އަހުރެމެން ދެމީހުންނަކީ އަވަށްޓެރިންނެވެ. ކުޑައިރު ކުޅެން އުޅުނީވެސް އެކުގައެވެ. އެންމެ ކުޑައިރުވެސް އެކަކު އަނެކެއްގެ ގެއަށް ގޮސް އުޅެމެވެ. އުޅުނީ ވަރަށް ގާތް 2 އެކުވެރިންގެ ގޮތުގައެވެ.
އެގޭގައި ވަރަށް ބައިވަރު ފިނިފެންމާ ގަސްތައް ހުރެއެވެ. ފުރާވަރަށް އެރިފަހުން ކޮންމެ ހުކުރު ދުވަހަކު އަހުރެންނަށް ފިނިފެންމަލެއް ދެއެވެ. ހީކުރެވިފައި އޮތީ އެއީ ހަމަ އެކުވެރިކަމުގައި ކުރާ ކަމެއް ކަމަށެވެ.
ފުރަތަމަ ކައިވެނިކުރީ އަހަރެންނެވެ. ކައިވެނީގެ ޙަފްލާއަށް އޭނާ އައިސްހުރިއިރު އިރުކޮޅުން ރުމާލަކުން މޫނުފުހެލާކަން ފާހަގަކުރެވިގެން ސަމާލުކަންދިނީމެވެ. އޭނާ ފުހުނީ ދެލޮލުން ފައިބާ ކަރުނަކަން އެނގުމުން ވަރަށް ދެރަވިއެވެ. އެކަމުގެ ޙަޤީޤަތް ވިސްނުމުން ކުރެވުނު ކައިވެނިމަތިން ފޫހިވިއެވެ. ކައިވެނިކުރެވުނީތީ ދެރަވިއެވެ. ހިތަށް ހަމަޖެހުމެއް ލިބުނީ ޢޭނާވެސް ކައިވެނިކުރުމުންނެވެ.
އެންމެ މުހިންމު ކަމަކީ އަހަރެން ކައިވެނިކުރިފަހުންވެސް ދެމީހުންގެ މެދުގައި ގާތް އެކުވެރިކަން އޮތެވެ. ކޮންމެ ހުކުރު ދުވަހަކު މައުވެސް ލިބެއެވެ. ގޭގެ ގަހެއްގައި މަލެއް ނެތްނަމަ ގަނެފައިވެސް މަލެއް ދެއެވެ. އެކަމެއް ނުހުއްޓެއެވެ. އެކަން އޮތީވެސް ދެމީހުންގެ މެދުގައި ސިއްރެއްގެ ގޮތުގައެވެ.
މަރުބަލި ޖެހި އެނދުން ނުތެދުވެވޭ ޙާލަތަށް ދަންދެން އެކަން އެގޮތަށް ދެމިއޮތެވެ. ނަމަވެސް ދެމީހުންގެ މެދުގައި ދުވަހަކުވެސް ލޯބީގެ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެދެމަފިރިންނާއި އަހަރެމެން ދެމަފިރިން އުޅުނީ ވަރަށް ގާތް އެކުވެރިންގެ ގޮތުގައެވެ.
އޭނާ ކަރުނައެޅިތަން އަހަރެންނަށް ފެނުނީ ހަމައެކަނި އެރޭގައެވެ. އެކަމާދެރަވެ އަހަރެން ކަރުނައެޅިކަމެއް އަދި ކަރުނައެޅިވަރެއް އޭނާއަކަށް ނުއެނގޭނެއެވެ. އަހުރެން މިއަދު މިއަޅާ ކަރުނަ ޢޭނާއަކަށް ނުފެންނާނެއެވެ. މިލޯބި ސިފަކޮށްދޭން އިތުރަށް ބުނާނެ ޢިބާރާތެއް ނުއެނގެއެވެ.
މިއީ ޢުމުރުން 75 އަހަރުގައި ނިޔާވި އަންހެނެއްގެ ޖަނާޒާ ނިމިގެން އޭނާގެ ޖަނާޒާގައި ބައިވެރިވި ފިރިހެނަކު ކަރުނައަޅަމުން ކިޔައިދިން ވާހަކަކޮޅެކެވެ. ކޮންފަދަ ސާފުޠޯހިރު ލޯތްބެއް ހެއްޔެވެ؟