ރުޅިއައިސް އަތްފައިން ނުބައި ޢަމަލުތައް ކޮށްފައި އަދި ދުލުން ނުބައި ބަސްތައް ބުނެފައި މާފަށް އެދުމަކީ އެކަމަށް އޮތް ޙައްލެއް ނޫނެވެ. އަދި ތިމާއަށް މިހުރެވެނީ ނަފްސާނީ ވެވިފައި ކަމަށް ބުނުމަކީވެސް ޙައްލެއް ނޫނެވެ. ރުޅި އަންނަސަބަބާއި ކޮންޓްރޯލުން ނައްޓާ ސަބަބު އެނގޭއިރު ފުރަތަމަ ކަމަކަށް އޮތީ އެސަބަބުތަކަށް ރައްކައުތެރިވުން ކަމަށްވާތީއެވެ.
ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ކޮންމެ މީހަކުހެން ހުންނަން ޖެހިފައި މިވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ފިކުރުކުރަންޖެހޭ ކަންކަން ގިނަވުމުގެ ސަބަބުންނެވެ ފިކުރު ބޮޑުވިނަމަވެސް އެއްވެސް މީހަކު ރުޅި އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކިތަންމެ ވަރަކަށް ރުޅި އައި ނަމަވެސް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެހެންކަމަށްވާއިރު ރުޅި އައުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟
ކެތްތެރިކަން އިސްކުރާށެވެ! ކިތަންމެ ދަތި ޙާލެއްގައި އުޅެން ޖެހުނު ނަމަވެސް ރިވެތި އަޚްލާޤީ ސިފަތަކުގައި ސާބިތުވާށެވެ! އެހެނީ ﷲ ތައާލާ ކުރިމަތި ކުރެއްވެވި ޙާލަތެއް މެނުވީ އެއްވެސް މީހަކާއި ބައްދަލެއް ނުކުރާނެއެވެ. މާނައަކީ ދަތި، ނިކަމެތި ޙާލަތުވެސް އަދި ފާގަތި އުފާވެރި ޙާލަތުވެސް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާއެވެ. ދެ ޙާލަތަށްވެސް އީމާންވެގެން ނޫނީ އެމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.
ކަންބޮޑުވާންވީ ދިރިއުޅެންޖެހިފައިވާ މިއަދުގެ ޙާލަތަކަށް ނޫނެވެ! ކަންބޮޑުވާންވީ ވެސް ބިރުވެތިވާންވީވެސް އާޚިރަތް ދުވަހަށެވެ! މިއަދުގެ ޙާލަތުން މާތް ﷲ ވާގިފުޅާއިއެކު އަރައިގަނެވޭނެއެވެ. ނަމަވެސް އާޚިރަތް ދުވަހު އޮންނާނީ ދެގޮތެވެ! މީހާގެ މަންޒިލަކަށްވާނީ ސުވަރުގެ ނުވަތަ ނަރަކައެވެ.
ތިބާ ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި ހުއްޓައިވެސް މީހަކު ތިބާ ރުޅި އަންނަ ފަދަ ބަހެއް ބުނެފާނެއެވެ! ކަމެއްވެސް ކޮށްފާނެއެވެ! ރުޅި ނާންނާށެވެ! ކެތްތެރިކަން އިސްކުރާށެވެ! އަޅައިވެސް ނުލައި ދޫކޮށްލާށެވެ! ދުލުން ވިޔަސް އަމަލުންވިޔަސް އެމީހަކު ކުޅަ ކޮންމެ ޢަމަލަކަށް އެމީހަކު ޤިޔާމަތްދުވަހު ޖަވާބުދާރީވާން ޖެހޭނެއެވެ! އެ ފުރުޞަތަށް އިންތިޒާރުކުރާށެވެ!
އެއްވެސް މީހަކު ރުޅިއަތުވެއްޖެނަމަ ޝައިޠޯނާ އެކަމަށް އުފާކުރާނެއެވެ. ތިބާގެ މައްޗަށް ބާރުގަދަކޮށްލާނެއެވެ! އެއީ ރުޅިމަތީގައި އޭނާއަށް ކުރެވޭނެ ނުބައިކަންތައްތަކަށްޓަކައެވެ. ބުނެވޭނެ ނުބައިބަސްތަކަށްޓަކައެވެ. ވީމާ ޝައިޠޯނާ އުފާކުރުވަން ނޫނީ ރުޅި އިސް ނުކުރާށެވެ! ކެތްތެރިކަން އިސްކުރާށެވެ! ރުޅީގެ ސަބަބުން ދެ ދުނިޔެ ގެއްލިގެން ހިނގައިދާނެ ކަމަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން