ސުވަރުގެ ލިބިގަތުމަށް ދަހިވެތިނުވެވެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 12މ 10ސ
ސުވަރުގެ ލިބިގަތުމަށް ދަހިވެތިނުވެވެނީ ކީއްވެ؟

ސުވަރުގެ ލިބިގަތުމަށް ދަހިވެތިނުވެވެނީ ކީއްވެ؟ މިސުވާލުގެ ޖަވާބު ވަރަށް ގިނަ ގޮތްގޮތަށް ބަޔާންކުރެވިދާނެއެވެ. ބައެއް ޢިލްމްވެރިން ވިދާޅުވަނީ މުސްލިމަކު ނަމަ ސުވަރުގެ ލިބިގަތުމަށް ދަހިވެތިވާނެއެވެ. ނަމަވެސް އެމީހާގެ މައްޗަށް ޝައިޠޯނާ ވެރިވެގަނެފައިވާލެއް ބޮޑުކަމުން ޢަމަލުކުރިއަ ނުދެނީއެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވެވޭނަމަވެސް ކޮންމެ ގޮތަކުން ނަމަވެސް ސުވަރުގެ ޙާޞިލުކުރަން މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި ސުވަރުގެއިން ލިބޭނެ މަތިވެރި ނިޢުމަތްތައް އެނގޭނަމަވެސް މަސައްކަތްކުރާނެ ކަމަށެވެ. 

ތިރީގައި އެވަނީ "ސުވަރުގޭގެ ނިޢުމަތްތައް" ބަޔާންކުރައްވައި ޝައިޚް އިމްރާން މުޙައްމަދު ޢަލީ ލިޔުއްވާފައިވާ ލިޔުމެކެވެ. ވިދާޅުވެލައްވާށެވެ! 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

ސުވަރުގެއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވި އަޅުތަކުންނަށް، އެއިލާހު ތައްޔާރުކުރައްވާފައިވާ ކަރާމާތުގެ ގޮވައްޗެވެ. ދުވަހަކުވެސް ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކަށް އިވިފައި ނުވާ އަދި އިންސާނެއްގެ ހިތަށްވެސް ނާރާފަދަ މަތިވެރި ނިޢުމަތްތައް، އެއިލާހުވަނީ އެތަނުގައި އެއިލާހުގެ ޞާލިޙު އަޅުތަކުންނަށް ތައްޔާރުކުރައްވާފައެވެ. ޤުދުސިއްޔަ ޙަދީޘެއްގައިވެއެވެ. 

«أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لاَ عَيْنٌ رَأَتْ، وَلاَ أُذُنٌ سَمِعَتْ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ» [رواه البخاري في صحيحه (3244)]

މާނައީ: “ދުވަހަކުވެސް ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކަށް އިވިފައި ނުވާ އަދި އިންސާނެއްގެ ހިތަށްވެސް ނާރާފަދަ މަތިވެރި ނިޢުމަތްތައް، ތިމަން އިލާހުގެ ޞާލިޙު އަޅުތަކުންނަށް ތިމަން އިލާހުވާނީ ތައްޔާރުކުރައްވާފައެވެ.” 

ފަހެ ސުވަރުގެއާ ބެހޭގޮތުން އަބޫ ހުރައިރާ رضي الله عنه، ނަބިއްޔާ صلى الله عليه وسلم އަރިހުގައި ސުވާލު ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 

«لَبِنَةٌ مِنْ فِضَّةٍ وَلَبِنَةٌ مِنْ ذَهَبٍ، وَمِلاَطُهَا الْمِسْكُ الأَذْفَرُ، وَحَصْبَاؤُهَا اللُّؤْلُؤُ وَاليَاقُوتُ، وَتُرْبَتُهَا الزَّعْفَرَانُ مَنْ دَخَلَهَا يَنْعَمُ وَلاَ يَبْأَسُ، وَيَخْلُدُ وَلاَ يَمُوتُ، لاَ تَبْلَى ثِيَابُهُمْ، وَلاَ يَفْنَى شَبَابُهُمْ» [رواه الترمذي في صحيحه (2526) وصححه الألباني في صحيح الجامع الصغير (3116)]

މާނައީ: “އެތަނުގެ ބިނާތައްވަނީ ރަނާއި ރިހީގެ ގަލުންނެވެ. އަދި އެތަނުގެ އުވަވަނީ މީރުވަސް ގަދަވެގެންވާ ގޮމަކަސްތޫރިންނެވެ. އަދި އެތަނުގެ އަކިރިވަނީ އިތާއި ޔާގޫތުންނެވެ. އަދި އެތަނުގެ ވެއްޔަކީ ކުކުނެވެ. އެތަނަށް ވަދެއްޖެ މީހަކު ވާހުށީ ނިޢުމަތުގައެވެ. މާޔޫސްވުމެއް ނުވެއެވެ. އަދި ތާ އަބަދަށް އެތަނުގައި ދެމި ތިބޭނެއެވެ. މަރުވުމެއް ނުވެއެވެ. އެބައިމީހުންގެ ހެދުންތައް ބާވުމެއް ނުވެއެވެ. އެބައިމީހުންގެ ޒުވާންކަން ފަނާވުމެއް ނުވެއެވެ" 

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 

«إِنَّ فِي الجَنَّةِ لَشَجَرَةً يَسِيرُ الرَّاكِبُ فِي ظِلِّهَا مِائَةَ عَامٍ لاَ يَقْطَعُهَا» [رواه البخاري في صحيحه (3251)]

މާނައީ: "ހަމަކަށަވަރުން ސުވަރުގޭގައި ގަހެއް ވެއެވެ. އެ ގަހުގެ ހިޔަލުގައި މީހަކު ސަތޭކަ އަހަރު ދަތުރުކުރިޔަސް އެ ހުރަސް ނުކުރެވޭނެއެވެ." 

އަދިވެސް ޙަދީޘްކުރެއްވިއެވެ. 

«إِنَّ فِي الجَنَّةِ مِائَةَ دَرَجَةٍ، أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِي سَبِيلِهِ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالأَرْضِ، فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الفِرْدَوْسَ، فَإِنَّهُ أَوْسَطُ الجَنَّةِ، وَأَعْلَى الجَنَّةِ، وَفَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الجَنَّةِ» [رواه البخاري في صحيحه (2790)]

މާނައީ: "ހަމަކަށަވަރުން ސުވަރުގޭގައި ސަތޭކަ ދަރަޖަވެއެވެ. ﷲ އެ ތައްޔާރުކުރައްވާފައިވަނީ އެއިލާހުގެ މަގުގައި ހަނގުރާމަކުރި މުޖާހިދުންނަށެވެ. އެތަނުން ކޮންމެ ދެ ދަރަޖައެއްގެ ދެމެދުގައި އުޑާއި ބިމާ ދެމެދުގައިވާ ދުރުމިން ވެއެވެ. ފަހެ ތިޔަބައިމީހުން ﷲގެ ޙަޟްރަތުގައި އެދޭނަމަ ފިރުދައުސަށް އެދޭށެވެ. ފަހެ އެއީ ސުވަރުގޭގެ އެންމެ މޮޅުއިތުރު ތަނެވެ. އަދި އެންމެ މައްޗެވެ. ރަޙުމާނުވަންތަ އިލާހުގެ ޢަރުޝިކޮޅުވަނީ އޭގެ މަތީގައެވެ. ސުވަރުގޭގެ ކޯރުތައް ފެށެނީ އެތަނުންނެވެ. (އެބަހީ: ފިރުދައުސުންނެވެ.)" 

އެތަނުގައިވާ ކޯރުތަކާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى﴾‏ [سورة محمد ١٥]

މާނައީ: “ތަޤްވާވެރިންނަށް ވަޢުދުކުރައްވާފައިވާ ސުވަރުގޭގެ މިޘާލަކީ އެތަނުގައި ތަޣައްޔަރުވުމެއް ނުވާ ސާފު ފެނުގެ ކޯރުތަކާއި އޭގެ ރަހަ ތަފާތު ނުވާ ކިރުގެ ކޯރުތަކާއި ބޯމީހުންނަށް ލައްޒަތު ލިބެނިވި ރާގެ ކޯރުތަކާ އަދި ސާފު މާމުއިގެ ކޯރުތައް ވެއެވެ.” 

ސުވަރުގެވަންތަވެރިން ވާހުށީ ސާދަވިލޭރޭގެ ހަނދެއްފަދަ ރިވެތި ސޫރައެއްގައެވެ. އެބައިމީހުންގެ ކާނާއަކީ އެބައިމީހުން ޚިޔާރު ކުޅަ މޭވާއެވެ. އަދި އެބައިމީހުންގެ ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހެވެ. އެބައިމީހުންގެ ބުއިމަކީ ކާފޫރާއި އިނގުރާ އެއްކޮށްފައިވާ ރާއެވެ. އެބައިމީހުންގެ ކަންވާރުތައް ވަނީ ރަނާއި ރިހިންނެވެ. ބިއްލޫރިހާ ސާފުވާނެއެވެ. އެބައިމީހުންގެ ފޭރާންވާނީ ފަށުވިންނެވެ. އަދި ގަހާނާ ވާހުށީ ރަނާއި ރިހިންނެވެ. އެބައިމީހުންގެ ދާންތަކުގެ ބަތާނަ ވަނީ ބޯ ފަށުވިންނެވެ. 

ސުވަރުގެ ވަންތަވެރިންނަށް ލިބެނިވި އެންމެ މަތިވެރި ނިޢުމަތަކީ ﷲ ތަޢާލާގެ ވަޖުހުފުޅު ފެނުމުގެ ނިޢުމަތެވެ. ޙަދީޘްބަސްފުޅުގައިވެއެވެ. 

«إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ، قَالَ: يَقُولُ اللهُ تَبَارَكَ وَتَعَالَى: تُرِيدُونَ شَيْئًا أَزِيدُكُمْ؟ فَيَقُولُونَ: أَلَمْ تُبَيِّضْ وُجُوهَنَا؟ أَلَمْ تُدْخِلْنَا الْجَنَّةَ، وَتُنَجِّنَا مِنَ النَّارِ؟ قَالَ: فَيَكْشِفُ الْحِجَابَ، فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ» [رواه مسلم في صحيحه 297 – (181)].

މާނައީ: “ސުވަރުގެވަންތަވެރިން ސުވަރުގެއަށް ވަނުމުން ﷲ تَبَارَكَ وَتَعَالَى އެބައިމީހުންނަށް ވަޙީކުރައްވާނެއެވެ. ތިޔަބައިމީހުންނަށް އިތުރުކޮށްދިނުމަށް ތިޔަބައިމީހުން ބޭނުންވާކަމެއް ވޭ ހެއްޔެވެ؟ ފަހެ އެބައިމީހުން ދަންނަވާނެއެވެ. އިބަ އިލާހު އަޅަމެންގެ މޫނުތައް އުޖާލާ ނުކުރައްވަމު ހެއްޔެވެ! އަދި ސުވަރުގެއަށް ވައްދަވާ ނަރަކައިން މިންޖު ނުކުރައްވަމު ހެއްޔެވެ! ފަހެ އެހާރުން ﷲ ތަޢާލާ ފަރުދާ ކަޝްފުކުރައްވާނެއެވެ. އެބައިމީހުންގެ ރައްބު عَزَّ وَجَلَّ ފެނުމަށް ވުރެ އެބައިމީހުންނަށް ލޮބުވެތިކަން ބޮޑުވެގެންވާ ނިޢުމަތެއް ދެއްވިގެން ނުވެއެވެ.” 

ފަހެ އެފަދަ މަތިވެރިކަމެއް ޙާޞިލުކުރުމަށްޓަކައި އަވަސްވެގަންނަ މީހުން އަވަސްވެގަންނާށެވެ. އަދި ވާދަކުރާ މީހުން ވާދަކުރާށެވެ. 

ދުޢާއަކީ، ﷲ ތަޢާލާ އަޅަމެންނީ ޖަންނަތުލް ފިރުދައުސުގެ އަހުލުވެރިންކަމުގައި ލެއްވުމެވެ! އާމީން.

 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން