ޢަލީ އިޙްޞާން ފިރާޤް
ސުންނަތުގައި ބަޔާންވެގެންވާ ނަބިއްޔުން:
ބައެއް ނަބީބޭކަލުންގެ ވާހަކަ ޤުރްއާނުގައި ކަނޑައެޅިގެން އެބޭކަލުންގެ ނަންފުޅުތަކުން ބަޔާން ކުރައްވައިފައި ނެތްކަމުގައި ވިޔަސް، ސުންނަތުން އެބޭކަލުންގެ ވާހަކަ އާއި ނަންފުޅު އެނގެން ހުންނަ ނަބީބޭކަލުންވެއެވެ. އޭގެ ތެރެއިން އެއްބޭކަލަކީ ސަލާމްލެއްވި ޔޫޝަޢު ބުނު ނޫންއެވެ. ނަމަވެސް ޤުރްއާނުގެ ބައެއް އާޔަތްތަކުން އެކަލޭގެފާނަށް އިޝާރާތް ކުރައްވައިފައިވާކަމަށް ޢިލްމުވެރިން ލިޔުއްވައެވެ. އެގޮތުން ސޫރަތުލް ކަހަފުގެ 60 ވަނަ އާޔަތުގައި އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠﴾
މާނައީ: [ موسى ގެފާނު އެކަލޭގެފާނުގެ خادم ކުއްޖާއަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާނދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ.]
މިދެންނެވި އާޔަތުގައި އެ ބަޔާން ކުރައްވައިފައިވާ ޚާދިމު ކުއްޖާއަކީ يوشع بن نون ކަމަށް މުފައްސިރުން އެއްބަސްވެވަޑައިގެންފައިވެއެވެ. އަދި މި ވާހަކަ ތަފްސީލުކޮށް ބަޔާންވެގެންވާ ޞައްޙަ ޙަދީޘުތަކުގައިވެސް ޞަރީޙަ ޢިބާރާތުން އެއީ ޔޫޝަޢުގެފާނު ކަމުގައި ބަޔާންވެގެން އައިސްފައިވެއެވެ. މިނޫނަސް ޤުރްއާނުގެ އެހެން އާޔަތްތަކުގައިވެސް ޔޫޝަޢުގެފާނުގެ ވާހަކަ ބަޔާން ކުރައްވައިފައިވާކަމަށް ތަފްސީރު ޢިލްމުވެރިންގެ ލިޔުއްވުންތަކުން ދޭހަވެއެވެ.
ރިޔާޟުއް ޞާލިޙީންގައި ތެދުބުނުމުގެ ބާބުގައި، ރިވާކޮށްފައިވާ ޙަދީޘެއްގައިވެއެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލަކު ހަނގުރާމައެއް ކުރެއްވިއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ވިދާޅުވިއެވެ. [މީހަކާއިނުމަށް ގަސަދުކޮށް ކާވެނިކޮށް އަނބިމީހާއާއެކު ރޭނުކޮށް ހުރި މީހަކު ތިމަންކަލޭގެފާނާއެކު ހަނގުރާމައަށް ނިކުމެގެންނުވާނެއެވެ. އަދި ގެއެއް ބިނާކުރަންފަށައި ގޭގެ ފުރާޅުއަޅައި ނުނިމޭ މީހުންނާއި، މާބަނޑުވެފައިވާ ބަކަރިއެއް ނުވަތަ މާބަނޑުވެފައިވާ ޖަމަލެއް ގަނެ އޭގެ ދަރިވިހާނެ އިރަކަށް އިންތިޒާރުކުރާ މީހަކުވެސް ނުކުމެގެންނުވާނެއެވެ.
ފަހެ އެކަލޭގެފާނު ނުކުމެވަޑައިގެން އެ ރަށާ ހަމައަށް ވަޑައިގެންނެވުނީ، ޢަޞްރުނަމާދުގެ ވަގުތުގައެވެ. އެކަލޭގެފާނު އިރަށް މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [ތިބާއަކީ އަމުރުވެވިގެންވާ އެއްޗަކީމެވެ. ތިމަންކަލޭގެފާނަކީވެސް އަމުރުވެވިގެންވާ މީހަކީމެވެ.] ދެން އެކަލޭގެފާނު މާތްﷲ އަށް ދުޢާ ދަންނަވައި ވިދާޅުވިއެވެ. [އަޅުގެވެރި ރަސްކަލާކޮ! އަޅަމެންނަށްޓަކައި އެ އިރު ހިފަހައްޓަވައިފާނދޭވެ.]
އެކަލޭގެފާނު ގެ ދުޢާފުޅުގެ ސަބަބުން އެރަށުގެ އަހުލުވެރިންނާ ހަނގުރާމަކުރައްވައި އެރަށް ފަތަޙަ ކުރައްވަންދެން އިރުގެ ހިނގުން ހިފެހެއްޓުނެވެ. ދެން ހަނގުރާމައިގެ ޣަނީމާމުދާ އެއްކުރެވުނެވެ. ހަނގުރާމައިގެ ޣަނީމާމުދާ އަންދައިލުމަށްޓަކައި އުޑުން އަލިފާން އައެވެ. ނަމަވެސް އެތަކެތި އަންދައެއް ނުލިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.[ ތިޔަބައިމީހުންގެ ތެރޭގައި ޣަނީމާއިން ޚިޔާނާތްތެރިވީ މީހަކުވެއެވެ. ފަހެ ކޮންމެ ޤަބީލާއަކުން މީހަކު އައިސް ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިފާށެވެ. އޭގެ ތެރެއިން އެކެއްގެ އަތް އެކަލޭގެފާނުގެ އަތްޕުޅުގައި ތަތްވިއެވެ. އެ މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. [ޣަނީމާމުދަލާމެދު ޚިޔާނާތްތެރިވި މީހާވަނީ ކަލޭގެ ޤަބީލާގެ ތެރެއިންނެވެ. ކަލޭގެ ޤަބީލާގެ އެންމެން އައިސް ތިމަންކަލޭގެފާނުގެ އަތުގައި ހިފައި ބައިޢަތުހިފާށެވެ.]
ދެން އެގޮތަށް ކަންތައްކުރުމުން އެ ޤަބީލާގެ ދެމީހެއް ނުވަތަ ތިންމީހެއްގެ އަތް އެކަލޭގެފާނުގެ އަތްޕުޅުގައި ތަތްވިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ ތެރޭގައި ޣަނީމާމުދަލުން ޚިޔާނާތްތެރިވި މީހަކު އަދިވެސް އެބަވެއެވެ.] ދެން އެބައިމީހުން ގެރިއެއްގެ ބޮލުގެ ސިފައިގައި ރަނުން ހަދައިފައިވާ އެއްޗެއް ގެނެސްފިއެވެ. ދެން އޭތި ޣަނީމާ މަދަލުގެ ތެރޭގައި ބޭއްވިއެވެ. އެއާއެކު އަލިފާން އައިސް ޣަނީމާ މުދާތައް އަންދައިލައިފިއެވެ.
މާތް ރަސޫލާ ﷺ ޙަދީޘު ކުރެއްވިއެވެ. [ތިމަންކަލޭގެފާނުގެ ކުރީގެ އެއްވެސް އުއްމަތަކަށް ޣަނީމާ މުދާ ޙަލާލުވެގެނެއްނުވެއެވެ. އަހަރެމެންގެ މައްޗަށް ޣަނީމާމުދާ ޙަލާލުކޮށްދެއްވީ، އަހަރެމެންގެ ކިބައިގައިވާ ނިކަމެތިކަމާއި ބޭނުންބޮޑުކަން މާތްﷲ ދެކެވޮޑިގެންނެވެ.]
{ صحيح البخاري، كتاب فرض الخمس، بَابُ قَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «أُحِلَّتْ لَكُمُ الْغَنَائِمُ»، وَقَالَ اللَّهُ تَعَالَى: {وَعَدَكُمُ اللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَذِهِ} وَهْيَ لِلْعَامَّةِ حَتَّى يُبَيِّنَهُ الرَّسُولُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.. ޙަދީޘް 3124}
މިދެންނެވި ޙަދީޘުގައި ބަޔާންވެގެންވާ ނަބީބޭކަލަކީ يوشع عليه السّلام ކަމަށް އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ބުރަވެލައްވައެވެ. އޭނާ ލިޔުއްވައިފައިވާ އަލްބިދާޔާ ވައްނިހާޔާގައި، ޔޫޝަޢުގެފާނުގެ ވާހަކަ ބަޔާންކުރެއްވި ތަނުގައި މި ޙަދީޘު ނަކަލު ކުރައްވައިފައިވެއެވެ.