ސަމާލުކަންދޭންޖެހޭ ކަމެއް!: ރޭއަޅުކަމާ އެހެންވެސް ހެޔޮ އަމަލުތައް ކުރިނަމަވެސް ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ސަމާލުކަންދޭންޖެހޭ ކަމެއް!: ރޭއަޅުކަމާ އެހެންވެސް ހެޔޮ އަމަލުތައް ކުރިނަމަވެސް ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބު-

ރޭއަޅުކަންކޮށް ހެޔޮ އަމަލުތައް ކޮށް އުޅުނު ނަމަވެސް އޭނާގެ ދުލުން އަވަށްޓެރިން ސަލާމަތްވެގެން ނުވާ އަންހެނެއްގެ ވާހަކަ ރަސޫލް () އަރިއަހުގައި ދެންނެވުނެވެ. އެއީ އަވަށްޓެރިންނަށް ހަޑިހުތުރު ބަސްބުނެ، ޒުވާބުކޮށް އެއްޗެތި ގޮވައި އުޅޭ މީހެއްގެ ވާހަކައެވެ. އެހިނދު ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ އޭނާއަށް ހެޔޮކަމެއް ނެތް ކަމަށެވެ. އޭނާއަށް ހެވެއް ނެތް ކަމަށެވެ. އަދި އޭނާ ވަނީ ނަރަކައިގައި ކަމަށެވެ.  

މާނައަކީ އޭނާ ކިތަންމެ ވަރަކަށް އަޅުކަންކޮށް އުޅުނު ނަމަވެސް ރޭއަޅުކަމާއި ކިތަންމެ ގިނައިން ހެޔޮ ޢަމަލުކޮށް އުޅުނު ނަމަވެސް އޭނާގެ ދުލުގެ ނުބައިކަމުން އޭނާގެ އަވަށްޓެރިޔާ ސަމާމަތްވެގެން ނުވާހައި ހިނދެއްގައި އޭނާކުރާ ޢަމަލުތަކުގައި ހެޔޮކަމެއް ނެތްކަމެވެ.  

ދެން ދެންނެވުނީ ހަމައެކަނި ފަރުޟު އަދާކޮށް ރޭއަޅުކަން ނުކުރާ، އެހެންނަމަވެސް އޭނާގެ ދުލުން އަވަށްޓެރިންނަށް ހެޔޮ ބަސްބުނެ ދުއްތުރާ ނުކުރާ މީހެއްގެ ވާހަކައެވެ. އެހިނދު ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ އޭނާ ވަނީ ސުވަރުގޭގައި ކަމަށެވެ.  

ރަސޫލް ()ގެ ހަދީޘްފުޅުގައިވެއެވެ. "ޖިބްރީލްގެފާނު އަވަށްޓެރިންނާއި ބެހޭ ގޮތުން ވަޞިއްޔަތް ކުރެއްވެވިލެއް ގިނަކަމުން އަވަށްޓެރިޔާއަކީ ވާރިސުންގެ ތެރޭގައި ހިމެނިގެން ހިނގައިދާނެ ކަމަށް ތިމަން ކަލޭގެފާނު ހީފުޅު ކުރެއްވެވީމެވެ! އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށް ޖިބްރީލްގެފާނު ތިމަން ކަލޭގެފާނަށް ވަޞިއްޔަތް ކުރެއްވެވިއެވެ." 

އެހެންވެ ރަސޫލް () ޙަދީޘްފުޅުކުރައްވަވާފައިވަނީ "މާތް ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، އޭނާގެ އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތުން ހުއްޓެވެ!"

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަވަޓެރިންގެ ތެރޭގައި ގާތްތިމާގެ ބައަކުވެސް ހިމެނިދާނެއެވެ. އަވަށްޓެރިންގެ ތެރޭގައި ޢާއިލީގޮތުން ދުރުބައަކު ހިމެނިފައިވީނަމަވެސް އެއީ އަވަށްޓެރިން ކަމުގައި ވީތީ ދީނުގައި އަވަށްޓެރިންގެ މައްޗަށް ވާޖިބުތަކެއް ވަނީ ކަނޑައެޅިފައެވެ.  

އެއީ މުސްލިމް އަވަށްޓެރިއެއް ނަމަވެސް ޣައިރު މުސްލިމް އަވަށްޓެރިއެއް ނަމަވެސް ހެޔޮލަފާ އަވަށްޓެރިއެއް ނަމަވެސް މީހުންނަށް އުނދަގޫކުރާ އަވަށްޓެރިއެއް ނަމަވެސް އަވަށްޓެރިޔާގެ ހައިޞިއްޔަތުން އަވަށްޓެރިޔާއަށްޓަކައި ވަރަށް މަތިވެރި ޙައްޤުތަކެއް ވެއެވެ. އެހެންކަމުން އަވަށްޓެރިޔާގެ ޙައްޤުތައް ވަރަށް ބޮޑެވެ.  

"ތިއަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިއަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (އައްނިސާ: 36) 

މިއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅު މިކަމުގައި އޮތްގޮތެވެ! ކިޔަމަންތެރިވެ އަވަށްޓެރިންނަށް ހެޔޮކޮށް ހިތާ މީހަކު ކަމުގައިވާށެވެ!  

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

މިއަދު އޮންލައިން