މިއަދު ގިނަ ބައަކު ކަންބޮޑުވެ ދައްކަނީ ޔޫނުސްގެފާނަށް ބޮޑުބިޔަ މަހެއްގެ ބަނޑުގައި އޮންނަވަން ޖެހިވަޑައިގެންނެވިކަމުގެ ވާހަކައެވެ. އެޙާލަތުން ސަލާމަތްވެވަޑައިގެންނެވި ގޮތުގެ ވާހަކަ ދައްކައި އުޅެނީ ވަރަށް މަދުމީހެކެވެ! ވީމާ ވިސްނައިލާށެވެ!
ބޮޑުމަހުގެ ބަނޑުގައި އޮންނަވައިގެންވެސް ﷲ ތައާލާއަށް އިސްތިގްފާރު ނުކުރެއްވެވިނަމަ ޔޫނުސްގެފާނަށް ޖެހިވަޑައިގަތީހީ ޤިޔާމަތާއި ހަމައަށް މަހުގެ ބަނޑުގައި އޮންނަވަންކަމަށް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ.
لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ
"ފަހެ، އެކަލޭގެފާނު ގިނަގިނައިން ތަސްބީޙް ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން މަހްޝަރަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ."
(އަލް ޞޯއްފަ: 144)
އިސްތިޣްފާރުކުރާ މީހުންގެ ހިތާމަތަކާ މޮޅިވެރިކަން ފިއްލަވައި ދެއްވަވާނެކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
އަދި އެމީހަކަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ކަމުން ސަލާމަތްވެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވައިދެއްވަވާނެތެވެ. އަދި އޭނާއަށް ނުވެސް އެނގޭ ގޮތުގައި ﷲ ތައާލާ ރިޒްޤް ދެއްވަވާނެތެވެ.
ޔޫނުސްގެފާނު ހަމައެކަނި މަހުގެ ބަނޑުން ސަލާމަތްކުރެއްވެވީއެއް ނޫނެވެ.
"ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލި ޙާލުކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ."
"އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ."
"އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ ޤައުމަކަށް ރަސޫލްކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ."
"ފަހެ، އެއުރެން (އެކަލޭގެފާނަށް) އީމާންވޫއެވެ. ދެން އެއުރެންގެ އަޖަލު ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ."
(އައް ޞޯއްފަ: 145،146،147،148)
ވީމާ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް އިސްތިޣްފާރުކުރުން ގިނަކުރާށެވެ! ޙާޞިލް ނުވާނެ ނިޢުމަތެއް ނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން