މިކަންކަމަށް ވިސްނައިފިނަމަ ޒަވާޖީ ޙަޔާތް އުފާވެރިވުމުގެ އިތުރުން އާޚިރަތްވެސް ކާމިޔާބު ކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
މިކަންކަމަށް ވިސްނައިފިނަމަ ޒަވާޖީ ޙަޔާތް އުފާވެރިވުމުގެ އިތުރުން އާޚިރަތްވެސް ކާމިޔާބު ކުރެވޭނެ! އިން ޝާ ﷲ

މާތް ﷲ އާދަމުގެފާނާއި ޙައްވާގެފާނު ޚަލްޤުކުރެއްވީ ވަރަށް މާތް މަޤްޞަދު:

"މާތް ﷲ އާދަމުގެފާނާއި ޙައްވާގެފާނު ޚަލްޤުކުރެއްވީ ވަރަށް މާތް މަޤްޞަދަކަށްޓަކައެވެ. އެއީ ދެމަފަރިން ގުޅިގެން އެކަކު އަނެކަކަށް އެހީތެރިވުމާއެކު، މާތް ﷲ އެއްކައުވަންތަކުރާ ޙާލުގައި، މާތް ﷲ އަށް އަޅުކަން ކުރުމެވެ. ކާވެނީގެ މުޤައްދަސް ގުޅުމުގެ ތެރެއިންނެވެ."

މާތް ﷲ ޙައްވާގެފާނު އުފެއްދެވީ އާދަމްގެފާނަށްޓަކައެވެ. މިއަދު އަހުރެމެން ވިސްނަންވީ ޙަޔާތައް ބައިވެރިއަކު އިޚްތިޔާރުކޮށް ކައިވެނިމިކުރަނީ ތިމާއަށްޓަކައި ކަމެވެ. އަދި ކައިވެނީގެ އެންމެ ބޮޑު މަޤްޞަދަކަށް ހަދަންޖެހޭނީ ވީހާގިނައިން ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. ތަޤްވާވެރިވާން މަސައްކަތް ކުރުމެވެ.

މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.  ((وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ)) (سورة الروم: 21)

މާނައީ: "ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެ ކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ."

ކާވެނީގެ ގުޅުމަކީ، އެ ގުޅުމުގައި ވަރަށް މަތީ ދަރަޖައަކަށް އޯގާތެރިކަމާއި ކުލުނާއި ހަމްދަރުދީއާއި ރަޙުމާއި ލޯބި އެކުލެވެންޖެހޭ ގުޅުމެކެވެ. މާތް މަތިވެރި މަޤްޞަދެއް އޮންނާންޖެހޭ ގުޅުމެކެވެ. އެއީ ވަލުޖަނަވާރު ގޮތަށް ހަމައެކަނި ޖިންސީ ޣަރީޒާ ފުއްދުމަށް އޮތް ވަސީލަތެއް ނޫނެވެ. ޙަލާލުކުރެއްވި ގޮތުގައި ޖިންސީ ޣަރީޒާ ފުއްދުމަކީ ވެސް އެ ގުޅުމުގެ އެއް މަޤްޞަދެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް އެއީ ދެމަފިރިއަކު ގުޅިގެން މާތް ﷲގެ ޙަޟްރަތާ ކުއްތަންވުމަށް ކުރާ ދުނިޔަވީ ދަތުރުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް އޮތް ވަސީލަތެކެވެ. އެކަމަށް އެކަކު އަނެކަކަށް ހިތްވަރުދިނުމަށް އޮތް ވަސީލަތެކެވެ.

މިމަޤްޞަދުތައް ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާއަށް ބިރުވެތިވާ ތަޤްވާވެރިއަކާއި ކައިވެނިކުރެވިގެންނެވެ. ނަމަވެސް އެކަމަށް މިއަދު ސަމާލުކަން އެބަދެވޭ ހެއްޔެވެ؟ ކައިވެނީގެ ކަންކަން ގޯސްވެ ކަރުނައަޅަން ޖެހޭ ޙާލަތުގައި ތިބި މީހުން ނިކަން ބުނެބަލާށެވެ! ކައިވެނިކުރުމުގެ ކުރިން ބައިވެރިޔާގެ ތަްްވާވެރިކަމާއިމެދު ވިސްނައިލީމުހެއްޔެވެ؟

ކާވެންޏެއް ކުރަންޏާ، ދީންވެރި ޞާލިޙު މީހަކަށް އިސްކަން ދިނުމަށް އަމުރުކުރައްވައިފައިވަނީ މި ސަބަބާ ހެދިކަން ޔަގީނެވެ. އެއީ ހަމައެކަނި ރީތި ކަމަށް، ނުވަތަ ޖާހާއި މަންސަބަށް، ނުވަތަ ނަސްލަށް ބަލައިގެން ކުރުން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެ ކަންކަމަށް ބެލުން ޙަރާމް ކުރައްވައިފައެއް ނުވެއެވެ. ނަމަވެސް، އެއީ ދީންވެރި ޞާލިޙު ހެޔޮލަފާ މީހެއްތޯ ބެލުމަށް ފަހުގައެވެ. ޙަދީޘުގައި ވަނީ ދީންވެރި ޞާލިޙު މީހަކު ޚިޔާރުކޮށްފި މީހަކު ކާމިޔާބުވެއްޖެ ކަމަށެވެ.

މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އިސްވެ ދެންނެވި ކަންކަން ވަނީ ހަނދާން ނެތިފައެވެ. ކާވެންޏެއް އެބައިމީހުން ކުރަނީ ވެސް ފާޙިޝް ގުޅުމުގައި އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. ފާޙިޝްކަން ބޮޑު އެތަކެއް ޙަރާމް ކަންކަމަށް އަރައިގަތުމަށް ފަހުގައެވެ. ކާވެންޏެއްގެ ތެރެއިން ކުރާންޖެހޭ ހުރިހާ ކަމެއް ކޮށް ނިންމުމަށް ފަހުގައެވެ. ކާވެންޏެއް ކުރުމަށް ފަހު ވެސް ގިނަ މީހުން އެ މީހުންގެ ބައިވެރިޔާއަށް ވަފާތެރިވާ ތަނެއް ނުފެނެއެވެ. ރާއްޖޭގައި ވަރި ގިނަވުމުގެ އެއް ސަބަބު ކަމުގައި ވެފައި ވަނީވެސް  މިސަބަބުތަކެވެ. 

އެބައިމީހުންނަކަށް، ކާވެންޏަށް ދޭންޖެހޭ މުޤައްދަސް މަޤާމެއް ނުދެަވެއެވެ. ކާވެންޏެއް ކޮށްގެން ހުންނަ މީހާ ކާވެނިން ބޭރުގައި ހިންގާ ނާޖައިޒު ގުޅުމުގެ ނުބައިކަމާއި، ފާޙިޝްކަމާއި، އެކަމަށް އިސްލާމްދީން ކަނޑައަޅުއްވައިފައިވާ ޢުޤޫބާތުގެ ބޮޑުކަމަށް އެބައިމީހުންނަކަށް އެއްވެސް ވަރަކަށް ބަލައެއް ނުލެވެއެވެ. އެހެންކަމުން، ރާއްޖޭގައި ޒިނޭ އާންމުވެފައިވަނީ އިސްލާމީ މުޖުތަމަޢެކޭ ބުނަން ލަދުގަންނާންޖެހޭ މިންވަރަކަށެވެ.

އަޅުގަނޑުމެން އިޞްލާޙުވާން އެބަޖެހެއެވެ. މާތް ﷲ އަށް ބިރުވެތިވާން އެބަޖެހެއެވެ. އެކަލާނގެ މުޤައްދަސް ކުރެއްވި ކާވެނީގެ ގުޅުމަށް އެ ގުޅުމުގެގެ ފުރިހަމަ ޙައްޤު ދޭން އެބަ ޖެހެއެވެ. ޤިޔާމަތެއް އަންނާނޭކަން ހަނދާންކުރާން އެބަ ޖެހެއެވެ. އެހެން ނޫނީ، ދުނިޔެއާއި އާޚިރަތުގައި އަޅުގަނޑުމެންނަށް އޮތީ ގެއްލުމާއި ހަލާކެވެ.

 

- މަޢުލޫމާތު: ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން