ކިތަންމެ ހޫނުވެ ވަރިފަށަށް އެރިނަމަވެސް މިގޮތަށް ކަންތައްކުރި އެންމެންގެ މައްސަލަވެސް ޙައްލުވި! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކިތަންމެ ހޫނުވެ ވަރިފަށަށް އެރިނަމަވެސް މިގޮތަށް ކަންތައްކުރި އެންމެންގެ މައްސަލަވެސް ޙައްލުވި! އިން ޝާ ﷲ

ކައިވެނިކޮށް ކުޑަދުވަސްކޮޅެއް ފާއިތުވުމަށްފަހު ކައިވެނި މަތިން ފޫހިނުވާ މީހުން އަންނަނީ މަދުވަމުންނެވެ. އަވަސްގޮތަކަށް ކައިވެނި ރޫޅާލަން ބޭނުންނުވާ މީހުންވެސް އަންނަނީ މަދުވަމުންނެވެ. ސުވާލަކީ މިވަނީ ކިހިނަކުން ހެއްޔެވެ؟  

އެގޮތަށް ކަންތައްތައް ވުމަށް މެދުވެރިވާ ސަބަބުތައް ވަރަށް ގިނައެވެ. އެހެންކަމުން ވަރަށް ގިނަ ކަންކަމުގެ ޥާހަކަތައް ދެއްކިދާނެއެވެ. އެހެންވެ އަހުރެން ބުނެލަން މިއުޅެނީ އެކަންކަން އެގޮތަށް ވުމަށް މެދުވެރިވާކަމަށް އަހުރެންނަށް ފެންނަ ސަބަބުގެ ވާހަކައެވެ.  

އެސަބަބަކީ ކައިވެނިކުރާ ނިޔަތެވެ. އެކަކު އަނެކަކަށް ވަފާތެރިވެ އިޚްލާޞްތެރި ދިރިއުޅުމެއް އުޅެ، އެކުގައި ސުވަރުގެ ވަނުމުގެ ނިޔަތްނެތި ކައިވެނިކުރާތީއެވެ. ދުނިޔަވީ ކޮންމެވެސް ޖަޒުބާތެއްގައި ޖެހި އެއުފާ ޙާޞިލުކުރަން ބޭނުންވެގެން ކައިވެނިކުރާތީއެވެ.  

ކައިވެނީގެ މައްސަލަތަކުގައި ލަފާ ހޯދަން އަންނަ ގިނަ މީހުންގެ ގާތުގައި އަހުރެން ބުނަމެވެ. 

"ކައިވެނި ރޫޅައިލުމަކީ ކޮންމެ ވަޤުތަކުވެސް ކުރެވިދާނެ ކަމެކެވެ. ވަޤުތުން ވަޤުތަށް ކައިވެނި ރޫޅާލުމުގެ ބަދަލުގައި އިހަށް މަޑުކޮށްލަބަލާށެވެ! ފުރަތަމަ ކަމަކަށް ނިކަން ދެމީހުންގެވެސް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކޮށްބަލާށެވެ! މައްސަލަ ޙައްލުވަންދެން ދެމީހުން ބޭނުންވާނަމަ ދެއެނދުގައި ނިދަމުންވެސް ނިކަން ދެމީހުންވެސް ރޭއަޅުކަންކޮށްބަލާށެވެ! ދެމީހުންނަށްވެސް އުފާވެރިކަން ދެއްވެވުން އެދިގެން ދުޢާކޮށްބަލާށެވެ! ދެމީހުންނަށް އުފާވެރިކަން ދެއްވެވުމަށް އެދެން ބޭނުންނުވާނަމަ ތިމާއަށް އުފާވެރިކަން ދެއްވެވުން އެދި ދުޢާކޮށްބަލާށެވެ! އަޅެނިކަން މަހެއްހައި ދުވަހު މިގޮތަށް ކަންތައްކޮށްފައި އެނބުރި އައިސްބަލާށެވެ!"  

މިބުނަނީ ހަޤީޤަތަށެވެ! މިގޮތަށް ކަންތައް ކޮށްފައި އެނބުރި އައި އެކަކުވެސް ކައިވެނި ރޫޅާލަން ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އެކުގައި އުޅެން މަސައްކަތްކުރާށެވެ. މަސައްކަތްކުރުމުން ކާމިޔާބުވެސްވެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން