އަހުރެން ބުނީތީވެސް މިވަޤުތުން ފެށިގެންވެސް ހަމަ އެންމެ ކަމެއް ކޮށްބަލާށެވެ! އެއީ ކިތަންމެ ކުޑަކުޑަ ކަމކަށް ބޭނުންވި ނަމަވެސް ﷲ ތަޢާލާއަށް ދުޢާކުރުމެވެ. އެއީ ތިމާއަށް ކުރެވިދާނެ ކަމެއްކަމުގެ ޔަޤީންކަން އޮތްނަމަވެސްމެއެވެ.
މިޘާލެއް ބުނެލާނަމެވެ. އަތުގައި ކޭޝްކާޑު އެބައޮތެވެ. އެކައުންޓުގައި ފައިސާވެސް އެބަހުއްޓެވެ. ވީމާ ޢާންމު އުޞޫލަކުން ބަލާނަމަ ގޮސް މެޝިނަށް ކާޑުޖަހައިލުމުން ފައިސާ ނެގޭނެއެވެ. އެކަމަކު ފައިސާ ނުނެގިގެން އަންނަން ނުޖެހޭ ހެއްޔެވެ؟ ބައެއް ފަހަރު ކާޑުޖަހާތަނުން ޓެކްނިކަލް މައްސަލައެއް ޖެހި މެޝިން އެބަ ކާޑު ދިރުވައިވެސްލައެވެ. އެހިސާބުން ދެން ޖެހޭނީ ކާޑުސެންޓަރަށް ގުޅައި އެތައް މަސައްކަތެއްކޮށްގެން ކާޑެއް ހޯދާށެވެ. ނުވަތަ އެކާޑު އަނބުރައި ލިބިގަންނާށެވެ. ފައިސާ ނެގޭނީ އެހުރިހާ ކަމަކަށް ފަހުގައެވެ.
މިފަދަ އާދައިގެ ކަންކަމުންވެސް މިއެނގެނީ ހަމަ އެންމެ ކަމެކެވެ. އަހުރެމެންގެ ކިބައިގައި ހަމަ އެއްވެސް ބާރެއް ނެތްކަމެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ.
ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ. ތިމާ ބޭނުންވާ ކޮންމެ ކަމަކަށް އެދިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރާ މީހަކަށް ވެއްޖެނަމަ އެމީހަކު ވާނީ ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހަކު ކަމުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އަހުރެމެން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާނަމަ ﷲ ތަޢާލާ އަހުރެމެންގެ މަތިން ހަނދުމަކުރައްވަވާނެ ކަމަށެވެ.
ތިމާއަކީ ތިމާގެ މަތިން ﷲ ތަޢާލާ ގިނަގިނައިން ހަނދުމަފުޅުކުރައްވަވާނެ މީހަކު ކަމުގައި ވެވިއްޖެނަމަ އެމީހަކަށް ޙާޞިލުނުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ނުލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ އެެހން މީހަކަށް ދެވޭނީ ކޮން ދެރައެއް ހެއްޔެވެ؟
ވީމާ މިބުނެދިނީ ތިމާ ބޭނުންވާ ހުރިހާ ކަމެއް ޙާޞިލުކުރެވި، އަބަދުވެސް އުފަލުގައި ހުރެވޭނެ އަދި ހަސަދަވެރިންގެ ކިބައިން ސަލާމަތްވެ ހުރުމަށް ކުރަން އޮތް އެންމެ ލުއިފަސޭހަ އެއްކަންތަކެވެ. އިން ޝާ ﷲ. ޢަމަލުކޮށް ނިކަން ތަފާތު ބަލައިލަބަލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން