މަޑުމައިތިރިކަމަކީ ރިވެތި އަޚްލާޤުގެ ތެރެއިން ހިމެނޭ ސިފައެކެވެ. އެންމެ މުހިންމު އެއްސިފައެވެ. ޚާއްޞަކޮށް އަންހެނުންގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭނެ ސިފައެކެވެ. އިސްލާމް ދީނަކީ ޚާއްޞަކޮށް އަންހެނުންގެ ކިބައިގައި މަޑުމައިތިރިކަން ހުންނަން ވަރަށް ބޮޑަށް ބާރުއަޅާ ދީނެކެވެ.
އެހެންކަމަށްވުމާއިއެކުވެސް މަޑުމައިތުރި މިޒާޖުގެ އަންހެނުން ކަމުނުދާ ފިރިހެނުން އަންނަނީ ގިނަވަމުންނެވެ. އެކަން އެގޮތަށް ވުމަށް މެދުވެރިވާ ސަބަބަށް ބަލައިލާއިރު އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ އަޚްލާޤަށް އަންނަމުންދާ ނުބައި ބަދަލުތަކެވެ. ލޯބިވެގެން އުޅޭއިރު ކަންކަންކުރެވޭ ގޮތެވެ.
ލޯބިވެގެން އުޅޭ ދުވަސްވަރު ގިނަ ބައަކު އުޅެނީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައެވެ. ބައްދަލުވެ ގިނައިން ދެއްކެނީ ނުރަނގަޅު ވާހަކަތަކެވެ. އިމެއް ނެތި ފާފަތައްވެސް ކުރެއެވެ. ނަތީޖާއަކަށްވަނީ އެސިފަތައް ނެތްނަމަ ގިނަބައަކަށް އެމީހަކު ކަމުނުދިއުމެވެ.
ލޯބިވެގެން އުޅުނަސް އަދި ކައިވެނިކޮށްގެން އުޅުނަސް މަޑުމައިތިރިކަމުގެ ސިފައަށް ސަމާލުކަންދީ އިޙްތިރާމްކުރަންވާނެއެވެ. އަބަދު ހަލަބޮލިކަމުގެ ތެރޭގައި އުޅެގެން ނުވާނެއެވެ. އެކަންކަން ބަހައްޓަންޖެހޭނީ އިމެއްގެ ތެރޭގައެވެ.
މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކުން އެނގޭގޮތުގައި ކައިވެނީގައި އެންމެ އުފާވެރި ދިރިއުޅުމެއް އުޅެވެނީ މަޑުމައިތިރި މިޒާޖުގެ މީހުންނަށެވެ. ވީމާ ބައިވެރިއަކަށް މަޑުމައިތިރި މިޒާޖުގެ މީހުން އިޚްތިޔާރުކުރުމަކީ ބާއްޖަވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭނޭ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން