ނިކަމެތިން ކުރާ ދުޢާ މާއަވަހަށް ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ނިކަމެތިން ކުރާ ދުޢާ މާއަވަހަށް ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ

ބައެއް މީހުންނަކީ ވަރަށް ނިކަމެތި ޙާލުގައި އުޅޭ ބައެކެވެ. އެމީހުންގެ ހުރި ނިކަމެތިކަން ވިސްނި ﷲ ތަޢާލާއަށް ދުޢާކުރަން ފަސްޖެހޭ ބައަކުވެސް އެބަ އުޅެއެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ ތިމަންމެން ފަދަ ނިކަމެތިން ކުރާ ދުޢާ ﷲ ތަޢާލާ އައްސަވައިވޮޑިނުގަންނަވާނެ ކަމަށެވެ.  

ފުރަތަމަކަމަކަސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. އެއްވެސް ކަމެއްގައި އެމީހަކު ދުނިޔޭގައި ދިރިއުޅޭ ދަރަޖައަށް ނުވަތަ ޙާލަތަށް ވިސްނުމެއް ނެތެވެ. ކޮންމެ މީހަކުވެސް އުޅޭނީ އެމީހަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ޙާލަތުގައިކަމަށްވާތީއެވެ. އަދި ކޮންމެ މީހަކު އުޅޭ ޙާލަތުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި ނިކަމެތިން ކުރާ ދުޢާ މާއަވަހަށް ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ

ﷲ ތަޢާލާގެ ޙަޟްރަތުގައި މުހިންމުވަނީ މީހާ ދުނިޔޭގައި މީހާ އުޅޭ ޙާލަތެއް ނޫނެވެ. އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިންވަރެކެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާ މިންވަރެކެވެ. ވީމާ ކިތަންމެ ނިކަމެތި ޙާލުގައި އުޅޭ މީހަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތީ ދަރަޖަ ހޯދިދާނެއެވެ.  

ދުޢާކުރުމުގައި އަހުރެމެންނަށް އެންމެ ބޮޑަށް އިހްމާލުވެވޭ އެއްކަމަކީ ދުޢާކުރުން ލަސްކުރެވޭ ކަމެވެ. ދެން އެހެން ގޮތެއް ނެތުމުން ނޫނީ ދުޢާނުކުރާކަމެވެ. ވީމާ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަ ކަމަކަށްވެސް ދުޢާކުރާށެވެ. ﷲ ތަޢާލާގެ ޙަމްރަތުން ވާގިއެދޭށެވެ! އެކަލާނގެ ރަހްމަތަށް އެދޭށެވެ.  

ހަމައެއާއިއެކު ދުޢާކުރަންވާނީ ޔަޤީންކަމާއިއެކުގައެވެ. މާނައަކީ ތިމާކުރާ ދުޢާ ޢިޖާބަކުރައްވަވާނެކަން ޔަޤީންކުރަންވާނެއެވެ. އަދި އެޔަޤީންކަމުގައި ޘާބިތުވެ ހުންނަންވާނެއެވެ. ތިމާއަށް އެކަމަކުން އެންމެ ފައިދާކުރާނެ ވަޤުތުގައި ދުޢާ ޢިޖާބަކުރައްވަވާނެކަމުގެ ޔަޤީންކަން އަބަދުވެސް ހިތުގައި ބާއްވަން ޖެހޭނެއެވެ. 

ކޮންމެ މީހަކު ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް މިކަންކަމަށް ސަމާލުކަންދޭށެވެ. އެމީހަކު މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ  

- އުސްތާޛާ ޒާހިދާ މުޙައްމަދުގެ ދަރުސަކުން

މިއަދު އޮންލައިން