އިންސާނުންގެ ޙަޔާތާއި ގުޅިފައިވާ ކަންކަން ދެނެގަތުމަށް ސައިންސްވެރިން އަބަދުވެސް މަސައްކަތްކުރެއެވެ. އެގޮތުން ޝުކުރުވެރިވުމުން ކުރާ ފައިދާ ދެނެގަތުމަށްވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މިހައިތަނަށް ހޯދިފައިވާ މަޢުލޫމާތަށް ބަލާއިރު ޝުކުރުވެރިވާ މީހުންނަށް ޝައުޤުވެރިވުމާއި ކަންކަމުގައި ކުރިއަށް ދިއުމުގެ ހިތްވަރު 20 އިންސައްތަ އިތުރުވެއެވެ. މީގެ އިތުރުން ޝުކުރުވެރިވާ މީހުންގެ ޢުމުރު ދިގުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އެކަން އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޝުކުރުވެރިވާ މީހުން ކަންކަމަށް ވިސްނާ މިންވަރުކުޑަވާނެއެވެ. މިބުނަނީ ލިބުނު މިންވަރަށް ޝުކުރުވެރިވާނަމަ އިތުރަށް ނުލިބިގެން ކަންބޮޑުވާ މިންވަރުކުޑަވާނެއެވެ. އެކަމުގެ ނަތީޖާއަކަށްވާނީ ފިކުރު ބޮޑުވުމުން ސަލާމަތްވެވި ހިތްހަމަޖެހިގެން އުފަލުގައި ހުރެވުމެވެ. އެކަމުން ޞިއްހަތަށް ފައިދާތަކެއް ކުރާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
އަހުރެންނަކީ ސައިންސްވެރިއެއް ނޫނެވެ. ވީމާ އެފަދަ ދިރާސާތަކެއް ނުކުރެވެއެވެ. އެކަން ނުކުރެވުނަސް އަހުރެންގެ ތަޖުރިބާއިން އެނގޭކަމެއް ބުނެލާނަމެވެ. އެއީ ﷲ ތައާލާ ދެއްވަވާ މިންވަރަށް ޝުކުރުވެރިވާ މީހުން އަޅުކަންކުރުމުގައި ގިނަ ވަޤުތު ހޭދަކުރެއެވެ. އަދި ގިނައިން ތިބެނީވެސް ހިނިތުންވެގެންނެވެ. ކުރިން މިބުނި ފަދައިން ކަމެއް ކުރިމަތިވިނަމަވެސް ތެޅިފޮޅިނުގަންކަން ފާހަގަކުރެވެއެވެ.
ކޮންމެއަކަސް ޝުކުރުވެރިވުމަކީ އިސްލާމް ދީން އެކަމަކަށް އެންމެ ބޮޑަށް ބާރުއަޅާ އެއްކަންތަކެވެ. އީމާންކަންމަތީގައި ޘާބިތުވެ ހުރެވޭނީވެސް ޝުކުރުވެރިވާ އަޅުންނަށެވެ. ނަމަވެސް ހިތާމައަކީ އެމަތިވެރި ސިފަ ލިބިގަންނަނަ މަސައްކަތްކުރާ މީހުން މަދުވަމުން އަންނަކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން