ފަރުޟު ރޯދައިގެ އިތުރުން ސުންނަތް ރޯދަހިފުން ގިނަކުރުން- އެންމެ ކުރީބައިގަ ސުވަރުގެ ވަންނަން ފުރުޞަތު ލިބޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ފަރުޟު ރޯދައިގެ އިތުރުން ސުންނަތް ރޯދަހިފުން ގިނަކުރުން- އެންމެ ކުރީބައިގަ ސުވަރުގެ ވަންނަން ފުރުޞަތު ލިބޭ ކަމެއް!

ފަރުޟު ރޯދަތައް ހިފުމަށް އެންމެންވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. ނަމަވެސް ސުންނަތް ރޯދަތައް ހިފަނީ ނިޞްބަތުން މަދު ބައެކެވެ. މިއީ ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާ ކަމެކެވެ. އެމީހަކަށް ވެވުނު ވަރަކުން ސުންނަތް ރޯދަތައް ހިފުން ގިނަކުރަން މަސައްކަތްކުރަން އެބަޖެހެއެވެ.  

އެކަމަށް ބާރުއަޅައި އަދި ހިތްވަރުދޭން މިއަދުނޫހުގައި މިއަންނަނީ ލިޔުންތައް ޝާއިޢުކުރަމުންނެވެ. ތިރީގައިވާ ލިޔުމުންވެސް މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ވީހައި ކުރިން ސުވަރުގެ ވަދެވި ސުވަރުގޭގެ އެންމެ މަތީދަރަޖަ ލިބުމެވެ. އެކަންކަމަށް އެދޭ މީހާ ފުރަތަމަ ކަމެއްގެ ގޮތުން ރޯދަހިފުން ގިނަކުރާށެވެ. ފަރުޟު ރޮދައިގެ އިތުރުން ސުންނަތް ރޯދަތައް ހިފުންވެސް ގިނަކުރާށެވެ.  

މި ލިޔުމުގައިވާ ވީޑިއޯގައި ޝައިޚް އަނީލް ބަޔާންކުރައްވަވާފައި އެވަނީ އަޅުކަމުގައި ކުރިއަރައި އަދި ޝަހީދެއްގެ ދަރަޖަ ލިބިވަޑައިގެންނެވި ޞަޙާބީއަކަށްވުރެ ކުރިން އެއަށްވުރެ މަދުން އަޅުކަން ކުރެއްވެވި، އެހެން ނަމަވެސް ރަމަޟާން މަހެއްގެ ރޯދަ ފުރިހަމަ ގޮތުގައި އިތުރު އެއް އަހަރު ހިއްޕެވި ޞަޙާބީއަކު ސުވަރުގެ ވެއްދެވި ކަމުގެ ވާހަކައެވެ.  

ޝައިޚް އަނީލް އެކަން ބަޔާން ކުރައްވަވާފައި އެވަނީ ތަލްޙާ (ރޢ) ރިވާ ކުރެއްވެވި ޙަދީޘްފުޅެއް ދަލީލަކަށް ދައްކަވައިގެންނެވެ.  

އެދެ ޞަޙާބީންނަކީ އެކުގައި އިސްލާމްވެވަޑައިގެންނެވި 2 ޞަޙާބީންނެވެ. އަޅުކަމުގައި އިސްކޮށް އުޅުއްވެވި، ހީވާގިވެވަޑައިގެންނެވި، ގިނައިން ސުންނަތް އަޅުކަން އަދާކުރެއްވެވި ޞަހާބީ ޝަހީދުވެވަޑައިގަތީ އަނެއް ޞަހާބީއަށްވުރެ އެއް އަހަރުކުރިންނެވެ. ނަމަވެސް ސުވަރުގެއަށް ކުރިން ވެއްދެވީ އިތުރު އެއް އަހަރު ދުނިޔޭގައި ހުންނެވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން ފުރިހަމަ ގޮތުގައި އިތުރު ރަމަޟާން މަހެއްގެ ރޯދަ ހިއްޕެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ޞަޙާބީއަށެވެ.  

ވީމާ ފުރިހަމަ ގޮތުގައި ރޯދަ ހިއްޕަވަން މަސައްކަތްކުރައްވާށެވެ! ރަމަމާން މަހު ހިފާ ފަރުޟު ރޮދައިގެ އިތުރުން އެހެން މަސްތަކުގައި ސުންނަތް ރޯދަތައް ފުރިހަމަ ގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ!  

ޝައިޚް އަނީލްގެ ދަރުސް:

https://www.facebook.com/watch/live/?v=330881931233734&notif_id=1589505682319388&notif_t=live_video_explicit

 

މިއަދު އޮންލައިން