ކީރިތި ޤުރްއާން އުނގެނުމުގެ ފުރުޞަތު ކުޑައިރު ނުވަތަ ޒުވާން ޢުމުރުގައި ނުލިބިތިބި ބައެއް މީހުން ޢުމުރުން ދުވަސްވުމުން ޤުރްއާން އުނގެނެން ގަދައަޅައި މަސައްކަތް ކުރެއެވެ. އެމަސައްކަތްކުރަން ފެށުމުން ބައެއް މީހުން އެމީހުންނަށް ފުރައްސާރަވެސް ކުރެއެވެ.
އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އޮތީ އެމީހުންނަށް ހިތްވަރުދިނުމެވެ. އޭނާކުރާ މަސައްކަތަށް ހިތްވަރުދިނުމެވެ. އެހީތެރިވުމެވެ. އެހެނީ އޭނާ އެ މަސައްކަތްކުރަނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އެރުމަށެވެ.
ރަސޫލް (ﷺ) ގެ ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ.
"ޤިޔާމަތް ދުވަހު ޤުރްއާނުގެ އަހުލުވެރިޔާއަށް ބުނެވޭނެތެވެ. ދުނިޔެމަތީގައި ތިބާ ކިޔެވިފަދައިން ކިޔަވާށެވެ! އަދި ކިޔަވަމުން ސުވަރުގޭގެ ހަރުފަތްތަކުން އަރައިގެންދާށެވެ! ފަހެ ތިބާ ކިޔަވާ އެންމެ ފަހު އާޔަތް ކިޔަވާ ހިސާބަކީ ސުވަރުގޭގައި ތިބާގެ މަންޒިލެވެ."
عَنْ عَبْدِ اللَّهِ بْنِ عَمْرٍو عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا
2914 سنن الترمذي كتاب فضائل القرآن باب ما جاء فيمن قرأ حرفا من القرآن ماله من الأجر
2914 المحدث الترمذي خلاصة حكم المحدث حسن صحيح في سنن الترمذي
Abdullah ibn Amr reported: The Prophet, peace and blessings be upon him, said,
“It will be said to the companion of the Quran: Recite and ascend as you recited in the world. Verily, your rank is determined by the last verse you recite.”
Source: Sunan al-Tirmidhī 2914
Grade: Sahih (authentic) according to Al-Tirmidhi
ސުވަރުގޭގައި 100 ދަރަޖަ ވެއެވެ. މި ޙަދީޘްފުޅުގައި އެވަނީ ސުވަރުގޭގައިވާ 100 ދަރަޖައިން އެންމެ މަތީ ދަރަޖައާއި ހަމައަށް ވެސް ކީރިތި ޤުރްއާން ހިތުދަސް މީހާއަށް އަރައިގެން ދިއުމުގެ ފުރުޞަތު ﷲ ތައާލާ ދެއްވަވާނެ ކަމެވެ. ވީމާ ވީހައި ގިނަ އާޔަތްތަކާއި ސޫރަތްތައް ހިތުދަސްކުރާށެވެ!
އަދި ކީރިތި ޤުރްއާނަށް ޢަމަލުކުރާ މީހަކަށްވާށެވެ! ކީރިތި ޤުރްއާން ބާވައިލެއްވެވީ އުނގެނި ޢަމަލުކުރުމަށެވެ! ވީމާ ހަމައެކަނި އުނގެނުމަކުން ނުފުދޭނެއެވެ!
ތިމާގެ އަނބިދަރިންނަށްވެސް ކީރިތި ޤުރްއާން އުނގަންނައިދޭން ގަދައަޅައި މަސައްކަތްކުރާށެވެ! އަދި ވީހައި ގިނަ ބައަކަށް ކީރިތި ޤުރްއާނާއި ޤުރްއާނުގެ ޢިލްމް އުނގަންނައިދޭން އެހީތެރިވެ ހިތްވަރުދޭށެވެ! އެކަމުގެ ޘަވާބާއި ދަރުމައަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދި ދުޢާކުރަމުން ގެންދާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން