސަޖިދައިގައެވެ.  

ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ކުރާ ކޮންމެ ނަމާދަކީވެސް އެމީހަކަށް ކުރެވޭ އެންމެ ފަހު ނަމާދު ކަމުގައި ވެދާނެ ކަމަށް ބަލައި ވީހައި ފުރިހަމައަށް ނަމާދު ކުރުމަށެވެ! ނަމާދު ފުރިހަމަކުރުމަށްޓަކައި މަސައްކަތްކުރަންޖެހޭ މިންވަރު މިޙަދީޘްފުޅުން އެކަނިވެސް އެނގިގެންދެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން