ޢަލީ އިޙްޞާން ފިރާޤް
ނަންފުޅު ބަޔާން ނުކުރައްވާ އެބޭކަލުންގެ ވާހަކަ ބަޔާން ކުރައްވައިފައިވާ ނަބިއްޔުން:
ކީރިތި ޤުރްއާނުގައި ބައެއް ނަބީބޭކަލުންގެ ވާހަކަ ބަޔާން ކުރައްވާއިރު އެބޭކަލުންގެ ނަންފުޅު ބަޔާން ނުކުރައްވާ އެބޭކަލަކާ ބެހޭ ބައެއް ޙާދިޘާތައް ބަޔާން ކުރައްވައިފައިވެއެވެ. އޭގެ ތެރެއިން އެއް ޙަދިޘާއަކީ މޫސާގެފާނަށްފަހު ބަނީއިސްރާއީލުންގެ ތެރޭގައި އުޅުއްވި ނަބީބޭކަލެއްގެ ވާހަކައެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 246 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
أَلَمْ تَرَ إِلَى الْمَلَإِ مِن بَنِي إِسْرَائِيلَ مِن بَعْدِ مُوسَىٰ إِذْ قَالُوا لِنَبِيٍّ لَّهُمُ ابْعَثْ لَنَا مَلِكًا نُّقَاتِلْ فِي سَبِيلِ اللَّـهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ الْقِتَالُ أَلَّا تُقَاتِلُوا ۖ قَالُوا وَمَا لَنَا أَلَّا نُقَاتِلَ فِي سَبِيلِ اللَّـهِ وَقَدْ أُخْرِجْنَا مِن دِيَارِنَا وَأَبْنَائِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا إِلَّا قَلِيلًا مِّنْهُمْ ۗ وَاللَّـهُ عَلِيمٌ بِالظَّالِمِينَ ﴿٢٤٦﴾
މާނައީ: [إسـرآءيـل ގެދަރިންގެ ތެރެއިން، موسى ގެފާނަށްފަހުން އުޅުނު جماعة އެއްގެ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ އެއީ، އެއުރެންގެ ނަބިއްޔަކަށް އެއުރެން ދެންނެވި ހިނދުގައެވެ. اللَّه ގެ މަގުގައި ތިމަންމެން ހަނގުރާމަކުރުމަށް ތިމަންމެންނަށް ރަސްކަލަކު ފޮނުއްވައި ދެއްވާށެވެ! އެ ނަބިއްޔާ ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވިޔަސް، ތިޔަބައިމީހުން ހަނގުރާމަ ނުކޮށް ތިބެދާނެ ނޫންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގޯތި ގެދޮރުންނާއި ދަރިންގެ ގާތުން ތިމަންމެން ނެރެލާފައިވާ حال، اللَّه ގެ މަގުގައި ތިމަންމެން ހަނގުރާމަ ނުކުރާންވީ ކީއްވެގެންތޯއެވެ؟ ދެން، އެއުރެންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވިހިނދު، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެކަމަށް ފުރަގަސްދިނޫއެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]
މި އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ ކޮން ނަބީބޭކަލެއްކަމެއް ޤުރްއާނުގެ އެހެން އާޔަތަކުންވެސް އަދި ޞައްޙަ ޙަދީޘަކުންވެސް އެނގޭކަށް ނެތެވެ. ނަމަވެސް ތާރީޚުގައި އެބޭކަލެއްގެ ނަންފުޅު އައިސްފައިވެއެވެ. ގިނަ މުއައްރިޚުންގެ ނަޒަރުގައި އެބޭކަލަކީ شَمْوِيلُ عَلَيْهِ السَّلَامُ އެވެ.