ފިރިމީހާ ޢާއިލާއަށް ޚަރަދުކުރަމުން ނިކަމެތިންނަށް އެހީތެރިވާތީ ޙަސަދަވެރިވި އަންތބަކަށް ލިބުނު ބޮޑު ދެރައިގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފިރިމީހާ ޢާއިލާއަށް ޚަރަދުކުރަމުން ނިކަމެތިންނަށް އެހީތެރިވާތީ ޙަސަދަވެރިވި އަންތބަކަށް ލިބުނު ބޮޑު ދެރައިގެ ވާހަކަ-

އެއީ އެހައި ތަނަވަސް މީހެއް ނޫންނަމަވެސް މީސްތަކުންނަށް ވަރަށް ދީލަތި މީހެކެވެ. އޭނާއަށް ލިބޭ މިންވަރަކުން އިސްކަންދެނީ ޢާއިލާއަށް ޚަރަދުތައް ކުރުމަށެވެ. ޢާއިލާއަށް ޚަރަދުކޮށްފައި އިތުރުވާ ފައިސާއިން ދަތިޙާލުގައި އުޅޭ މީހުންނަށް ޞަދަޤާތް ކުރެއެވެ. 

މިކަން އޭނާގެ އެއް އަންތބަށް ކަމަކުނުދެއެވެ. އެހެންވެ ފިރިމީހާ ނިދީމައި ފޯނު ނަގައި ފޯނުގައި ހުންނަ މެސެޖްތައް ކިޔައެވެ. އެއްވެސް މީހަކު ކަމަކަށް އެދުމުން އޭނާގެ ބޭނުން ފުއްދައިދީފައިވާކަން އެނގިއްޖެނަމަ އެމީހަކަށް ގުޅައި އެއްޗެތި ގޮވައެވެ. މީހުންގެ ފިރިން ފެލަނީކަމަށްވެސް ބުނެއެވެ. މިކަން ފިރިމީހާއަށް އެނގުނީ ވަރަށް ނިކަމެތި ބައެއް އަންހެނުންނާއި ބައްދަލުވެ ދެކެވުނު ވާހަކަތަކުންނެވެ. 

އޭނާ ވަރަށް ދެރަވިއެވެ. ނަމަވެސް އަޅަންޖެހޭ އިތުރު ފިޔަވަޅެއް ނެތެވެ. ދެމަފިރިންގެ މެދުގައި ހިނގި މައްސަލަތަކަކާއިގުޅިގެން އެއިރުވަނީ ކައިވެނިރޫޅިފައެވެ. އަނބިމީހާ ދިއައީ ކައިވެނި ރުޖޫޢަކޮށްދިނުން އެދި އާދޭސްކުރަމުންނެވެ. ފިރިމީހާ އެހިސާބުން ނިންމީ އެފަދަ ޚަޞީލަތް ނުބައި އަމިއްލައެދުން ބޮޑު އަންހެނަކާއި ވައިވެސް ނުއެޅުމަށެވެ. 

މިހާދިސާ ފާހަގަކޮށްމިލަނީ އެންމެ ބޭނުމަކުއެވެ. ނިކަމެތިންގެ ހިތުގައި ޖެހޭނެފަދަ އެއްވެސް ކަމެއް ނުކުރަން ބުނުމަށެވެ. ނިކަމެތިން ކުރާ ދުޢާ ޢިޖާބަކުރައްވެވުން އަވަސްވުން ގާތްކަން ބޮޑެވެ. ނިކަމެތި މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ކަންކަން ކުރުމުން އެކަމާއި ގުޅިގެން އޭނާ ބަދުދުޢާ ނުކުރިނަމަވެސް އޭނާ ދެރަވާނެއެވެ. އޭނާގެ ހިތަށް ވަރަށް އަސަރުކުރާނެއެވެ. ކަރުނައަޅާނެއެވެ! 

އެކަންކަން 7 އުޑުމަތިން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ވީމާ ނިކަމެތިންގެ ހިތުގައި ޖެހޭނެފަދަ ކަންކަން ނުކުރާށެވެ! އަދި މިޙާދިސާއަށް ބަލާއިރު މިއީ އަނބިމީހާ ބެހިގެންވާނެވެސް ކަމެއް ނޫނެވެ. ޢާއިލާގެ ބޭނުންތައް ފިރިމީހާ ފުއްދައިދޭނަމަ އޮތީ ޝުކުރުވެރިގެން އިނުމެވެ. 

މިފަދަ ކަންކަން ކުރިމަތިވަނީ ހިތްނުފުރޭތީއެވެ. ހިތް ނުފުރުމަކީ މީހާގެ ދެދުނިޔެ ގެއްލިގެންދާ ކަމެކެވެ. ވީމާ ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަންވާނީ ހިތްފުރިގެން ހުރުމަށެވެ. ދަހިވެތިނުވުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން