ކައިވެނިކުރަން ނިންމުމުގެ ކުރިން ލިބެން އުޅޭ ބައިވެރިޔާގެ ޙަޤީޤީ ޙާލަތު ވަރަށް ރަނގަޅަސް ދެނެގަންނަންޖެހޭނެއެވެ. އެހެންވެ މިބުނެދެނީ އޭނާއަށް މާކްސްދޭންވީ ގޮތެވެ.
ފުރަތަމަ ކަމަކަށް އޭނާއަކީ ދީނަށް ލޯބިކުރާ މީހަކުނަމަ ޝީޓްގައި 1 ލިޔާށެވެ. ދެން ރީތިކަމާއި ތަނަވަސްކަމާއި އެހެންވެސް ތިބާ ބޭނުންވާ ކޮންމެ ކަމެއް އެމީހެއްގެ ކިބައިގައި ހުރިނަމަވެސް 1 ގެ ކަނައަތް ފަރާތަށް 0 އިތުރުކުރަމުން ގެންދާށެވެ. ތިބާ ބޭނުންވާ ސިފަތައް އޭނާގެ ކިބައިގައި ގިނަނަމަ ސަތޭކައިން ހާހުން ލައްކައިން މިލިއަނުން ޢަދަދު ބޮޑުވެގެންދާނެއެވެ.
ވިސްނާލަންވީ ހަމަ އެންމެ ކަމަކަށެވެ. އެމީހާގެ ކިބައިގައި ދީންވެރިކަން ނެތިގެން 1 ނަގަން ޖެހިއްޖެނަމަ ދެން ހުންނާނީ ހުސް ސުންތަކެކެވެ. އެއިރުން އެއްވެސް ޢަދަދެއް ނެތުނީއެވެ. ސަބަބަކީ ކިތަންމެ ގިނަ ސުންތަކެއް ލިޔުނަސް ޢަދަދަކަށް ނުވާނެތީއެވެ.
ކުރު ގޮތަކަށް މިބުނަނީ ތިބާ ބޭނުންވާ ކިތަންމެ ގިނަ ސިފަތަކެއް އެމީހެއްގެ ކިބައިގައި ހުރިނަމަވެސް އޭނާގެ ކިބައިގައި ދީންވެރިކަން ނެތްނަމަ އެއީ ހަމަ ސުމެއްގެ މީހެކެވެ. އެފަދަ މީހަކާއި ކައިވެނިކޮށްގެން ކުރާނެ އެއްވެސް ފައިޑާއެއް ނުއޮންނާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން