ޢަދުލު އިންޞާފުގެ ދާއިރާއަށް ބެލިޔަސް، އަހަރެމެން ކުރެ ކޮންމެ މީހަކީ ޒިންމާދާރު މީހަކަށް ވާން ޖެހެއެވެ. ވެރީން އެކަންޏެއް ނޫނެވެ. ޢާންމު ރައްޔިތުން ވެސް މެއެވެ. ޢަދުލުއިންސާފުގެ ކުރިމަތީގައި މޮޅެއް ދެރައެއްގެ ތަފާތެއް އޮވެގެން ނުވާނެއެވެ. ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހޭނެއެވެ. ކުށްކުރާ މީހާ ކުށަށް ޒިންމާވާން ޖެހޭނެއެވެ. އެއްވެސް މީހަކު ނުޙައްޤުން ކުށްވެރިއަކު ސަލާމަތްކުރާން މަސައްކަތްކޮށްގެން ނުވާނެއެވެ.
ކީރިތި ރަސޫލާ zގެ ޒަމާނުގައި، ޤުރައިޝުވަންހައިގެ ޝަރަފުވެރި އަންހެނަކު ވައްކަންކުރުމުން، އޭނާގެ މައްޗަށް ވައްކަމުގެ ޙައްދު ޤާއިމުނުކުރައްވައި ދޫކޮށްދެއްވައިތޯ އުސާމާ ބުނު ޒައިދު މެދުވެރި ކޮށް، ޤުރައިޝުން ކީރިތި ރަސޫލާ zގެ އަރިހުގައި ދެންނެވިއެވެ. އެ ހިނދު، އެކަމާ ކޯފާއިސްކުރައްވައި ޙަދީޘްކުރެއްވިއެވެ. (أَتَشْفَعُ فِيْ حَدٍّ مِنْ حُدُوْدِ اللَّهِ) މާނައީ: "اَللّٰهُ سُبْحَانَهُ وَتَعَالَى ކަނޑައަޅުއްވައިފައިވާ ޙައްދެއް ޤާއިމުނުކޮށް ދޫކޮށްލުމަށް ކަލޭގެފާނު ތިމަންކަލޭގެފާނުގެ އަރިހުން ޝަފާޢަތަށް އެދެނީހެއްޔެވެ؟" އެއަށްފަހު ޙަދީޘްކުރެއްވިއެވެ. (وَأَيـْمُ اللهِ لَوْ أَنَّ فَاطِمَةَ بِنْتَ مُـحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا)[1] މާނައީ: މާތް الله ގަންދެއްވައި ވިދާޅުވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަންކުރެއްވިކަމުގައި ވިއަސް، ތިމަންކަލޭގެފާނު އެ ކަމަނާގެ އަތްޕުޅު ވެސް ކަޑުއްވާހުށީމެވެ." ކީރިތި ރަސޫލާ zގެ ފަރާތްޕުޅުން މި ފެނުނީ ރިވެތި ނަމޫނާއެކެވެ. ޙާކިމުންނާއި، ވެރީންނާއި، އެކިވަރުގެ އަމުރުވެރީން، ރިވެތި ނަމޫނާ ދައްކައި، ޒިންމާދާރު ވެއްޖެ ނަމަ، ޢާންމު ރައްޔިތުން އެބައިމީހުންނާ ތަބާވާނެއެވެ. ހުރިހައި ޙާލަތެއްގައިމެ ޢަދުލުވެރިވުމަށް، މާތް الله ވަނީ އަމުރުކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އޭ إيـمَان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން الله އަށްޓަކައި އެކަލާނގެ حَقُّ ތައް ފުރިހަމަޔަށް قَائِمُ ކުރާ، އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް تَقْوَىވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން الله އަށް تقوىވެރިވާށެވެ! ހަމަކަށަވަރުން، الله އީ، ތިޔަބައިމީހުންކުރާ عَمَلُތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އަދާކުރާ ވަޒީފާތަކާއި މަސްއޫލިއްޔަތުތަކަކީ އަމާނާތެކެވެ. ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚްލާޞްތެރިވާން ޖެހެއެވެ. ކަންކަން ކުރުމުގައި ރައްޔިތުންގެ ޙައްޤުތަކަށާއި ޤައުމީ މަޞްލަޙަތަށް އިސްކަންދޭން ޖެހެއެވެ. ރަސޫލު الله z ޙަދީޘްކުރައްވައިފައި ވެއެވެ. (وَإِنَّـهَا أَمَانَةٌ، وَإِنَّـهَا يَوْمَ الْقِيَامَةِ خِزْيٌ وَنَدَامَةٌ، إِلَّا مَنْ أَخَذَهَا بِـحَقِّهَا، وَأَدَّى الَّذِيْ عَلَيْهِ فِيْهَا)[2] މާނައީ: "ހަމަކަށަވަރުން ވެރިކަމަކީ، އަމާނާތެކެވެ. އެ ކަންތައް ޙައްޤު ގޮތުގައި ލިބިގަނެ، އެ ކަމުގެ ޒިންމާތައް އަދާކުރާން ޖެހޭ ގޮތަށް ފުރިހަމައަށް އަދާނުކޮށްފި ނަމަ، ޤިޔާމަތްދުވަހު އެ ކަން ވާހުށީ ބޮޑު ނިކަމެތިކަމަކާއި، ހިތާމަވެރިކަމަކަށެވެ." އަހަރެމެންގެ ވަޒީފާތަކާއި، ރައްޔިތުން އަހަރެމެންނާ ޙަވާލު ކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ، ބޮޑުވެގެންވާ އަމާނާތެކެވެ. އެހެންކަމުން އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް، ފަރުދުންނާއި މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަން ނުދޭ ނަމަ، އެއީ ތިމާގެ ދީނާއި ޤައުމަށް ވެވޭ ބޮޑު ޚިޔާނާތެކެވެ.
ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، އަހަރެމެންގެ އީމާންކަމާ ގުޅިފައިވާ ދެ ސިފައެވެ. މާތްالله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި އެބައިމީހުންނަކީ އެބައިމީހުންގެ އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ."
ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރުމަކީ ނަޒާހަތްތެރިކަން ގެއްލި، ޢަދުލުއިންޞާފާ ދުރަށް ގޮސް، އަނިޔާވެރިކަމަށް މަގުފަހިވާނެ ކަންކަމެވެ. ޤުދްސީ ޙަދީޘެއްގައި ރަސޫލު الله z ޙަދީޘްކުރައްވައިފައި ވެއެވެ. (قَالَ اللهُ تَعَالَى: يَا عِبَادِيْ إِنِّيْ حَرَّمْتُ الظُّلْمَ عَلَى نَفْسِيْ، وَجَعَلْتُهُ بَيْنَكُمْ مُـحَرَّمًا، فَلَا تَظَالَمُوا)[3] މާނައީ: "މާތް الله ވަޙީކުރެއްވިއެވެ. އޭ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ޛާތުފުޅަށް، އަނިޔާވެރިކަން ޙަރާމްކުރައްވައިފީމެވެ. އަދި އެއީ، ތިޔަބައިމީހުންގެ މެދުގައި ވެސް ޙަރާމްކަމެއް ކަމުގައި ލައްވައިފީމުއެވެ. ފަހެ، ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް، އަނިޔާވެރިނުވާހުށިކަމެވެ."
އަމިއްލަ މަޞްލަޙަތު އިސްކުރުމަކީ، ތިމާ އަދާކުރާން ޖެހޭ މަސްއޫލިއްޔަތަށް އުނިކަން އަންނަ ކަމެކެވެ. ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ ބޮޑަށް، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުންނެވެ. އަނެކުންނަށް ޓަކައި، ތިމާ އަދާކޮށްދޭން ޖެހޭ ވާޖިބަށް އިސްކަންދޭ މީހުންނެވެ. ތިމާގެ ޙައްޤުތައް ލިބެން އެދޭ ފަދައިން، މީސްތަކުންގެ ޙައްޤުތައް ލިބިދެވޭތޯ ބަލާ މީހުންނެވެ. ރަސޫލު الله z ޙަދީޘް ކުރައްވައިފައި ވެއެވެ. (لَا يُؤْمِنُ أَحَدُكُمْ حَتَّى يُـحِبَّ لِأَخِيْهِ مَا يُـحِبُّ لِنَفْسِهِ)[4] މާނައީ: "ތިޔައިން އެއްވެސް މީހަކު ތިމާގެ އަމިއްލަ ނަފުސަށް ޓަކައި އެދޭ ކަންތައް ތިމާގެ އަޚާއަށް ލިބުމަށް ނޭދޭހާ ހިނދަކު އެ މީހެއްގެ އީމާންކަން ފުރިހަމަނުވާހުއްޓެވެ."
ޤައުމުގެ ވަޙްދަތާއި ސިޔާދަތު ދެމެހެއްޓުމީ، އެންމެންގެ މަސްއޫލިއްޔަތެކެވެ. އެންމެންގެ ވާޖިބެކެވެ. މި ކަންކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައި މަސްއޫލިއްޔަތު އުފުލުމުގެ ތެދުވެރި ރޫޙެއް ހުރެގެންނެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދަކުމެ އޭނާގެ ޒިއްމާތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްގެންނެވެ.