މުސްލިމުންގެ މެދުގައިވެސް ޚިޔާލުތަފާތުވާ ކަންކަން ހުންނާނެއެވެ. ތިމާ ބޭނުންނުވާ ގޮތަށް އެތައް ކަންތައްތަކެއް މެދުވެރިވާނެއެވެ. ބައެއްފަހަރު ހިތާމައާއި ހިތްދަތިކަންވެސް ކުރިމަތިވާނެއެވެ. މުސްލިމުން މިތިބީ އެކަންކަން ޤަބޫލުކޮށްގެންނެވެ.
ތިމާ ބޭނުންނުވާ ކަމެއް މެދުވެރިވުމުން މުސްލިމުންގެ މެދުގައި ފިތުނަ އުފައްދުވައި ބައިބައިކުރުވަން އުޅޭނަމަ އެމީހަކާއި ދުރުހެލިވާށެވެ! މުސްލިމުންގެ މެދުގައި ބައިބައިވުން އުފައްދުވަން މަސައްކަތްކުރަނީ ޝައިޠޯނާއެވެ. އެއީ ކުދިކުދި ޖަމާޢަތްތައް އުފެއްދުވުމުން ޙަމަލާދީ ބަލިކޮށްލަން ފަސޭހަވާނެތީއެވެ. ވަސްވާސްދީ މަގުފުރައްދުވަން ފަސޭހަވާނެތީއެވެ.
މުސްލިމުން އެއް ވިސްނުމެއްގައި އެއް އަމާޒަކަށް މަސައްކަތްކުރާނަމަ ޝައިޠޯނާ ދާނީ ފޭލްވަމުންނެވެ. މުސްލިމުންގެ މައްޗަށް ގަދަވެ ގަތުމުގެ ބާރެއް ޝައިޠޯނާއަކަށް ނުލިބޭނެއެވެ. ވީމާ ޖާހިލެއް ޢިލްމުވެރިއެއް ކިޔާނެ ކަމެއް ނެތެވެ. އުންމަތް ބައިބައިކުރަން އުޅޭނަމަ އެމީހަކީ ޝައިޠޯނާގެ ބައިވެރިއެކެވެ.
މުސްލިމުންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި ޖެހޭ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރަން އޮތީ މަޝްވަރާގެ އުޞޫލުންނެވެ. މަޝްވަރާކޮށްގެންނެވެ. އެއީ އަމިއްލަ ޢާއިލާގެ ތެރެއިން އުފެދުނު މައްސަލައެއް ނަމަވެސްމެއެވެ. ޢާއިލާ ބައިބައިކޮށް ކުދިކުދި ގްރޫޕްތައް އުފައްދުވަން އުޅޭނަމަ އެކަމަށް ފުރުޞަތުނުދޭށެވެ. އެކަންކަމަށް ފުރުޞަތު ދިނުމުން ލިބޭ ގެއްލުން މާބޮޑުވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން