އަހުރެން ނިޞްބަތްވަނީ އެފްރިކާގެ ޤައުމަކަށެވެ. އެޤައުމުގެވެސް އެންމެ ނާތަހްޒީބް އެއްއަވަށަށެވެ. އެހެންކަމުން ރަނގަޅު ފެންވަރަކަށް އިސްލާމީ ތަޢްލީމް އުނގެނުމުގެ ފުރުޞަތެއް ނުލިބެއެވެ.
ޕްރައިމަރީ ގެރޭޑްތަކުގައި ކިޔަވަމުންދިއައިރުވެސް އަހުރެންގެ އެންމެ ބޮޑު އިސްލާމަކީ އިސްލާމީ ތަޢްލީމުން މަތީ ފެންވަރަށް ކިޔެވުމެވެ. ކިޔަވައިގެން އިސްލާމް ދީނަށް ޚިދުމަތްކުރުމެވެ. އެހެންވެ އެކަމަށް އެދިގެން ކުރާނެ ދުޢާއަކަށް އެދުރުންނާއި ސުވާލުކުރުމުން ބުނަނީ ހަމައެއް ދުޢާއެކެވެ. އެއީ:
ربِّ زِدْنِي عِلْماً
ވަރަށް ކުރުކުރު ދުޢާއެކެވެ. ހަނދާންކުރަންވެސް އެހައި ފަސޭހައެވެ. ކޮންމެއަކަސް މިދުޢާ ކުރުމުގައި އަހުރެން ޘާބިތުވީމެވެ. ވަކިވަޤުތަކު ނޫނެވެ. ހަނދާންވާއިރަށް ދުޢާކުރަމެވެ.
ދިގުކުރަން އަހުރެންގެ މުޅި ޙަޔާތުގެ ހުރިހާ ވާހަކަތަކެއް ނުދައްކައި ކުރުކޮށްލާނަމެވެ. އަހުރެންގެ ޢުމުރަކީ މިހާރު 22 އަހަރެވެ. އަހުރެން ކިޔަވަމުން މިގެންދަނީ މަދީނާ ޔުނިވަރސިޓީގައެވެ.
ބައެއް މީހުންނަށް ވިސްނެނީ މަތީ ތަޢްލީމް ޙާޞިލުކުރުމުގެ ފުރުޞަތު ލިބެނީ ތަނަވަސްކަން ހުރުމުން ކަމަށެވެ. އެއީވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެން މިބުނަނީ އަހުރެންގެ މައިންބަފައިންނަކީ އަވަށުގެ އެންމެ ފަޤީރު މީހުންގެ ތެރޭގައި ހިމެނޭ ބައަކަށްވާތީއެވެ.
އަހުރެން ޤަބޫލުކުރާ ގޮތުގައި އަހުރެންނަށް ކިޔެވުމުގެ ކަންކަން ފަހިވެ މިހިސާބަށް އާދެވިފައި މިހުރީ އުންމީދާއި ޔަޤީންކަމާއިއެކު އަހުރެން ކުރަމުން އައި ދުޢާގެ ސަބަބުންނެވެ. އަހުރެން އެދެނީ ޢިލްމް އުނގެނެން ބޭނުންވާ އެންމެންވެސް އެކަމަށް އެދި ދުޢާކުރުންމަތީގައި ދެމިތިބުމަށެވެ. އެއިރުން އެމީހަކަށް މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ
- މަދީނާގައި ކިޔަވަމުން އަންނަ ދަރިވަރެއް