މިހާރަކަށް އައިސް ބައްދަލުވުމުން ސަލާމް ގޮވަން ބޭނުންވަނީވެސް ވަކިފެންވަރެއްގެ ބައަކަށެވެ. ތަންކޮޅެއް ނިކަމެތި ކަމަށް ހީކުރެވޭ މީހާއަށް ބަލައިލަން ބޭނުންނުވާ މީހުންވެސް އެބައުޅެއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.
ބައެއް މީހުންނަކީ ތިބާއަށްވުރެ ނިކަމެތި ޙާލުގައި އުޅެން އިރާދަކުރައްވާފައިވާ ބައަކަށްވެދާނެއެވެ. އެމީހުންނަކީ މުޖުތަމައުގައި ނިކަމެތި ބައަކަށްވެސް ވެދާނެއެވެ. އަދި ކީއްހެއްޔެވެ؟ އެމީހުން ލައިގެން ތިބޭ ހެދުމަކީ ވެސް ބައުފޭރާން ކަމުގައިވެސް ވެދާނެއެވެ.
މީސްތަކުންނޭވެ! ދުނިޔޭގެ ޒީނަތްތެރިކަމުން ނުވަތަ ތަނަވަސްކަމުން އެއްވެސް މިންވަރެއް ލިބިފައިނުވާ މީހުންގެ ތެރޭގައި ﷲ ތައާލާ އާއި އެންމެ ބޮޑަށް ކުއްތަންވެގެންވާ މީހުން ހިމެނިދާނެއެވެ! "ތިމަންރަސްކަލާނގެ އާޔަތް ތަކަށް އީމާންވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ..." އޮތް ވަޙީ ބަސްފުޅަށް ޢަމަލުކުރާށެވެ!
ﷲ ތަޢާލާގެ ވަހީ ބަސްފުޅުގައި އޮތީ އެއްވެސް މީހެއްގެ ދަރަޖައަށް ނުވަތަ ބޭރު ފުށަށް ބަލައި އެއްވެސް މީހަކާއިމެދު ފަރުވާކުޑަނުކުރުމަށެވެ.
"ތިމަންރަސްކަލާނގެ އާޔަތް ތަކަށް އީމާންވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ރަޙްމަތް އެކަލާނގެ ޛާތުފުޅުގެ މައްޗަށް ލާޒިމް ކުރެއްވިއެވެ. ހަމަކަށަވަރުން، ތިއަބައިމީހުންގެ ތެރެއިން ނޭނގުމާއެކު، ނުބައިކަމެއްކޮށް، ދެން އެއަށްފަހު، ތައުބާ ވެ (ޢަމަލު ތައް) އިޞްލާޙް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އަލް އަންޢާމް: 54)
މީސްތަކުންނޭވެ! ބައެއް މީހުންނާއި މިސްކިތުން ބައްދަލުވާ މީހުންނާއިމެދުވެސް ފަރުވާކުޑަކުރެއެވެ! އެކަން އެހެން ކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ﷲ ތަޢާލާ ވަހީކުރައްވަވާފައިވަނީ ސަލާން ޖަހާ މީޙުންނާއިމެދުގައިވެސް ހެޔޮކޮށް ހިތުމަށެވެ. އަޅައިލުމަށެވެ. މީހާގެ ބޭރުފުށުން ފެންނަ ގޮތް ކިތަންމެ ނިކަމެތި ނަމަވެސް ﷲ ތައާލާގެ ޙަޟްރަތުގައި އެމީހާގެ މަތިވެރިކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ﷲ ތަޢާލާގެ ކިހައި ވަރެއްގެ "މިތުރެއް"ކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! ތިއަބަބައިމީހުންނަށް ﷲ ތަޢާލާ ދެއްވެވި ބައެއް ނިޢްމަތްތައް އެހެން މީހަކަށް ދެއްވަވާފައި ނުވުމަކީ ނުވަތަ އެމީހާގެ ބޭރުފުށުން ފެންނަން ނެތުމަކީ ސަބަބަކަށް ހަދައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅަކަށް އިހާނެތިކޮށް ކަންކަން ކުރެވިއްޖެ ނަމަ ދެން ވެދާނެ ގޮތަކާއިމެދު ވިސްނައި ބިރުވެތިވާށެވެ!
މީހުންނަށް ސަލާމްކޮށް ހެޔޮކޮށް ކަންތައްތައްކުރަން ދަސްކުރާށެވެ! އެއީ ކޮންމެ މީހެއް ނަމަވެސްމެއެވެ. ﷲ ތަޢާލާގެ އާޔަތްތައް ކިޔެވުމުގެ ފައިދާ ފެނިގެންދާނީ އެ އާޔަތްތަކަށް ޢަމަލުކުރުމުންނެވެ!
- މުފްތީ މެންކުގެ ދަރުސަކުން