ބޭނުންނަމަ ވިތުރިގެ ފަހު ރަކްއަތުގަ 3 ސޫރަތް ކިޔަވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ބޭނުންނަމަ ވިތުރިގެ ފަހު ރަކްއަތުގަ 3 ސޫރަތް ކިޔަވާށެވެ!

އަހަރެމެންގެ ތެރޭގައި މިއަދު ކަންކަންހުރި ޙާލަތަށްބަލާއިރު ޢިޝާ ނަމާދުކޮށްގެން ގިނަ ބައަކު ރަވާތިބް ސުންނަތް ކުރެއެވެ. އެކަމަކު ވިތުރި ކުރަނީ މަދުބައެއްކަމަށް ބުނަންޖެހޭކަން އެއީ ބޮޑު ހިތާމައެކެވެ.  

ވިތުރިކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި ޑރ. ޝަހީމް ދެއްވާފައިވާ މި ދަރުސަށް ނިކަން ވިސްނައިލަބަލާށެވެ!  

ވިތުރި ކުރުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެހެނީ ރަސޫލް () ގެ ޙަޔާތްޕުޅުގައި ވިތުރި ކުރެއްވެވުން އެއްގޮތަކަށްވެސް ދޫކޮށްލައްވަވާފައެއް ނުވެއެވެ.  

ވިތުރި އަކީ އެންމެ ރަކްއަތަކުންވެސް ފުދޭ، 3 ރަކްއަތް ނަމާދެކެވެ. ވިތުރީގެ ފުރަތަމަ ރަކްޢަތުތައި ރަސޫލް () ކިޔަވައި ވިދާޅުވަނީ އަލްޙަމްދަށްފަހު "ސައްބިހިސްމަ" ސޫރަތެވެ. ދެވަނަ ރަކްއަތުގައި ކިޔަވައި ވިދާޅުވަނީ ސޫރަތުލްކާފިރޫން އެވެ. ފުރަތަމަ 2 ރަކްއަތް ނިންމަވައި ސަލާމް ދެއްވެވުމަށްފަހު ވަކިން ކުރައްވަވާ އެއްރަކްއަތުގައި އަލްޙަމްދު ކިޔަވައި ވިދާޅުވުމަށްފަހު ކިޔަވައި ވިދާޅުވަނީ އިޚްލާޞް ސޫރަތެވެ.  

ނަމަވެސް މީހަކު ކިޔަވަން ބޭނުންވެއްޖެ ނަމަ ފަހު ރަކްޢަތުގައި އަލްހަމްދު ފަހުގައި އިޚްލާޞް ފަލަޤް، ނާސް 3 ސޫރަތް ކިޔެވުމަކީ މައްސަލައެއް ނޫނެވެ.  

ވިތުރީގެ 3 ރަކްއަތުގައި މި 3 ސޫރަތް ކިޔެވުމަކީ ސުންނަތުގައި އޮތް ގޮތެވެ. ނަމަވެސް ކިޔަވަން ނުއެނގޭ މީހާ ކީރިތި ޤުރްއާނުގެ ކޮންމެ ތަނަކުން ކިޔެވުމަކީވެސް މައްސަލައެއް ނޫނެވެ. އެހެނީ "އެމީހަކަށް ފަސޭހަތަނަކުން ކިޔަވަން" ރަސޫލް () ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ ނަމާދުކުރަންވީ ގޮތުގެ ވާހަކަ ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅު ކުރައްވަވާފައިވާ ބަސްފުޅެކެވެ!

އަދި މުޒައްމިލް ސޫރަތުގެ 20 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. "... ފަހެ، ޤުރުއާނުން ފަސޭހަވީ މިންވަރެއް ތިއަބައިމީހުން ކިޔަވާށެވެ!.." ވީމާ ވިތުރި ކުރާއިރުވެސް ކީރިތި ޤުރްއާނުގެ ކޮންމެ ތަނަކުން ކިޔެވި ނަމަވެސް ނަމާދު ޞައްޙަވާނެއެވެ! 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ޑރ. ޝަހީމްގެ މި ބަސްފުޅުން އެނގިގެންދަނީ ރަމަޟާން މަސް ފަދައިން އެހެން މަސްތަކުގައިވެސް، ކޮންމެ ރެއަކުވެސް ވިތުރި ކުރުމަކީ އިތުރުކަން ބޮޑު ސުންނަތެއް ކަމެވެ. ރަމަޟާން މަހު ވިތުރި ކުރައްވަން ފެށްޓެވި ބޭފުޅުން، ރަމަޟާން މަސް ނިމުމުންވެސް ވިތުރި ކުރެއްވުމުގައި ދެމިތިއްބެވުމުގެ މުހިންމު ކަމެވެ.  

 

 

މިއަދު އޮންލައިން