ބައެއް މީހުންނަށް ކަންކަން ކުރިމަތިވުމުން ކެތްތެރިވާން އުނދަގޫވާ އެންމެ ބޮޑު އެއްސަބަބަކީ އެޙާލަތު ޖެހުނު ކޮންމެވެސް މީހަކަށް ކުރިމަތިވި ކަންކަން ތިމާއަށްވެސް ކުރިމަތިވާނެކަމަށް ޤަބޫލުކުރެވޭތީއެވެ. އެއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. އެކަން ބަޔާންކޮށްދޭން މިބުނެދެނީ ވަރަށް އާދައިގެ ބައެއް ކަންކަމުގެ ވާހަކައެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމަށް ވިސްނާށެވެ!
މިސާލަކަށް ބުނާ ނަމަ ޢިމާރާތެއްގައި އަލިފާން ރޯވެ އަނދައިގެންދާއިރު އެތައް ބައަކު މަރުވި ނަމަވެސް ސަލާމަތްކުރައްވަވަންހުރި އަޅަކު ސަލާމަތްކުރައްވަވައެވެ. އަނިޔާ ލިބޭ މީހުންނަށްވެސް ލިބެނީ އެކިވަރަށެވެ. އެއްވެސް އަނިޔާއެއް ނުލިބިވެސް ސަލާމަތްވެއެވެ.
ހަމައެގޮތަށް ޢިމާރާތެއް ވެއްޓޭތާ އެތައް ދުވަހެއް ފަހުން އިމާރާތުގެ ފާރުތަކުގެ ދަށުން ދިރިތިއްބައި އެބަ ސަލާމަތްކުރެވެއެވެ. އުޅަނދުފަހަރު ފެތި އެތައް ބައަކު ކަނޑުވެ މަރުވާއިރު އެތައް ބައަކު ސަލާމަތްވެސް އެބަ ކުރައްވަވައެވެ.
މިފަދަ ކޮންމެ ކަމަކުންވެސް އެނގިގެންދަނީ ﷲ ތަޢާލާ ސަލާމަތްކުރައްވަވަން އިރާދައިގައި ހުރި އަޅަކު ސަލާމަތްކުރައްވަވާނެ ކަމެވެ. ޙިމާޔަތް ކުރައްވަވާނެ ކަމެވެ. މުޞީބާތްތައް ކުރިމަތިކުރެއްވެވިނަމަވެސް ކޮންމެ މީހަކަށް މެދުވެރިކުރައްވަވާނީ އެގޮތަކަށް، އެއްމިންވަރަކަށް ނޫންކަމެވެ.
މުސްލިމުންގެ ގޮތަކަށްވާން ޖެހޭނީ މުޞީބާތެއް ކުރިމަތިކުރައްވަވައިފިނަމަ ކެތްތެރިވާން މަސައްކަތްކުރުމެވެ. އެހެނީ މުޞީބާތަށް ކެތްތެރިވުމަކީ ވެސް ޖިހާދެކެވެ. އެ ޖިހާދު ފުރިހަމަ ގޮތުގައި ކުރެވިއްޖެ ނަމަ ފައިދާ ކުރާނެއެވެ! އިން ޝާ ﷲ
އެއްވެސް މުޞީބާތެއް ތިމާއަށް ކުރިމަތިކުރައްވަވައިފާނެ ކަމަށް ޔަޤީން ނުކުރާށެވެ! އުންމީދުކުރަންވާނީ މުޞީބާތްތަކުން ތިމާ ސަލާމަތްކުރައްވަވާނެ ކަމަށެވެ. ދުޢާކުރަންވާނީ ވެސް މުޞީބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދިއެވެ. މުޞީބާތް ކުރިމަތި ނުކުރެއްވެވުން އެދިއެވެ.
ދުޢާ ކުރަމުން ދަނިކޮށް މުޞީބާތެއް ކުރިމަތިކުރައްވަވައިފިނަމަ އޮތީ އެއީ ކުރިމަތި ކުރެއްވެވި އިމްތިޙާނެއް ކަމަށް ދެކެ އެކަން ބަލައިގަންނާށެވެ! އެއިރުން އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން