ނަރަކައާމެދު މި ހަޤީޤަތްތައްވާކަން ވިސްނަމުތަ؟ ބިރުވެތިވެވޭތޯ ނިކަން ކިޔާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ނަރަކައާމެދު މި ހަޤީޤަތްތައްވާކަން ވިސްނަމުތަ؟ ބިރުވެތިވެވޭތޯ ނިކަން ކިޔާލަބަލަ!

ދުނިޔެއަށް ބަލައިފިނަމަ ކުޑަކުޑަ ޖަލެއްގައި ތިބޭ މަދު ޤައިދީންކޮޅު ބަލަހައްޓަން އެތައް ސަތޭކަ ސެކިޔުރިޓީން ތިބެއެވެ. ޤައިދީންގެ ޝަކުވާތައް އަޑުއަހައި ބޭނުންތައް ފުއްދައިދޭނެ އެތައް ސަތާކަ ބައަކު އުޅެއެވެ.  

ނިކަންވިސްނައިލަބަލާށެވެ! ދުނިޔެއަށް އުފަންވާ ކޮންމެ 1000 މީހަކުން 999 މީހުންންނަށް ވަދެ ތިބެންޖެހޭނެ ނަރަކަ ބަލަހައްޓަވަން ތިއްބަވަނީ ކިތައް މަލާއިކަތުންކަން އެނގޭހެއްޔެވެ؟ މިދެއްކެނީ އާދަމްގެފާނުގެ ޒަމާނުންސުރެ ދުނިޔެ ނިމެންދެން ދުނިޔެއަށް އުފަންވާނެ އެންމެންގެ ތެރެއިން ކޮންމެ 1000 އަކުން 999 މީހުންގެ ވާހަކައެވެ. ވީމާ ނަރަކައިގައި ތިބެންޖެހޭނެ މީހުންގެ ޢަދަދާއިމެދު ޚިޔާލުވެސްނުކުރެވޭނެ ނޫންހެއްޔެވެ؟ 

އެކަމަކު އެއެންމެންގެ ހުރިހާ ކަންކަން ބަލަހައްޓަވަން (މުޅި ނަރަކަ ބެލެހެއްޓެވުމަށް) ތިއްބަވާނީ 19 މަލާއިކަތުންނެވެ. އެތައް ޓްރިލިއަން ޓްރިލިއަން  ބައަކު ނަރަކައިގައި ތިބޭއިރު މުޅި ނަރަކަ ބަލަހައްޓަވަން އެންމެ 19 މަލާއިކަތުން ތިއްބެވުމުން އެނގެނީ ނަރަކަށް ވެއްދެވުމަށްފަހު އެއްވެސް މީހަކަށް ލިބޭނެ އެއްވެސް އިނާޔަތެއް ނެތްކަމެވެ. އޮންނާނީ އެމީހަކަށް ކަނޑައެޅިފައިވާ ގަދަފަދަ ޢަޛާބުގައި ދެމިއޮތުން ކަމެވެ. ރޯ ރުއިމަކަށް ނުވަތަ ކުރާ އާދޭހަކަށް އަޅައިލާނެ އެއްވެސް މީހަކު ނުހުންނާނެ ކަމެވެ.  

މީސްތަކުންނޭވެ! ނަރަކައިގެ އަހުލުވެރިންނަށް ލިބޭ ޢަޛާބުގެ ގަދަފަދަކަމުން ރޯރުއިމުގެ އަޑުން މުޅިތަން ހުންނާނީ ގުގުމާލައިފައެވެ. އެކަމަކުވެސް ނަރަކަ ބަލަހައްޓަވަން ތިއްބަވާ މަލާއިކަތުން ހަމަ އަޅުއްވަވައިވެސް ނުލައްވަވާނެތެވެ. މީސްތަކުން ނަރަކައަށް ވައްދަވަނީ އެމީހުންނަށް ޢަޛާބުލިބުން ޙައްޤުވުމުން ޢަޛާބު ދެއްވަވާށެވެ! ޢަޛާބު ދެއްވަވާނީ އޭނާ ކުޅަ ފާފަތަކުގެ ނިޞްބަތުން އޭނާއަށް ޙައްޤުވާ މިންވަރަށެވެ. ވީމާ އެކަމަށް ބަދަލެއް ގެނައުމަކީ ހަމަ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ނަރަކަ ބަލަހައްޓަވަން ތިއްބަވާ މަލާއިކަތުންނަކަށްވެސް ކުރެއްވެވޭނެ ކަމެއް ނޫނެވެ.  

ކުރަން އޮތް ކަމަކީ މިއަދު ހުނުން މަދުކޮށް ރުއިން ގިނަކުރުމެވެ. ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ﷲ ތައާލާގެ ޙައްޤުތަކަށް ރައްކައުތެރިވުމެވެ. ނަމާދު ޤާއިމުކުރުމާއި ކިޔަމަންތެރިކަން އަދާކުރުމެވެ. ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށްވެސް ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށްވުމަށް މަސައްކަތްކުރުމުގެ ފުރުޞަތު އޮތީ މިއަދު އެކަނިކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން