ފުރާވަރަށް އެރުމުން ކައިވެނިކުރަން ބޭނުންވިނަމަވެސް ކައިވެނިނުކޮށް ގިނަ ބައަކު މަޑުކުރެއެވެ. އެންމެ ބޮޑު އެއް ސަބަބަކަށްވަނީ ތިމާގެ ފެންވަރުކަމަށް ތިމާއަށް ޤަބޫލުކުރެވޭ ފެންވަރުގެ މީހަކު ނުލިބުމެވެ. ނުވަތަ ތިމާގެ ރީތިކަމާއި އެއްވަރަށް ރީތި މީހަކު ނުލިބުމެވެ.
މިކަމާއި ގުޅިގެން ޙައްލެއްކަމަށް ބައެއް ޢިލްމްވެރިން ވިދާޅުވަނީ ތިމާގެ ފެންވަރު ނުވަތަ ރީތިކަމަށް ނުވިސްނުމެވެ. އަދި ތިމާ އާއި ކައިވެނިކުރަން އެދޭ ގިނަ މީހުންގެ ފެންވަރަށް ބަލައި ތިމާގެ ފެންވަރަކީ އެއީ ކަމަށް އަމިއްލައަށް ކަނޑައެޅުމެވެ.
ބުނަންހެއްޔެވެ؟ ތިބާއަކީ ތިއަހީކުރެވޭ ވަރުގެ ރީތި މީހަކުނަމަ ތިބާފަދަ ރީތި ގިނަ ބައަކު ތިބާއާއި ކައިވެނިކުރަން ކުރިމަތިލާނެއެވެ. ވީމާ އެއީ އިންތިޒާރުކުރަން ޖެހެންވީ ކަމެއް ނޫނެވެ.
ތަނަވަސް މީހުންގެ ތަނަވަސްކަމަށް ދަހިވެތިވެގެން ގުޅެން ބޭނުންވާ މީހުން ގިނަވާނެއެވެ. ވީމާ އެއީ ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ އަނެކާގެ ތަނަވަސްކަމަށް ބެލުމެއް ނޫނެވެ. ތަޤްވާވެރިކަމަށް ބެލުމެވެ. ތަްްވާވެރިކަމަށް ބަލައި ﷲ ތަޢާލާއަށް ވަކީލުކޮށްގެން ކައިވެނިކުރީމާ އެމީހަކު ދެރައެއް ދިނަސް ﷲ ތަޢާލާ ތިބާއަށް ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން