ނަމާދުނުކުރާ މީހަކާ ކައިވެނި ނުކުރާށެވެ! އެހެނީ ނަމާދަކީ އިސްލާމްދީނުގެ ބިންގަލެވެ. ނަމާދަކީ އެމީހަކާއި ﷲ ތަޢާލާ އާއި ގުޅުވައިދޭ ވަސީލަތެވެ. އެކަމަށް ފަރުވާކުޑަކުރާ މީހާ އެހެން ހުރިހާ ކަމަކަށް ފަރުވާކުޑަކުރާނެއެވެ. ބައިވެރިޔާއަށާއި ޢާއިލާއަށްވެސް ފަރުވާކުޑަކުރާނެއެވެ. ނަމާދަށް އިހްމާލުވާ މީހާ ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް އިހްމާލްވާނެއެވެ. ނަތީޖާއަކަށްވާނީ ޢާއިލީ ޒިންމާތައް ނެގުމުގައި އެމީހަކު ފޭލްވުމެވެ.
އެމީހެއްގެ މައިންބަފައިންނަށް އިޙްތިރާމް ނުކުރާ މީހަކާއި ކައިވެނި ނުކުރާށެވެ! އިސްލާމް ދީން އަހުރެމެންނަށް ދަސްކޮށްދެނީ މައިންބަފައިންނަށް އިޙްތިރާމް ކުރުމަށެވެ. އެމީހެއްގެ މައިންބަފައިންނަށް އިޙްތިރާމްނުކުރާ މީހަކު އަނބިދަރިންނަކަށްވެސް އިޙްތިރާމެއް ނުކުރާނެއެވެ.
ރުޅި ކޮންޓްރޯލް ނުކުރެވޭ މީހަކާއިވެސް ކައިވެނިނުކުރާށެވެ! އެމީހެއްގެ ރުޅި ކޮންޓްރޯލްނުކުރެވޭ މީހެއްގެ ސަބަބުން އަބަދުވެސް ކުރިމަތިވާނީ މައްސަލަތަކެވެ. ލިބެމުންދާނީ އަނިޔާއެވެ. ވީމާ ގޭތެރޭގައި އެއްވެސް ހަމަޖެހުމެއް ނުއޮންނާނެއެވެ.
ޢާމްދަނީ ހޯދަން މަސައްކަތްނުކުރާ މީހަކާއިވެސް ކައިވެނިނުކުރާށެވެ! ޢާއިލާއަށް ޚަރަދުކުރުމަކީ ފިރިމީހާގެ ޒިންމާއެކެވެ. އެޒިންމާ އަދާކުރަން މަސައްކަތްނުކުރާ މީހެއްގެ ކިބައިން އަބަދުވެސް ފެންނާނީ ޒިންމާދާރުކަން ކުޑަކަމެވެ. ހުރިހާ ކަމެއްގައިވެސް ފަރުވާކުޑަކުރާތަނެވެ.
ހަމައެފަދައިން ތިމާގެ އިޙްޞާޞްތަކަށް އިޙްތިރާމް ނުކުރާ މީހަކާއިވެސް ކައިވެނިނުކުރާށެވެ! އެފަދަ މީހެއްގެ ކިބައިން ލިބޭނެ ހިތްހަމަޖެހުމެއް ނުއޮންނާނެއެވެ. އެފަދަ މީހަކާއިއެކު ދިރިއުޅޭނަމަ އަބަދުހެން ހުންނަން ޖެހޭނީ ބޮޑު ބައެއް އުނިވެފައިވާ މީހެއްގެ ގޮތުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން