ކުރީގެ ލިޔުމުގައި ދެންނެވި އާޔަތަކުން ރަސޫލުންނާއި ނަބީބޭކަލުންގެ އަދަދުގެ ގިނަކަން ހާމަވެގެންދެއެވެ. އެހެނީ އާދަމުގެފާނަށްފަހު އެތައް އެތައް އުންމަތެއްގެ ބަޔަކުވަނީ ދުނިޔޭގައި އުޅެފައެވެ. އޭގެ ތެރެއިން ބައެއް ބޭކަލުންގެ ނަންފުޅުތަކާއި އެބޭކަލުންގެ ރިސާލަތާ ބެހޭ ޚަބަރުތަކުގެ ވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައެވެ. ދެން ބާކީތިބި ބޭކަލުންގެ ޚަބަރުތައް ދެނެވޮޑޮގެންވާނީ މާތްﷲ އެވެ. ނިސާ ސޫރަތުގެ 164 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.
وَرُسُلًا قَدْ قَصَصْنَاهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ اللَّهُ مُوسَىٰ تَكْلِيمًا ﴿١٦٤﴾
މާނައީ: [ކުރިން އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسول ންނާއި، ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ رسول ން، ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. މެދުވެރިއެއްނެތި موسى ގެފާނަށް اللَّه ބަސް وحى ކުރެއްވިއެވެ.]
[وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ އަދި ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ رسول ން،] އާޔަތުގެ މިބައި ތަފްސީރު ކުރައްވަމުން އަލްޙާފިޡް އިބްނު ކަޘީރު ބަޔާން ކުރައްވައިފައިވަނީ އެއީ ޤުރްއާނުގައި އެބޭކަލުންގެ ވާހަކަ ބަޔާން ކުރައްވައިފައިނުވާ ނަބީބޭކަލުންކަމުގައެވެ.
ދެން މިދަންނަވައިލަނީ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ނަބީބޭކަލުންގެ ނަންފުޅުތަކެވެ. އެއީ آدَمُ ، إِدْرِيسُ، نُوحٌ، هُودٌ، صَالِحٌ، إِبْرَاهِيمُ، لُوطٌ، إِسْمَاعِيلُ، إِسْحَاقُ، يَعْقُوبُ، يُوسُفُ، أَيُّوبُ، شُعَيْبٌ، مُوسَى، هَارُونُ، يُونُسُ، دَاوُدُ، سُلَيْمَانُ، إِلْيَاسُ، الْيَسَع، زَكَرِيَّا، يَحْيَى، عِيسَى عَلَيْهِمُ الصَّلَاةُ وَالسَّلَامُ އެވެ. ގިނަ މުފައްސިރުންގެ އަރިހުގައި ذُو الْكِفْلِ އަކީވެސް ނަބީބޭކަލެއްކަމަށް އިބްނު ކަޘީރު ލިޔުއްވައެވެ. މިހެންމެހައި ބޭކަލުންގެ سَيِّدُ އަކީ مُحَمَّدٌ صَلَّى الله وعليه وَسَلَّمَ އެވެ.
ނަބީބޭކަލުންގެ އަދަދު ބަޔާންވެގެންވާ ވަރަށް ގިނަ ޙަދީޘްތައް ބަޔާންވެގެންވެއެވެ. ބައެއް ޢިލްމުވެރިން އެ ޙަދީޘްތައް ޞަޙީޙު ދަރަޖައަށާއި ޙަސަން ދަރަޖައަށް ގެންދަވާއިރު އަނެއްބައި ޢިލްމުވެރިން އެ ޙަދީޘްތަކަކީ ޟަޢީފު ރިވާޔަތްތަކެއްކަމުގައި ބަޔާން ކުރައްވައެވެ. އޭގެ ބައެއް ރިވާޔަތްތަކަކީ ދޮގު ރިވާޔަތްތަކެއްކަމުގައިވެސް ބަޔާން ކުރައްވައިފައިވެއެވެ. މައުލޫމާތުގެ ގޮތުން މިތަނުގައި އޭގެ ތެރެއިން ބައެއް ރިވާޔަތްތައް ބަޔާން ކުރަން ޤަޞްދުކުރަމެއެވެ.
އަބޫޛައްރުގެފާނު އަރިހުން ރިވާވެގެން އައިސްފައިވާ ވަރަށް ދިގު ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނު ވަޑައިގެން މާތް ރަސޫލާއަށް ދެންނެވިއެވެ.
يَا رَسُولَ اللَّهِ كَمِ الْأَنْبِيَاءُ ؟ قَالَ: ( مِائَةُ أَلْفٍ وَعِشْرُونَ أَلْفًا)، قُلْتُ :يَا رَسُولَ اللَّهِ كَمِ الرُّسُلُ مِنْ ذَلِكَ؟ قَالَ : (ثَلَاثُ مِائَةٍ وَثَلَاثَةَ عَشَرَ جَمًّا غَفِيرًا)، قَالَ قُلْتُ : يَا رَسُولَ اللَّهِ مَنْ كَانَ أَوَّلُهُمْ ؟ قَالَ : (آدَمُ .... ){ شعيب الأرنؤوط (ت ١٤٣٨)، تخريج صحيح ابن حبان ٣٦١ • إسناده ضعيف جدًّا}
މާނައީ: ތިމަންދެންނެވީމެއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. ނަބީބޭކަލުންގެ އަދަދަކީ ކޮބައިތޯއެވެ؟] މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [އެއްލަކަ ސައުވީސްހާހެވެ.] ތިމަންދެންނެވީމެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އޭގެ ތެރެއިން ރަސޫލު ބޭކަލުންގެ އަދަދަކީ ކޮބައިތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ތިންސަތޭކަތޭރައެވެ. އެއީ ރަނގަޅު އަދަދެކެވެ.] ތިމަން ދެންނެވީމެވެ. [އޭގެ ތެރެއިން އެންމެ ފުރަތަމަ ފޮނުއްވުނު ބޭކަލަކީ ކޮބައިތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [އާދަމުގެފާނެއެވެ.]
މި ޙަދީޘްގެ ސަނަދުގައި إبراهيم بن هشام الغسَّاني އޭ ކިޔުނު މީހަކު ހިމެނެއެވެ. އޭނާއަކީ ޟަޢީފު ރާވީއެކެވެ. الذهبي ވިދާޅުވަނީ އޭނާއަކީ متروك ރާވީއެއްކަމުގައެވެ. أبو حاتم ވިދާޅުވަނީ އޭނާއަކީ ދޮގުވެރިއެއްކަމުގައެވެ. އެހެންކަމުން ابن الجوزي ވިދާޅުވަނީ މި ޙަދީޘަކީ موضوع ޙަދީޘެއްކަމުގައެވެ. ދޮގު ޙަދީޘެއްކަމުގައެވެ. صحيح ابن حبان ގެ މުޙައްޤިޤު شعيب الأرناؤط ވެސް ވިދާޅުވަނީ މިއީ ޟަޢީފުކަން ބޮޑު ޙަދީޘެއްކަމުގައެވެ."{ تحقيق صحيح ابن حبان " ( 2 / 79 ) .}
{ނޯޓް: މަތުރޫކު ޙަދީޘަކީ އެ ޙަދީޘެއްގެ ސަނަދުގައި ދޮގުހަދާކަމަށް ތުހުމަތުކުރެވިފައިވާ ރާވީއަކު ހިމެނޭ ޙަދީޘެވެ. مَنْظُومَةَ البَيْقُوني ޅެން ބައިތު ތަރުޖަމާ ކުރައްވަމުން ދިވެހި ޅެންވެރި އާމިނަތު ފާއިޒާ (މާތްﷲ އޭނާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާށި) ކިޔުއްވައިފައިވާ ޅެންބައިތެއްގައިވެއެވެ.
ދޮގުވެރި ކަމަށް ތުހުމަތުވުމުން ރާވީ ވަކިން އެކަހެރިވުމުން އަދިވެސް ޟަޢީފުވެވޭކަމުން، މަތުރޫކުވެއްޖޭ ކަށަވަރުން}
އަނަސުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ.
بعثَ اللهُ ثمانيةَ آلافِ نبيٍّ أربعةُ آلافٍ إلى بَني إسرائيلَ وأربعةُ آلافٍ إلى سائرِ النّاسِ { ابن كثير (ت ٧٧٤)، تفسير القرآن ٢/٤٢٣ • إسناده ضعيف فيه الربذي ضعيف وشيخه الرقاشي أضعف منه • أخرجه أبو يعلى (٤١٣٢)، وأبو نعيم في «حلية الأولياء» (٣/٥٣) باختلاف يسير}
މާނައީ: [އަރަހުށި މާތްﷲ އަށް ހާސް ނަބީބޭކަލުން ފޮނުއްވިއެވެ. އޭގެ ތެރެއިން ހަތަރު ހާސް ނަބީބޭކަލުން ފޮނުއްވުނީ ބަނީއިސްރާއީލުންގެ މީސްތަކުންގެ ގާތަށެވެ. އަނެއް ހަތަރުހާސް ނަބީބޭކަލުން ފޮނުއްވުނީ ދެންތިބި މީސްތަކުންގެ ގާތަށެވެ.]
މިއީ ވެސް ޟަޢީފުކަން ބޮޑު ރިވާޔަތެކެވެ. الهيثمي ވިދާޅުވެފައިވެއެވެ. މި ޙަދީޘް ރިވާކޮށްފައިވަނީ أبو يعلي މުސްނަދުގައެވެ. މި ރިވާޔަތުގެ ސަނަދުގެ ތެރޭގައި ހިމެނޭ موسى بن عبيدة الربذي އަކީ ޟަޢީފުކަން ބޮޑު ރާވީއެކެވެ. { مجمع الزوائد" ( 8 / 210 )} ابن كثير ވިދާޅުވެފައިވެއެވެ. މިއީ ޟަޢީފު ސަނަދެކެވެ. މި ޙަދީޘްގެ ސަނަދުގެ ތެރޭގައި ހިމެނޭ الربذي އަކީ ޟަޢީފު ރާވީއެކެވެ. އޭނާގެ ޝައިޚް الرَّقَاشي އަކީ އޭނާއަށް ވުރެ ޙަދީޘް ޢިލްމުގެ ފަންނުގައި ޟަޢީފު މީހެކެވެ. { تفسير ابن كثير ( 2 / 470 )}
ކޮންމެއަކަސް މި މަޢުލޫގައި މި ނޫންވެސް އެތައް ރިވާޔަތެއް ރިވާވެން އައިސްފައިވެއެވެ. ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ނަބިއްޔުންނާއި ރަސޫލު ބޭކަލުންގެ އަދަދު ކަނޑައެޅިގެން އެނގޭނީ ހަމައެކަނި އަރަހުށި މާތްﷲ އަށެވެ. އެއީ އެބޭކަލުންގެ އަދަދު ބަޔާންވެގެންވާ ޙަދީޘްތައް ޟަޢީފުކަމުންނެވެ. الشيخ عبد الله بن جبرين ވިދާޅުވެފައިވެއެވެ. ރަނގަޅު ގޮތަކީ މިފަދަ މަޢުލޫތަކަށް ބަހުސް ކުރުމުން ދުރުހެލިވުމެވެ.{https://islamqa.info/ar/answers/95747}