އަންހެނުންވެސް އަދި ފިރިހެނުންވެސް މިހާރު ކައިވެނިކުރަނީ އެމީހުންނަށް އެކަނި ނުއުޅެވިގެނެއް ނޫނެވެ. މަސައްކަތްކުރީމާ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ފައިށާ ލިބެއެވެ. ފައިސާލިބޭނަމަ އެހެން މީހަކަށް އުނދަގޫނުކޮށް އުލެވިދާނެއެވެ.
ކައިވެނިކުރަނީ އެހެން ބޭނުންތަކެއް ހުންނާތީއެވެ. އަނެކާގެ ކިބައިން ލޯތްބާއި އަޅައިލުން ބޭނުންވާތީއެވެ. އެހީތެރިކަން ބޭނުންވާތީއެވެ. ދަރިން ލިބި އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާތީއެވެ. ކައިވެންޏަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނުވަތަ އަހަރުތަކަކަށްފަހުގައިވެސް ގިނަބައެއްގެ ކައިވެނި ރޫޅުމުގެ މައްސަލަތައް ގިނަވަމުން މިދަނީ މިބުނި ބޭނުންތަކަށް ސަމާލުކަން ކުޑަކުރެވޭތީއެވެ.
ކިތަންމެ ބޮޑަށް ސަމާލުކަންދީގެން މިބުނި ބޭނުންތައް ފުއްދައިދިންނަމަވެސް ކައިވެނި ރޫޅެންވެސް މެދުވެރިވެދާނެއެވެ. ނަމަވެސް ކުރިން މިބުނި ފަދައިން އެކަންކަން ފުއްދައިދެވޭނަމަ ކައިވެނި ރޫޅުން މަދުވާނެއެވެ.
އެންމެ ބޮޑު މައްސަލައަކަށްވަނީ ކައިވެނީގެ ކުރީކޮޅުގައި އަނެކާގެ ބޭނުންތައް ފުއްދައިދޭން ސަމާލުކަންދީފައި ފަހުން ފަރުވާކުޑަކުރެވޭތީއެވެ. އެގޮތަށް އެކަންތައް ވިޔަނުދޭށެވެ. ލޯތްބާއި އަޅައިލުންދީ އަދި އެހީތެރިވަމުން ގެންދާށެވެ.
އަދިވެސް ވިސްނައި ސަމާލުކަންދޭންޖެހޭ ކަމެއް އެބައޮތެވެ. އެއީ ދަރިން ހޯދުމެވެ. ދަރިން ހޯދަންވާނީ ހަމައެކަނި އަނބިމީހާ ލައްވައި ދަރިން ބަލާކަށް ނޫނެވެ. ފިރިމީހާއަށްވެސް ދަރިން ބަލަންޖެހޭނެއެވެ. އެކަމުގައި އަނބިމީހާއަށް އެހީތެރިވެދޭންޖެހޭނެއެވެ. އަނބިމީހާއަށް ވަޤުތުލިބި ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެވޭނީ އެއިރުންކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން