ވަރަށް އަގުހުރި ފިލާވަޅެއް!: ލޯބިން އެކުގަ އުޅެނިކޮށް ގާތްގާތުގަ ދެމަފިރިން މަރުވި ހާދިސާއެއްގެ ވާހަކަ- ވިސްނައިގެން ކިޔައިފިނަމަ ހިތަށް ފުންއަސަރުތަކެއް ކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ވަރަށް އަގުހުރި ފިލާވަޅެއް!: ލޯބިން އެކުގަ އުޅެނިކޮށް ގާތްގާތުގަ ދެމަފިރިން މަރުވި ހާދިސާއެއްގެ ވާހަކަ- ވިސްނައިގެން ކިޔައިފިނަމަ ހިތަށް ފުންއަސަރުތަކެއް ކުރާނެ!

މިކިޔައިދެނީ ދާދިފަހުން ހިނގިކަމެއްގެ ވާހަކައެވެ. އެއީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ވަރަށް ތަޤްވާވެރި ދެމަފިރިންނެވެ. ޢުމުރުން 20 އަހަރުގައި ކައިވެނިކޮށް 3 ދަރިންވެސް ވަނީ ލިބިފައެވެ. ކައިވެންޏަށް 30 އަހަރުގައި ފިރިމީހާ ކުއްލި ގޮތަކަށް މަރުވީއެވެ. އެއިގެ ފަހުން ހަފްތާއެއްވީ ދުވަހު އަނބިމީހާވެސް ކުއްލި ގޮތަކަށް މަރުވީއެވެ.  

ލިބިފައިވާ 3 ދަރިން ތިބީ ބޮޑެތިވެފައެވެ. 24، 26، 28 އަހަރެވެ. މަންމަ ނިޔާވުމުން އަންހެން ދަރިފުޅު މަންމަގެ އަލަމާރި ހުޅުވައި ބެލިބެލުމުން ފެނުނު ފޮތެކެވެ. އެފޮތަކީ ޑައިރީއެއް ނޫނެވެ. އެފޮތުގައި މަންމަ ލިޔަމުން އައިސްފައިވަނީ އެއް ވާހަކައެކެވެ. ފިރިމީހާގެ ރަނގަޅުކަމުގެ ވާހަކައާއި ބަރުޒަޚުގެ ޢާލަމުގައާއި ސުވަރުގޭގައިވެސް ދެމަފިރިން އެކުގައި ލެއްވެވުމަށް އެދޭވާހަކައެވެ. ދެމީހުންގެ ފުރާނަ އެކުއެކުގައި ގެންދެވުމަށް އެދޭވާހަކައެވެ.  

އެދެމަފިރިން ގާތްގާތުގައި މަރުވީ އެކަމަށް އެދެމުން އައީތީ ކަމަށް ބުނާކަށް ނެތީމެވެ. އަދި އެއީ ކުރަން ރަނގަޅު ކަމެއްކަމަށްވެސް ބުނާކަށް ނެތީމެވެ. ކޮންމެ މީހެއްގެވެސް ފުރާނަ ގެންދަވާނީ އެކަމަށް ﷲ ތަޢާލާ އިރާދަކުރައްވަވާ ވަޤުތެއްގައެވެ. ހަމައެއާއިއެކު ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އަވަހަށް މަރުވުމަށް އެދުމަކީ ކުރަން ހުއްދަ ކަމެއްވެސް ނޫނެވެ.  

އަހުރެން ފާހަގަކޮށްލަން މިއުޅެނީ މުޅިން ތަފާތު ކަމެކެވެ. އެއީ މިފަދަ ޒަމާނެއްގައިވެސް މިހައި ލޯބިން ދިރިއުޅޭ ދެމަފިރިންވެސް އެބަތިބި ކަމެވެ. ހަމަ ޙަޤީޤަތުގައިވެސް ބައިވެރިޔާ ނެތް ދުނިޔެއެއްގައި އުޅެން ބޭނުންނުވާ މީހުންވެސް އެބައުޅޭކަމެވެ.  

އަހުރެންގެ ނަޞޭޙަތަކީ މިފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކޮށް އަހުރެމެންނަކީވެސް ތަޤްވާވެރިކަމާއިއެކު މިހައި ލޯބިން އުޅޭ ބައަކު ކަމުގައިވުމެވެ. އެކަމުގެ ފައިދާވެސް މިހިރަ ފެންނަނީއެވެ. މިޘާލަކަށް ބުނާނަމަ އަހުރެމެންނަށް ނުއެނގެނީ އޭނާ އެދުނުފަދައިން ބަރުޒަޚުގައާއި ސުވަރުގޭގައި ދެމަފިރިން އެކުގައިވާނެ ކަމެވެ. ނަމަވެސް އެނގެން އޮތްކަންތައް އެއޮތީ ފެންނާށެވެ! އެއީ އަނބިމީހާ އެދެމުން އައިފަދައިން ގާތްގާތުގައި ނުވަތަ އެކުއެކުގައި ދެމީހުން ދުނިޔެއާއި ވަކިވިކަމެވެ.  

ވީމާ ވިސްނައިލުމުން އެނގެނީ ދެމަފިރިންވެސް ތަޤްވާވެރިވެ ލޯބިން އެކުގައި އުޅޭނަމަ އެދެމަފިރިއަކަށް ދެމަފިރިން އެދޭ ކަންކަން މިންވަރުކޮށްދެއްވަވާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން