ސުންނަތުން ޘާބިތުވާ ކަންކަމަށް އިންކާރުނުކުރެވޭނެ! އިންކާރުކުރަނީ ޤުރްއާން ރަނގަޅަށް ނޭނގޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ސުންނަތުން ޘާބިތުވާ ކަންކަމަށް އިންކާރުނުކުރެވޭނެ! އިންކާރުކުރަނީ ޤުރްއާން ރަނގަޅަށް ނޭނގޭތީ!

ސުންނަތުން ޘާބިތުވާ ކަމެއް ތިމާއަށް ނުކުރެވުނަސް އެކަމަށް އިންކާރުކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ހުރިހާ ސުންނަތަށް އެންމެންނަށް ޢަމަލުނުކުރެވިދާނެއެވެ. ނަމަވެސް އިންކާރުކޮށް ޖަދަލުކޮށްގެން ނުވާނެއެވެ. ސަބަުތައް މިކިޔައިދެނީއެވެ. 

"އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.(،އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީ އެއްކަމުގައި ނޫނީ ނުވެތެވެ. (.)" (އައްނަޖުމް:3،4) 

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިއަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަ ވާށެވެ! އޭރުން، ﷲ، ތިއަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިއަބައިމީހުންނަށްޓަކައި، ތިއަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަހީމް ވަންތަ ރަސްކަލާނގެއެވެ." އާލް ޢިމްރާން: 31) 

ﷲ ތައާލާގެ ވަހީ ބަސްފުޅު މިފަދައިން އޮއްވައި ސުންނަތެއް ކަމަށްވުމުން ނުވަތަ ޙަދީޘްފުޅަކަށްވުމުން ފަރުވާކުޑަކޮށްލައިގެން ތިބެވެން ނެތްކަން ވަރަށް ރަނގަޅަށް އެނގެއެވެ. "އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީ ކަމުގައި ނޫނީ ނުވެތެވެ." މިފަދައިން ވަހީކުރައްވަވާފައި އޮތުމުން ޙަދީޘްފުޅުތައް ޤަބޫލުކޮށް ޢަމަލުކުރަންޖެހޭ ކަމުގެ ޔަޤީންކަން ލިބިގެންދެއެވެ. 

މީގެ އިތުރުން ﷲ ތަޢާލާ ވަނީ ރަސޫލް () ގެ އަޚްލާޤަށް ތަޢްރީފް ވަޙީކުރައްވައިފައެވެ. ވީމާ ސުންނަތުގައި ހިމެނޭ ކޮންމެ ކަމަކަށްވެސް ޢަމަލުކުރަން ޖެހޭކަން އެނގިގެންދެއެވެ. އަދި ހަމަ މިއާޔަތުން ސުންނަތަށް ޢަމަލުކުރުމަކީ " ގެ ދަރުމައާއި، އާޚިރަތު ގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށް" ކިހައި މުހިންމުކަމެއްކަންވެސް އެނގިގެންދެއެވެ. 

"ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިއަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި، އާޚިރަތު ގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ." (އަލްއަޙްޒާބް" 21) 

ރަސޫލް () ގެ ސުންނަތާއި ޙަދީޘްފުޅުތަކަށް ޢަމަލުކުރުމުން ލިބިގެންދާނެ ފައިދާ ވެސް ވަނީ ވަޙީ ކުރައްވަވައިފައެވެ. 

"އަދި ތިއަކަނބަލުންގެ ތެރެއިން ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކިއަމަންތެރިވެ ޞާލިޙް ކުރާ މީހަކަށް، އެމީހާގެ ދަރުމަ، ތިމަންރަސްކަލާނގެ ދެގުނައަށް ދެއްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހަކަށްޓަކައި (ސުވަރުގޭގައި) ދީލަތި ދެއްވުމެއް ތައްޔާރު ކުރެއްވީމެވެ." (އަލްއަޙްޒާބް: 31) 

ﷲ ތަޢާލާ މިފަދައިން ވަޙީކުރައްވަވާފައިވުމުން "ތިމާ ހަމައެކަނި ޢަމަލުކުރާނީ ކީރިތި ޤުރްއާނުން އެނގެންހުރި ކަންކަމަށް" ކަމަށް ބުނާ މީހުން ވިސްނައިލަންވީ ސުންނަތާއި ޙަދީޘްފުޅުތަކަށް އަމަލުކުރަންޖެހޭކަން ވެސް މިއޮތީ ކީރިތި ޤުރްއާނުން އެނގެން ކަމަށެވެ. 

މިދަލީލުތައް މިފަދައިން ފެންނަން ހުއްޓައިވެސް ރަސޫލް () ގެ ސުންނަތެއް ނުވަތަ ޙަދީޘްފުޅެއް ކަމަށް ބުނެވިއްޖެ ނަމަ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް އެކަން ޤަބޫލުކުރެވެނީ މާމުހިންމު ނޫން ކަމެއްގެ ގޮތުގައެވެ. އެއީ އެގޮތަށް ޤަބޫލުކޮށް، ފަރުވާކުޑަކޮށްގެންވާނެ ކަމެއް ނޫންކަން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ ވަރަށް ސާފުކޮށް އެއްވެސް އޮޅުމެއް ނެތް ކަމެއްގެ ގޮތުގައި ވަޙީ ކުރައްވަވައިފައެވެ. މިބަޔާންކުރި މިންވަރުންވެސް ވިސްނައި ފިކުރުކުރާ މީހަކަށް ފުދޭނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން