ހެޔޮ ޢަމަލެއް ކޮށްލުމަކުން އަދި ނުފުދޭނެ! ވިއްދައިގެން ކުރަންޖެހޭ ކަންތައްތައްވެސް ކުރަންވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 4ސ
ހެޔޮ ޢަމަލެއް ކޮށްލުމަކުން އަދި ނުފުދޭނެ! ވިއްދައިގެން ކުރަންޖެހޭ ކަންތައްތައްވެސް ކުރަންވާނެ!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ހެޔޮ ޢަމަލެއް ކޮށްލެވުމުން އެއޮތީ އެކަން ނިމިފައި ކަމަށެވެ. ތިމާގެ މަސްއޫލިއްޔަތު އަދާކުރެވި ނިމިފައި ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެހައި ފަސޭހައިން ނިންމައިލެވެން އޮތް ކަމެއް ނޫނެވެ. 

ސަބަބަކީ އަހުރެމެންނަށް ލިބިފައިވާ ޢިލްމުގެ ކުޑަކަމާއި އަދި އަހުރެމެންގެ ކިބައިގައިވާ އުނި ކަންތައްތަކުގެ ސަބަބުން ކުރެވޭ އަޅުކަމުގައިވެސް އުނި އެތައް ބައިވަރު ކަންތައްތަކެއް ހުންނާނެއެވެ. 

މިޘާލަކަށް ނަމާދުގައި ޚުޝޫޢަތްތެރިވެވޭ ހެއްޔެވެ؟ ޛިކުރުކުރާއިރު މާނަ ހިތަށް ގެނެވޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން ކިޔޭ އެއްޗަކަށް ސަމާލުކަންދެވޭ ހެއްޔެވެ؟ ގިނަ މީހުން ދުލުން ޛިކުރުކިޔާއިރު ހިތް އޮންނަނީ ކޮންމެވެސް އެހެންކަމެއްގައި ނޫން ހެއްޔެވެ؟ 

ތިރީގައިވާ ލިޔުމުން ގިނަ ކަންތައްތަކެއް އެނގިލައްވާނެއެވެ. އިން ޝާ ﷲ   

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ކޮންމެ ހެޔޮ ޢަމަލަކީވެސް ﷲ ތަޢާލާގެ ވާގިފުޅާ ލައިގެން މެނުވީ އަޅާއަށް ކުރެވޭނެކަމެއް ނޫނެވެ. ﷲ ތަޢާލާއަށް އިޚްލާޞްތެރިކަމާ އެކުގައި އަދި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައިވާ ގޮތަށް ކުރާ ހެޔޮ ޢަމަލުން އަޅާއަށް ގިނަގުނަ ފައިދާތައް ކުރާނެއެވެ. 

ހެޔޮ ޢަމަލެއް ނިމުމާ ދިމާއަށް މިސްރާބު ޖަހާ އިރުގައި ވިސްނާލުން މުހިންމު ކަންތައްތަކެއް ވެއެވެ.  

ފުރަތަމައީ: އެ ޢަމަލު ޤަބޫލުކުރައްވާތޯ ދުޢާކުރުން:

ތަޢާލާގެ އަމުރުފުޅަށް އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނު عليهما السلام ކަޢުބަތުﷲ (ގެފުޅު) ބިނާކުރައްވަމުން ގެންދިޔަ އިރު، އެ އެ ދެ ބަފައިކަލުން ދުޢާކުރައްވަމުން ގެންދެވީ އެ ޢަމަލު ޤަބޫލުކުރެއްވުމަށް އެދިއެވެ.

ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ﴾‏ [سورة البقرة ١٢٧]

މާނައީ: "އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނު، ދެ ބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރާށެވެ! (އެހިނދު އެބޭކަލުން ދުޢާކުރެއްވިއެވެ.) އަޅަމެންގެ ރައްބެވެ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބައިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."  

ދެވަނައީ: އެ ޢަމަލު ޤަބޫލުކުރައްވާނެކަމަށް އުންމީދު ކުރުމާއި އެ ޢަމަލު ޤަބޫލު ނުވެދާނެތީ އެކަމާ މެދު ބިރުވެތިވުން:

ކޮންމެ އަޅުކަމެއް އަދާކުރާއިރުގައިވެސް އުންމީދާއި ބިރުވެތިކަމާ އެކުގައި އެ އަޅުކަމެއް އަދާކުރުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ކަމެކެވެ. ޒަކަރިއްޔާ عليه السلام ގެ ޢާއިލާގެ ބޭކަލުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ . 

﴿إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ﴾ [سورة الأنبياء ٩٠]

މާނައީ: "ހަމަކަށަވަރުން އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ އަދި އެދުމާއި ބިރުވެތިކަމާއެކު ތިމަންއިލާހަށް ދުޢާކުރައްވާ (ނުވަތަ އަޅުކަންކުރައްވާ) ކަމުގައި ވިއެވެ. އަދި ތިމަން އިލާހަށް ޚުޝޫޢަތްތެރިވި ބަޔަކުކަމުގައި އެބޭކަލުން ވިއެވެ." 

އަދި އުންމުލް މުއުމިނީން ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. 

އޭ ﷲ ގެ ރަސޫލާއެވެ!

﴿وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ﴾ [سورة المؤمنون٦٠]

މާނައީ: ”އަދި އެބައިމީހުންނީ އެބައިމީހުންގެ ރައްބުގެ ޙަޟްރަތަށް، ހަމަކަށަވަރުން އެނބުރިދާނޭކަމާމެދު، ހިތްތައް ބިރުވެތިވެގެންވާ ޙާލު އެބައިމީހުން ދޭ އެއްޗެއް ދޭ މީހުންނެވެ". 

މި އާޔަތުގައި މިވަނީ ވައްކަންކޮށް، ޒިނޭކޮށް އަދި ރާ ބޯ މީހާ، އެކަންކަމަށްޓަކައި ﷲ عز وجل އަށް ބިރުވެތިވާ ވާހަކަ ހެއްޔެވެ؟" 

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

"އޭ އަބޫބަކުރުގެފާނުގެ ދަރިކަނބަލުންނޭވެ! ނޫނެކެވެ. އެހެނަސް އެއީ ނަމާދުކޮށް ރޯދަހިފައި ޞަދަޤާތްކުރާ ޙާލު، ﷲ ތަޢާލާ އެކަންތައްތައް ޤަބޫލުފުޅު ނުކުރައްވަފާނެކަމަށް ބިރުވެތިވާ މީހުންނެވެ."

[رواه الترمذي (3175) وصححه الألباني في تحقيقه لكتاب الإيمان لابن تيمية (ص: 162)]  

ތިންވަނައީ: އެ ޢަމަލުކުރިއިރު ފަރުވާކުޑަކުރެވިފައި އޮވެދާނެތީ އެކަމަށްޓަކައި ފާފަފުއްސެވުމަށް އެދި ދެންނެވުން: 

އަންނަނިވި އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ. 

﴿ثُمَّ أَفِيضُوا مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ﴾‏ [سورة البقرة ١٩٩]

މާނައީ: "ދެން (ޢަރަފާތުން މުޒްދަލިފާއަށް) އެނބުރި އަންނަ މީސްތަކުންނާއެކު ތިޔަބައިމީހުންވެސް އެނބުރި އަންނާށެވެ! އަދި ތިޔަބައިމީހުން ﷲގެ ޙަޟްރަތުން ފާފަ ފުއްސަވައި ދެއްވުމަށް އެދޭށެވެ! ހަމަކަށަވަރުން ﷲއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ." 

"އަޅުކަން ނިމުމުން އެއިލާހު ހަނދުމަކުރުމަށް ﷲ ތަޢާލާ ވަރަށް ގިނަ ފަހަރަށް އަމުރުކުރައްވާފައި ވެއެވެ. އެހެންކަމުން ޞަޙީޙު މުސްލިމުގައި ވާރިދުވެގެން އައިސްފައިވަނީ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ނަމާދު ނިންމަވާލައްވާފައި، ﷲ ތަޢާލާގެ ޙަޟްރަތުގައި ފާފަފުއްސަވައިދެއްވުން އެދި ތިން ފަހަރު ދަންނަވާ ކަމުގައެވެ." 

އަދި އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

"ޖުމްލަ ގޮތެއްގައި ދަންނަވާނަމަ އަޅާ ކުރާ ހުރިހާ ޢަމަލެއްގައިވެސް، ރައްބުގެ ޙަޟްރަތުގައި އޭނާގެ ޙާލަކީ މިއީއެވެ. އޭނާއަށް އެކަމުގެ ޙައްޤު ފުރިހަމައަށް އަދާ ނުކުރެވޭނެކަން އޭނާއަށް އެނގޭނެއެވެ. އެހެންވެ އޭނާ އަބަދުމެ ކޮންމެ ޢަމަލަކަށް ފަހުގައިވެސް ފާފަފުއްސެވުމަށް އެދި ދަންނަވާނެއެވެ." 

ހަތަރުވަނައީ: އިސްލާމްދީނުގެ މަތީގައި ޘާބިތުވެ ހުރުމަށާއި ކުރެވޭ ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމި ހުރުމަށް ޢަޒުމު ކަނޑައެޅުން: 

ސުފްޔާނު ބުން ޢަބްދުﷲ އައްޘަޤަފީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

"އޭ ﷲގެ ރަސޫލާއެވެ! އިސްލާމްދީނުގައިވާ ކަންތައްތަކުގެ ތެރެއިން، ކަލޭގެފާނަށް ފަހު (ނުވަތަ ކަލޭގެފާނު ފިޔަވާ) އެހެން އެއްވެސް މީހެއްގެ ގާތުގައި، އަހަންނުޖެހޭ ބަހެއް، ތިމަންކަލޭގެފާނަށް ބުނެދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«قُلْ آمَنْتُ بِاللهِ، فَاسْتَقِمْ» [رَوَاهُ مُسْلِمٌ 62 – (38)]

މާނައީ: "ﷲ އަށް އަހަރެން އީމާންވެއްޖައީމޭ ބުނާށެވެ. ފަހެ އެގޮތުގެ މަތީގައި ޘާބިތުވާށެވެ." 

އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލުތަކަކީ ކިތަންމެ މަދު ވިޔަސް ދާއިމަށް ކުރެވޭ ޢަމަލުތަކެވެ. 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«وَأَنَّ أَحَبَّ الأَعْمَالِ إِلَى اللَّهِ أَدْوَمُهَا وَإِنْ قَلَّ» [رواه البخاري (6464)]

މާނައީ: "އަދި ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލުތަކަކީ ކިތަންމެ މަދުވިޔަސް، ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލުތަކެވެ." 

އޭ ﷲ! އަޅަމެންގެ ކިބައިން އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާނދޭވެ! އަދި އަޅަމެންގެ ފާފަފުއްސަވައި ބާއްޖަވެރިންގެ ތެރެއިން އަޅަމެން ލައްވަވާނދޭވެ! 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ/ ދިސަލަފިއްޔާ

 

މިއަދު އޮންލައިން