އަބޫ ހުރައިރާ ރަޞިއަﷲ ތަޢާލާ އަންހުގެ ކިބައިން ރިވާވެގެންވާ ހަދީޘެއްގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިކަމަށް އަންނަނީ "ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވައި އަދި ތިއަބައިމީހުންގެ ދަރަޖަ ﷲގެ ހަޟުރަތުގައި މަތިވެރިވެގެންދާނެ އަމަލެއް ތިމަންރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ތިޔަބައިމީހުންނަށް ދަސްކޮށްދެއްވަމު ތޯއޭ؟
އެހިނދުގައި އަސްހާބު ބޭކަލުން ދަންނަވަނީ "އާދޭހޭ ﷲގެ ރަސޫލާއޭ އަޅުގަނޑުމެންނަށް ތިއަކަމެއް ދަސްކޮށްދެއްވާށޭ!"
ހަދީޘްކުރައްވަނީ "ފިނިގަދަވެ ނުވަތަގައިގާ ވޭންއަޅާ ވަގުތުގައިވެސް ފުރިހަމައަށް ވުޟޫކުރާ މީހަކަށްވުމަށް." އެމައްސަލައެއްނެތް ފިނިގަދަވީމާ ފެން ހޫނުކޮށްގެން ވުޟޫކުރިކަމުގައި ވީނަމަވެސް ކޮންމެ ގޮތެއްވިޔަސް ކިތަންމެ ފިނިގަދަވިކަމުގައި ވީނަމަވެސް ހިތްވަރުކޮށްލާފައި ވުޟޫކުރާ މީހަކަށްވާންވީ
- އަދި މިސްކިތައް ދިއުމަށްޓަކައި ފިޔަވަޅު ގިނަކޮށް، މާނައަކީ ވީހާވެސް ދުރުމަގަކުންލާފައި ވީހާވެސް ގިނަ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ބަލައިގެން މިސްކިތައް ދިއުން. އަދި އެއް ނަމާދު ނިމިގެން އަނެއް ނަމާދަށް އިންތިޒާރު ކުރުން. މިއީ އެމީހެއްގެ ފާފަތައް ފޮހެވި އެމީހެއްގެ ދަރަޖަ ﷲ ސުބްޙާނަހޫ ވަތަޢާލާގޭ ހަޟްރަތުގައި އުފުލިގެންދާނެ ކަމެއްގެ ގޮތުގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވާފައި މިވަނީ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފއިވާ ޚާއްޞަ ދަރުސަކުން
މިޙަދީޘްފުޅަށް ބަލާއިރު ފާފަތައް ފުއްސަވައިދެއްވަވައި ﷲ ގެ ޙަޟްރަތުގަ ދަރަޖަ އުފުލިގެންދިއުމަށް ކުރަން ޙަދީޘްފުޅު ކުރައްވަވާފައި މިވަނީ 3 ކަމެކެވެ. އެއީ:
1- "ފިނިގަދަވެ ނުވަތަގައިގާ ވޭންއަޅާ ވަގުތުގައިވެސް ފުރިހަމައަށް ވުޟޫކުރާ މީހަކަށްވުމަށް."
2- މިސްކިތައް ދިއުމަށްޓަކައި ފިޔަވަޅު ގިނަކޮށް، މާނައަކީ ވީހާވެސް ދުރުމަގަކުންލާފައި ވީހާވެސް ގިނަ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ބަލައިގެން މިސްކިތައް ދިއުން
3- އެއް ނަމާދު ނިމިގެން އަނެއް ނަމާދަށް އިންތިޒާރު ކުރުން.
ވީމާ ވިއްސާރަވެ ހީކެރުވުމަކީ ވުޟޫކުރަން ފަސްޖެހޭ ސަބަބަކަށް ނުހަދާށެވެ. މިޒަމާނުގައި ހީޓަރުވެސް ހުރެއެވެ. ކަރަންޓުން ފެން ހޫނުކުރެވޭނެ ފަސޭހަމަގުތައްވެސް އެބަހުއްޓެވެ. އަދި އެއިން ވަސީލަތެއް ނެތްނަމަވެސް އެކަމުން ލިބެން އޮތް ފައިދާއަށް ބަލައިފިނަމަ ހަމަ އެކަކުވެސް ކުރަން ކަންބޮޑެއް ނުވާނެއެވެ.
ދެވަނަ ކަމެއްގެ ގޮތުން ކޮންމެހެން ދާންޖެހިގެން ނޫނީ ސައިކަލުގައި ނުވަތަ ސަވާރީއެއްގައި މިސްކިތަށް ނުގޮސް ހިނގާފައިދާން މަސައްކަތްކުރާށެވެ.
3 ވަނަ ކަމެއްގެ ގޮތުން އަނެއް ނަމާދު ވަގުޖެހުން އަވަސްވާތީ ދެމެދުގައި ކުރަންހުރިކަންކަން ނުކުރެވިދާނެތީ ކަންބޮޑުވާންވީއެއް ނޫނެވެ. އަވަހަށް އަނެއް ނަމާދުގެ ވަގުތު ޖެހޭނެކަމަށް ބަލައި އެއް ނަމާދުން އަނެއް ނަމާދަށް އިންތިޒާރުކުރާ މީހަކަށްވާންވީއެވެ.
މިއީ ފަރުވާތެރިވާން ކިހައި ފަސޭހަ 3 ކަންތައްތޯއެވެ؟