ގިނަ ބައަކު ކަންބޮޑުވެގެން އުޅެނީ އެމީހުން އެދޭ ކަންކަން ޙާޞިލުނުކުރެވޭތީއެވެ. އެދޭ ކަންކަން ޙާޞިލުނުކުރެވޭނަމަ ޤަބޫލުކުރެވެނީ ތިމާއަކީ ނަޞީބުވެރިއެއް ނޫން ކަމަށެވެ. އެހެންވެ އެކަމަށް އިންތިހާއަށް ދެރަވެ ހިތާމަވެސް ކުރެއެވެ. އެކަމަކު ނަޞީބުވެރިއަކަށްވުމަށް ކުރަން އޮތް ޢަމަލުކުރަން ސަމާލުކަން ދެވެނީ ވަރަށް މަދު މީހަކަށެވެ.
ބަންގިއަށް ވިސްނާށެވެ! ނަމާދުކުރުމާއި ނަޞީބުލިބިގަތުމާއި އެވަނީ ގުޅުއްވަވައިފައެވެ. ނުވަތަ ގުޅުއްވަވައިލައްވަވައިފައެވެ. އެކަމުން އެނގެނީ ނަމާދުކުރާނަމަ އެމީހަކަށް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ.
ވީމާ ފުރަތަމަ ކަމަކަށް ފަރުޟް 5 ނަމާދަށް ރައްކައުތެރިވާށެވެ. އެއަށްފަހު ރަވާތިބް ސުންނަތްތަކަށް ރައްކައުތެރިވާށެވެ. އެއަށްފަހު ޟުޙާނަމާދަށާއި ވިތުރިއާއި ރޭއަޅުކަމަށް ސަމާލުކަންދޭށެވެ. ނަމާދުކުރުމަށް ލޯބިކުރާ މީހަކަށްވެވޭނީ ނަމާދުކުރިވަރަކުންނެވެ.
ނަމާދާއިމެދު ހުރި މިކަންކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ބަންގީގެ އަޑުވެސް އިވޭނެއެވެ. ނަމާދުކޮށް ނަޞީބު ލިބިގަންނަން ގޮވައިލެވޭ އަޑުވެސް އިވޭނެއެވެ. ކޮންމެ ދުވަހަކު 10 ފަހަރު މިއަޑު އިވޭނެއެވެ. އެހެންކަމާއިއެކުވެސް އަޑުނުއިވޭކަމަށް ހަދައި ބީރު ކަންފަތެއް ދީގެން ހުރެފައި ނަޞީބަށް އެދުނީމާ ނަޞީބުވެރިއަކަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން